ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒަހަރާ ކުރި ދުވަހު މާލޭގައި އެއްޗެއް ގޮއްވާލަން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ރާވާފައިވާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
މިކަން ހާމަކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރުކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން އެކަން ހިނގާދިޔަ ގޮތް ބެލުމަށް އެކުލަވާލާފައިވާ ނެޝަނަލް އިންކްއަރީ ކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ މޭޑޭގައި އެއްޗެއް ގޮއްވާލަން ރާވައި އެކަމުގެ މަސައްކަތް ކޮށްފައިވާކަން އެނގުނީ ރިޔާސީ ލޯންޗްކޮޅުގެ ތަހުގީގުގެ ތެރެއިން ކަމަށެވެ. އެހެންކަމުން މިހާރު އެމައްސަލަ ވެސް ބަލަމުންދާ ކަމަށާއި އަދި އެކަމުގައި ވެސް އިސްކޮށް ހުންނެވީ ރިޔާސީ ލޯންޗްކޮޅުގެ މައްސަލާގައިވެސް އެންމެ ބޮޑަށް ތުހުމަތުކުރެވޭ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށެވެ.
އުމަރު ވިދާޅުވީ މޭޑޭގައި އެއްޗެއް ގޮއްވާލަން ރޭވީ ކޮން މަގުސަދެއްގައި ކަން އަދި އެނގިފައި ނުވާ ކަމަށާއި އެކަންކަން ތަހުގީގުގެ ތެރެއިން ހޯދަމުންދާ ކަމަށެވެ.
އުމަރު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ދެ ދުވަސް ކުރިން 26 ސެޕްޓެމްބަރު 2015ގެ މެންދުރުފަހު 1:15 ހާއިރު ހުޅުލޭ ކައިރިން ގެސްޓުންނާއި އެކު ދަތުރުކުރަމުން ދަނިކޮށް ރޯވެ އަނދާ ހުލިވި ލޯންޗްގެ މައްސަލަ ވެސް މިހާރު ކުރިއަށްދާ ތަހުގީގުގެ ތެރެއިން ބަލުމުންދާ ކަމަށެވެ. އެ ލޯންޗްގެ މައްސަލަ ބަލަނީ ރިޔާސީ ލޯންޗްކޮޅުގެ ހިނގާދިޔަ ފަދަ ހާދިސާއެއް އެ ލޯންޗްގައިވެސް ހިނގާފައިވާތީ މި ދެ ހާދިސާއާއި ގުޅުމެއް އޮވެދާނެތީ ކަމަށްވެސް އުމަރު ވިދާޅުވި އެެވެ.
އުމަރު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރުމަށްފަހު ބައެއް މީހުން ދޫކޮށްލި ނަމަވެސް އެމީހުންނަށް ކުރެވޭ ތުހުމަތުން އަދި ބަރީއަ ނުވާނެ ކަމަށެެވެ. އެމީހުންގެ މައްސަލަތައްވެސް މުޅިން ސާފުވާނީ ރިޔާސީ ލޯންޗްކޮޅުގެ މައްސަލާގައި ބަލަމުންދާ ހުރިހާ މައްސަލަތަކެއްގައި ކޯޓުން ގޮތެއް ނިންމުމުން ކަމަށްވެސް ވިދާޅުވި އެވެ.
މޭޑޭގައި އަދީބް އިސްވެ ހުންނަވައިގެން އެއްޗެއް ގޮއްވާލަން ރޭވި ކަަމަށް އުމަރު ވިދާޅުވެފައިވާއިރު މޭޑޭގައި އަދީބް ފިސްތޯލަ ގެންގުޅު ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާއެއްވެސް ކްރިމިނަލް ކޯޓުގައި ހިނގަމުންދެ އެވެ. އަދި އެދުވަހު އަދީބް ދެ ފިސްތޯލަ ގެންގުޅުނު ކަމަށްވެސް ދައުވާގައިވެ އެވެ.
މޭޑޭގައި ސަރުކާރުގެ ތެރޭގަައި އުޅުނު ބަޔަކު އެއްޗެތިތަކެއް ގޮއްވާލަން މަސައްކަތް ކޮށްފައިވާ ކަމަށް އެދުވަހުގެ މުޒާހަރާގައި އިސްކޮށް އުޅުނު ބޭފުޅެއް ކަމުގައިވާ އަދި މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. ނަމަވެސް ސަރުކާރުން މީގެ ކުރިން އަލީ ވަހީދުގެ އެ ތުހުމަތުތަކަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިދިޔަ އަހަރު މޭޑޭގައި އަދީބް ވަނީ އެއްޗެއް ގޮއްވާލަން ރާވާފައި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ