ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެ ދިވެހި ރައްޔިތުން ކުރާ ބުރަ މަސައްކަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެރުއްވި ތަހުނިޔާގެ ބަޔާނުގައި ވިދާޅުވީ މިނިވަން ދުވަސް ފާހަގަ ކުރާއިރު، ރާއްޖޭގެ ގައުމީ ސަލާމުގެ މުހިންމުކަން ހިތަށް ގެންނަން ޖެހޭ ކަމަށާއި، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެ ދިވެހި ރައްޔިތުން ކުރާ ބުރަ މަސައްކަތުން ކަމަށެވެ.
އެހެންކަމުން އެ ގައުމީ ސަލާމުގެ ރޫހާ އެއްގޮތަށް ރައްޔިތުން އުޅުމާއި ގުޅުންތައް ފަރުމާ ކުރުމަށް ގޮވާލައްވާ ކަމަށް މަސީހު ވިދާޅުވި އެވެ. އަދި އެކުވެރިކަން މަތީ ތިބެ ސަލާންކޮށް، ގައުމީ ބަހުން ހެޔޮ ދުއާކޮށް، ގައުމީ ނިޝާނަށް ބޯލެނބުން ފަދަ ވާހަކަތައް އެކަށަ އަޅަނީ އެކަންކަން ކުރުން މަތީ ދިވެހީން ދެމި ތިބެންޖެހޭކަމަށް ވެސް މަސީހު ވިދާޅުވި އެވެ.
މަސީހު ވިދާޅުވީ މިނިވަންކަމަކީ ވަރަށް ބޮޑު ނިއުމަތެއްކަމަށާއި، އެހާމެ އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނެެސްދޭ ކަމެއް ކަމަށެވެ. އަދި މިއަދު ދިވެހި ރާއްޖެއަށް މިނިވަންކަން ލިބިފައިވަނީ ދިވެހި އަބްތާލުންނާއި ދިވެހި ރައްޔިތުން ކުރި އަދި ކުރަމުންދާ މިންނަތް ބުރަ މަސައްކަތުން ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.
މިއަދު މި ގައުމަށް ލިބިފައިވާ މިނިވަން ކަމުގެ ޒިކުރާ އާކުރަމުންދާއިރު، މި ކަންކަން ހަނދުމަކޮށް، އެ ފަރާތްތަކަށް ހައްގުވެގެންވާ ޝުކުރު އަދާ ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މަސީހު ވަނީ އޭނާ އާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި ހުރިހާ ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ، އެ ބަޔާނުގައި ފޮނުވައިފަ އެވެ.
ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައިވަނީ ރައްޔިތުން ކުރާ ބުރަ މަސައްކަތުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ