"ކަލޭމެން ކިހިނެއް ވެގެންތަ ތިއުޅެނީ. އޭ. ކޮން ފައިދާއެއްތަ ވަނީ ތި އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން. މަގޭ ކަރުގަ ލޭރަހަ ލަންދެން މީނދަ އާމިރު ކައިރީގަ އާދޭސްކުރިން. ތި ސާވޭ ކުރަން އަންނަ މީހުން މިރަށަށް ނާރުވާށޭ. ކޮންކަމެއްވީ. އެމީހުން އައިސް ކުރީކީ ސާވޭއެއް ނޫނޭ. އެމީހުން އައިސް ކަލޭމެންގެ ބޯ ކާލީ. އެއީ އެމީހުން ކަލޭމެންނަށް ދެއްކި އެއްޗަކީ. އަވިގަދަ ދުވަސްދުވަހު މޫދުގެ ލޮނުގަނޑުން އެ ފެންނަނީ. އެއަށް ދިވެހިބަހުން ކިޔާނީ ދަޅަ."
މިއީ 2015 ވަނަ އަހަރު ބެއްވި ޓެލެޑްރާމާ މުބާރާތުން އެއްވަނައަށް ދިޔަ "އެއްފަސް" ޑްރާމާގެ ޑައިލޮގެކެވެ. ހައުސިން މިނިސްޓްރީން ތައްޔާރުކުރި އެ ޑްރާމާގައި ދައްކުވައިދިނީ ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން، ލ.ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރަން ކުރި މަސައްކަތެވެ. ޑްރާމާގެ މަންޒަރުތައްވެސް ނަގާފައިވަނީ ގާދޫގައެވެ.
އާބާދީ ގިނަ ބިން ބޮޑެތި ސަރަހައްދުތަކަށް ކުދި ރައްރަށުގެ މީހުން ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ޚިޔާލީ ޑްރާމާއެއްގެ ގޮތުގައި ހައުސިން މިނިސްޓްރީން ގެނެސްދިން ނަމަވެސް، އެ ޑްރާމާގައި މާބޮޑު ކުލައެއް ނުޖެހޭނެކަމަށް ގާދޫގެ ބައެއް ރައްޔިތުން ތިބީ ހީކޮށްގެނެއް ނޫނެވެ. ނަމަވެސް މި 2016 ވަނަ އަހަރުގެ ޖެހުއަރީމަހު ސަރުކާރުން ވަނީ ގާދޫން މީހުން ބާލައި އެެއަތޮޅުގެ ވެރިކަންކުރާ ރަށް ފޮނަދުއަށް ބަދަލުކޮށްފައެވެ.
އާބާދީގައި ގާތްގަނޑަކަށް 428 މީހުން ތިބި، ގުދުރަތީ ރީތިކަމެއް ލިބިފައިވާ ލ. ގާދޫގެ އެންމެ ހާއްސަ ސިފައަކީ، ނުވަތަ އެރަށް މަޝްހޫރުވެފައި އޮންނަނީ އާދަޔާ ޚިލާފަށް ވެލާ ކަނހަބު އަރައި ބިސްއަޅާ ރަށެއްގެ ގޮތުގައެވެ. މިކަމަށް ބާރުދެނީ، ގާދޫގައި ކަރަންޓްގެ ޚިދުމަތް އަލަށް ދޭންފެށީ ވެލާބިސް ވިއްކައިގެން ލިބުނު ފައިސާއަށް ގަތް ޖަނަރޭޓަރަކަށް ކަމަށް ދެކެވޭ ވާހަކައިންނެވެ.
ލ.ގާދޫއިން މީހުން ބާލައި ހުސްކުރުމުގެ ދެތިންދުވަސް ކުރިން، ވީ ނިއުސްއަށް މައުލޫމާތު ދިން ގާދޫގެ ބައެއް ރައްޔިތުން ބުނީ، އެމީހުން ރަށުން ބާލަނީ ގަދަކަމުން ކަމަށެވެ. އެހެންކަމުން ރަށުން ބާލާއިރު، އެމީހުން ދިރިއުޅެން ހަމަޖައްސާ ތަނަކީ ރަނގަޅު އަދި ހުރިހާ ޚިދުމަތެއް ލިބޭނެ ފަދަ ގޮތަކަށް އިންތިޒާމް ހަމަޖެހިފައި އޮންނަ ތަނަކަށްވާން ޖެހޭކަމަށެވެ.
ސަރުކާރުން މަޖުބޫރު ކުރުމުން ރަށުން ފައިބާއިރު، އެމީހުންގެ އަނެއް ކަންބޮޑުވުމަކީ، ރަށުގެ ރައްޔިތުން ފޮނަދޫގެ އެކި ސަރަހައްދުތަކުގައި އާބާދުވާން ޖެހުމެވެ. މީގެ އިތުރަށް ގާދޫގައި ރުއްއެރުމުގެ މަސައްކަތް ކުރި ބައެއް މީހުން ވަނީ، އެމީހުން ކާންބޯން ކުރި މަސައްކަތް ފޮނަދޫއިން ކުރަން ފަސޭހަ ނުވާނެ ކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
"ގަދަކަމުން ބާލާއިރު އަހަރުމެން ހިތްހަމަ ޖެހެން ގޮތަކަށް ހިތްރުހެން ގޮތަކަށް ބާލަންޖެހޭޅަ. މިޔޮކޫ އަދުގޮހޮފަ މިރޭ ނިފާދަ މިރަކަށް އުމާކަށް ނޯނޭ. މިޔޯ ދުނިޔެ އުމުރަށް ދަނޫއޭ. ކޮންމެ މީހަކުވެސް ހަމަ ގަދަކަމުން ބޭލިއަސް ޖެހޭނީ ތައްޔާރުވާންދޯ. އަހަރުމެން ނުރުހުމަ ބޭލިއަސް ދާން މިތިބީ." މާޔޫސްވެ ފެންކަޅިވެފައި އިނދެ ދުވަސްވީ އަންހެނަކު ކިޔައިދިނެވެ.
ސަރުކާރުން މިއަހަރު ގާދޫ މީހުން ބާލައި ފޮނަދުއަށް ބަދަލުުކުރުމުގެ ކުރިންވެސް، އަމިއްލައަށް އެދިގެން 2008 ވަނަ އަހަރުގެ ތެރޭއި ގާދޫގެ ބައެއް މީހުންވަނީ ފޮނަދުއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ގާދޫ ފަޅުރަށަކަށް ވާން ޖެހުނީ އެގޮތަށް މީހުން ބަދަލުވާން ފެށުމުން ކަމަަށްވެސް އެރަށުގެ ބައެއް ރައްޔިތުން ބުނެއެވެ.
އޭރު އަމިއްލައަށް އެދިގެން ބަދަލުވި ބައެއް މީހުން ބުނިގޮތުގައިވެސް އަމިއްލަ ފަސްގަނޑު ދޫކޮށް އެމީހުން އޭރުވެސް ބަދަލުވީ، ރަށުން މާބޮޑު ޚިދުމަތެއް ލިބެން ނެތުމުން، ދަރިންނަށް ކިޔަވައިދިނުމަށާއި، ސިއްޙީ ޚިދުމަތް އަދި ރަށުން ނުލިބޭ އެތައް ޚިދުމަތެއް ހޯދުމަށެވެ.
"އަހަރުމެން މިރަށަށް ބަދަލުވީ ސަރުކާރުން ގާދޫއަށް އެހީނުވާތީ. ޑޮކްޓަރަށް ދައްކަންވެސް ބޮޑު ޚަރަދުކޮށްފައި މިކޮޅަށް އަންނަންޖެނީ. އަނެއްކާ ގަމަށްވެސް ދާން ޖެހެނީ ބޮޑެތި ޚަރަދުކޮށްފަ. އެހެންވެގެން އެރަށުން ތަޢުލީމެއްވެސް ފުދޭ ވަރަކަށް ލިބެން ނޯވޭ." 2008 ވަނަ އަހަރުން ފެށިގެން ފޮނަދޫގައި ދިރިއުޅެމުންދާ ގާދޫ ޒުވާނަކު ބުންޏެވެ.
އެމީހުން ބުނި ގޮތުގައި، އެމީހުން ރަށުގައި ކާންބޯން ކުރި މަސައްކަތް ފޮނަދޫގައި ނުކުރެވުނު ނަމަވެސް ކުރާ މަސައްކަތަކަށް ލިބޭ އާމްދަނީ މާ ރަނގަޅެވެ. ނަމަވެސް އުފަން ރަށުގެ އެންމެން ބާލައި މީހުން ނޫޅޭ ތަނެއްގެ ގޮތުގައި ހަމަޖެއްސެމުން އެކަމާއި އެމީހުންވެސް ހިތާމަ ކުރެއެވެ.
ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރުމަށް، ފޮނަދޫ ބަރާސިލް އަވަށާއި ކުރިގަމު އަވަށް ހިމެނޭގޮތަށް ގާދޫ މީހުނަށް ޚާއްސަކޮށް 85 ހައުސިން ޔުނިޓް އެޅިއެވެ. ގާދޫ މީހުން އާބާދުކުރީ އެ ގެތަކުގައެވެ. މީހުން ބާލައި، ގާދޫ ކައުންސިލް ފޮނަދޫ ކައުންސިލްގެ ދަށަށް ބަދަލުކޮށްގެން ހިންގަމުން އަންނައިރު، ފޮނަދޫގައި އެމީހުން މިހާރު ދިރިއުޅެމުން ގެންދާތާ 3 މަސް ވަނީ ވެފައެވެ.
ދާދި ފަހުން ވީނިއުސްގެ ޓީމުން ގާދޫ މީހުން ފޮނަދޫގައި ދިރިއުޅެމުންދާ ބަރާސިލް އަވަށު ސަރަހައްދަށްގޮސް ބައެއް މީހުންނާއި ސުވާލުކޮށްލުމުން އެމީހުން ބުނީ، މިހާރު ދިރިއުޅުން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައިވާ ކަމަށެެވެ. ނަމަވެސް އަދިވެސް އަދާކުރާނެ ވަޒީފާއެއް ނުލިބުމާއި، އަމިއްލަ ފަސްގަނޑު ދޫކޮށްލަން މަޖުބޫރުވުމުން ލިބުނު މޮޅިވެރިކަން ފިލައިނުދާ ކަމަށެވެ.
ގާދޫ މީހުން ފޮނަދޫގައި އާބާދުކޮށްފައި ވާއިރު، ސަރުކާރުން ދަނީ ގާދޫގެ ރައްޔިތުންނަށް ބޭނުންވާ އަަސާސީ ޚިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށް ލ.ފޮނަދޫ ކައުންސިލުން ބުނެއެވެ. އެގޮތުން ގާދޫ މީހުންއުޅޭ ސަރަހައްދުގައި އަޅާ މިސްކިތް މިރޯދައަށް ނިންމުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.
ގާދޫ ފަދަ ކުދި އާބާދީތަކުގައި އަސާސީ ޚިދުމަތްތަކުން މަރުހޫމުވެފައިވާ ރައްޔިތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން ގެންދެއެވެ.
ގާދޫ މީހުންގެ މިހާރުގެ އުއްމީދަކީ ފޮނަދޫގައި އެމީހުންގެ ދިރިއުޅުން އަލުން ނަގައި ކޮޅަށްޖެހި، އެތަނުގައި ހިތްފަސޭހަ ދިރިއުޅުމެއް ލިިގެންދާނެ ދުވަހެއް ފެނުން ކަމަށް އެމީހުން ބުނެއެވެ. ނަމަވެސް އުފަންރަށުގެ ހަނދާންތަކާއި ދުރައްދާން ދިމާވި މަޖުބޫރީ ހާލަތު އެމީހުންގެ ހިތުން މިއަދުވެސް ފިލައިން ނުދާކަމަށް އެ ރައްޔިތުން ދަނީ ބުނަމުންނެވެ.
ގާދޫ ރައްޔިތުން ފޮނަދޫގައި - ހިތް އަދިވެސް އޮތީ ގާދޫގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ