ނޫސްވެރިކަމުގެ ދިފާއުގައި އެތައް ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އުމަރު ދެއްވައިފި

ނޫސްވެރިކަމަށް ދެރަގޮތެއް ނުވާނެ ކަމަށާއި ސަރުކާރުގެ ތެރެއިން އެކަމަށް މަސައްކަތްވެސް ކޮށްދެއްވާނެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވީ ނޫސްވެރިކަމަށް ހުރި ގޮންޖެހުންތައް ހިއްސާކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު އެމަނިކުފާނާއި އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މިބައްދަލުވުމާ ގުޅޭގޮތުން އެމްއެމްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ޕޮލިސީ ލެވަލްގައި މަޝްވަރާކުރެއްވުމަށްފަހު ނޫސްވެރިކަމަށް ދެރަގޮތެއް ނުވާނެ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އެކަމުގައި މިނިސްޓަރު އުމަރު އިސްދައުރެއް އަދާކުރައްވާނެ ކަމުގެ ޔަގީންކަން އުމަރު ދެއްވި ކަމަށެވެ.
އަބުރުގެ ދައުވާ މަދަނީ ދައުވާއަކުން ޖިނާއީ ދައުވާއަކަށް ބަދަލުވެގެންދާ ގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި އުމަރު ވާހަކަދެއްކެވި ކަމަށް އެމްއެމްސީގެ ބަޔާނުގައިވެ އެވެ. އެގޮތުން މަޖިލީހުގައި މިހާރު އޮތް ބިލް އިތުރު މަރުހަލާއަކަށް ދިިއުމުގެ ކުރިން އެބިލްގައި ހުރި މައްސަލަތަކަށް ހައްލުހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އުމަރު ދެއްވި ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެމްއެމްސީ އިން ބުނީ ދައުލަތުގެ އިވެންޓްތައް ކަވަރ ކުރަން ދައުވަތު ދިނުމާއި ފުރުސަތު ދިނުމުގައި އޮފީސްތަކުން މީޑިއާތައް ތަފާތު ކުރާ މައްސަލަ ވެސް އުމަރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. މިމައްސަލާގައި ކަމާ ގުޅޭ ފަރާތްތަކާއި މަޝްވަރާކުރުމަށް މީޑިއާ ތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދެއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި އުމަރު ވިދާޅުވި ކަމަށްވެސް ބަޔާނުގައިވެ އެވެ.
ސަންގް ޓީވީގެ އިކްއިޕްމަންޓްތަކެއް ފުލުހުންގެ ބެލުމުގައި ދަށުގައި ހުންނަތާ އެތައް ދުވަހެއްވެފައިވާ މައްސަލަ މިނިސްޓަރު އުމަރުގެ ސަމާލުކަމަށް ގެނައުމުން އެތަކެތި ވީހާވެސް އަވަހަށް ސަންގް ޓީވީއާ ހަވާލުކުރަން ފުލުހުންނަށް ދަންނަވާނެ ކަމުގައި އުމަރު ވިދާޅުވި ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ބައެއް ކޯޓްތަކަށް ބައެއް މީޑިއާތަކުގެ ނޫސްވެރިން ނުވައްދާ މައްސަލާގައި ޝަރުއީ ދާއިރާގެ ކަމާ ގުޅޭ ފަރާތްތަކާއި މަޝްވަރާކޮށްގެން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އުމަރު ދެއްވި ކަމަށްވެސް ބަޔާނުގައިވެ އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ނޫސްވެރިންނަށް މަރުގެ އިންޒާރުދޭ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި އަދި އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އުމަރު ދެއްވި ކަމުގައިވެސް އެމްއެމްސީ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ