އަންބަރާއިން ހައްޔަރުކުރި ކުޑަކުއްޖާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ވ. އަތޮޅު އަންބަރާގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ 18 އަހަރު ނުވާ އަންހެން ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިކުއްޖާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހައިދިނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ. މިކުއްޖާގެ ބަންދަށް އެންމެ ފުރަތަމަ ފަސް ދުވަސް ޖަހައިދިނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
އަންބަރާގައި މަސްތުވާތަކެއްޗާއެކު "ޕާޓީ" ކުރަމުން ދަނިކޮށް 198 މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައިވާ އިރު 78 މީހުންނަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތު ޖަހާފަ އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ތިބި މީހުންގެ ތެރޭގައި 59 ފިރިހެނުންނާއި 19 އަންހެނުން ހިމެނެ އެވެ. އަދި ހައްޔަރު ކުރި ފިރިހެނުންގެ ތެރޭގައި ބިދޭސީން ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ފުލުހުން މި އޮޕަރޭޝަން ހިންގުމަށް އަންބަރާއަށް ދިޔައީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެ ރަށުގައި ފެސްޓިވަލެއްގެ ގޮތުގައި މިފަދަ ކަމެއް ހިނގާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ ރަށުން ހައްޔަރު ކުރި ބައެއް އަންހެނުންނާއި ފިރިހެނުން ހައްޔަރު ކުރި އިރު ވެސް ތިބީ ބަރަހާނާ ހާލުގައި ކަމަށް އެނގިފައިވެ އެވެ. އަދި އެ މީހުންގެ އަތުން ފެނުނު ޕެޓްފުޅީގައި ބަނގުރަލާއި މަސްތުވާ ހިކި އެއްޗެއްސާއި ހޭޝް އޮއިލް ފެނިފައިވާއިރު ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ