ޒަމީރުގެ އިންޑިއާ ދަތުރުފުޅު: އެއަރޕޯޓުން ޒަމީރަށް ވަޒީރުން ފެންވަރުގެ މަރުޙަބާއެއް ނުލިބުނު! މުޅި ދަތުރުގެ ޝެޑިއުލްގައި އޮތީ ޖައި ޝަންކަރުއާ ބައްދަލު ކުރެއްވުން އެކަނި!

ދިވެހިރާއްޖެއާއި އިންޑިއާދެމެދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް, މި ސަރުކާރުގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިރޭ އިރާކޮޅު އިންޑިއާއަށް ވަޑައިގަތުމުން, އިންޑިއާއިން އޭނާއަށް ފިނި މަރުހަބާއެއް ކިޔައިފިއެވެ.
އެގޮތުން ޒަމީރު އިންޑިއާއަށް ވަޑައިގަތުމުން އެއަރޕޯޓުން އޭނާއަށް ރަސްމީ މަރުޙަބާއެއް ކިޔާފައި ނުވާއިރު, ޒަމީރު ރިސީވް ކުރުމަށްވެސް އެއަރޕޯޓަށް މިނިސްޓީރިއަލް ފެންވަރުގެ ބޭފުޅަކު ވަޑައިގެންފައެއް ނުވެއެވެ.
ޒަމީރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ މުޅި ދަތުރުގެ ޝެޑިއުލްގައިވެސް ހަމައެކަނި ހިމެނިފައިވަނީ މާދަމާ މެންދުރު 12:30, އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައި ޝަންކަރުއާ ބައްދަލު ކުރެއްވުން އެކަންޏެވެ. އެއަށްފަހު އިންޑިއާ ދަތުރުގެ ޝެޑިއުލްގައި ދެން އިނީ ހުކުރުދުވަހުގެ ހެނދު 10:45ގައި އިންޑިއާއިން ފުރާވަޑައިގަތުމެވެ.
”ދިޔަވަރު އޮންލައިން“އަށް ކަށަވަރު ވެފައިވާ ގޮތުގައި މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހެން ބައެއް އިސް އޮފިޝަލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ހޯދުމަށްވެސް ފޮރިން މިނިސްޓްރީން މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ފިޔަވާ އެހެން އެއްވެސް އޮފިޝަލަކާ ބައްދަލުކުރުމުގެ ފުރުސަތު އިންޑިއާ ސަރުކާރު ދީފައެއް ނުވެއެވެ.
މުއިއްޒުގެ ސަރުކާރުގެ ދެ ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރަށް ޖަހޫޖަހާ ބުލީކޮށް މައްލަވަ ކުރުމުގެ މައްސަލާގައި އިންޑިއާއާއި ރާއްޖޭގެ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސް ވެފައެވެ. އަދި އޭގެ އިތުރުން މިސަރުކާރުން ޗައިނާއާއި ގުޅުން ބަދަހިކޮށް, ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޖާސޫސްކުރުމުގެ ފުރުސަތު ޗައިނާއަށް ދިނުމާއިގުޅިގެން ސަރަހައްދީ ހަމަނުޖެހުންބޮޑު, އިންޑިއާއާއި ރާއްޖޭގެ ގުޅުމަށްވެސްވަނީ މި ހަމަނުޖެހުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ