ކަލާފާނު ސްކޫލް ރިހިޔޫބީލްގެ އުފާވެރިކަމުގައި!

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ ކަލާފާނު ސްކޫލުން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. ލިޔުން ޝާއިއުކޮށްފައި ވަނީ ވީ އޮންލައިންގެ ހަމަތަކަށް ފެތޭނެ ގޮތަށް ބައެއް ބަދަލު ގެނައުމަށްފަހު އެވެ.
މާލޭގެ ހަތަރުވަނަ ޕްރައިމަރީ ސްކޫލްގެ ގޮތުގައި ކަލާފާނު ސްކޫލް ވުޖޫދުކުރެވުނީ މީގެ 25 އަހަރުކުރިން، 1989 އަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހުއެވެ. ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރި މި ސްކޫލް ފެށިގެން އައީ ޕްރައިމަރީ ސްކޫލެއްގެ ގޮތުގައިކަމަށް ވީނަމަވެސް، މިއަދު 25 އަހަރުގެ ރިހިޔޫބީލް އުފާ ލިބިގަންނަމުން ދަނީ ސާނަވީ ފެންވަރަށް ކިޔަވައިދޭ ސްކޫލެއްގެ ފަޚުރާއެކުގަ އެވެ. މި ފަޚުރުވެރި ސްކޫލްގެ ނަން ނިސްބަތްވެގެންވާ އައްސުލްޠާން އިބްރާހިމް ކަލާފާނު (3) ސިރީ ސުއްދަ ސުވަނަ ލޯކަ މަހާރަދުންނަކީ، ދިވެހި އުންމަތް، އެބޭކަލަކަށް ފަޚުރުވެރިވާ ކުޅަދާނަ ބަޠަލު، އުތީމު މަހާރަދުންގެ އަގުމާތްދަރިކަލެކެވެ.
ފާއިތުވި 25 އަހަރުގެ ދިގު ތާރީޚުގައި ކަލާފާނު ސްކޫލް ފާހަގަކުރެވިފައިވަނީ ތަފާތު ރޮނގުރޮނގުން އެކިއެކި ކާމިޔާބީތައް ޙާޞިލްކޮށްފައިވާ، އަދި ޢިލްމީ ދަރިންތަކެއް މިދިވެހި ދީބަށް އުފަންކުރުވި ސްކޫލެއްގެ ގޮތުގައެވެ. ފަށާ ތަޢުލީމު މަރުޙަލާގައި ސްކޫލް ހޭދަކުރި 12 އަހަރާއި މެދުމަދުރަސީ ފެންވަރަށް އުގަންނައިދިނުމުގައި ހޭދަކުރި 9 އަހަރުގެ އިތުރުން ސާނަވީ ތަޢުލީމުގައި މިހޭދަކުރެވުނު ހަތަރު އަހަރަކީވެސް، ޢިލްމީ، ފަންނީ އެތައް ކާމިޔަބީތަކެއް ސްކޫލުން ހޯދައި، ސްކޫލްގެ ނަންވިދުވާލި ދުވަސްތަކެކެވެ. މިއަދު މިޤައުމު ދެކެމުން މިދާ ތަރައްޤީއާއި ތަމައްދުނުގެ ރޭހުގައި މި ސްކޫލްގެ "މުސްކުޅި" ދަރިވަރުން އަދާކުރަމުންދާ މުހިންމު ދައުރަކީ މިދެންނެވި ކާމިޔަބީގެ އަލިގަދަ ދަންމަރެކެވެ.
މިފަދަ ކާމިޔާބު މަންޒިލަކަށް މި ސްކޫލް ވާޞިލްވެފައިވާއިރު، ސްކޫލްގެ ހީވާގި މުދައްރިސުންނާއި ލޮބުވެތި ބެލެނިވެރިން އަދި ހިންގުންތެރި ވެރިންނާއި ލޭފަވެތި ދަރިވަރުންގެ މިންނަތް މަސައްކަތް ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރު އަދާކުރުމާއިއެކު، މިއުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރައްދުކުރާންޖެހެއެވެ.
ފާއިތުވެމިދިޔަ ދުވަސްތަކުގައި ސްކޫލުގެ އެކިއެކި ކަންކަމަށް ތަފާތު ބަދަލުތައް އައިސްފައިވާއިރު، މިއަދު ފެންނަމުންމިދާ ކަލާފާނު ސްކޫލުގައި މިހާރު ފަނަރަސަތޭކައެއްހައި ދަރިވަރުން ތައުލީމާއި ތަރުބިއްޔަތު ލިބިގަންނަމުން އެބަގެންދެއެވެ. އަދި މިދަރިވަރުންނާއި ގުޅޭ އެކިއެކި ކަންކަން ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަތޭކަތިރީހެއްހައި މުވައްޒަފުން ހަރަކާތްތެރިވަމުންދާއިރު މިއަދުވެސް ސްކޫލަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. އަދި ސާނަވީ ތަޢުލީމު ފެށިގެން ކުރިއަށް ދާއިރު އެކަމަށް ބޭނުންވާ ބައެއްކަހަލަ ތަކެތީގެ ދަތިކަމެވެ.
ކަލާފާނު ސްކޫލްގެ ޢިލްމީ މިދިގު ދަތުރުގައި އެންމެ ބޮޑު އެއް އަމާޒެއްކަމަށް ބެލިފައިވަނީ ކޮންމެ ދަރިވަރަކީވެސް މުހިންމު ދަރިވަރެއްކަން ބަލައިގަނެގެން، އެދަރިވަރެއްގެ ޤާބިލްކަން ދަނެގަނެގެން، ދަރިވަރުންގެ ޢިލްމީ ޙަޔާތް އުޖާލާކުރުމަށް މަސައްކަތްކުރުމެވެ. އަދި ދަރިވަރުންނަކީ ޢިލްމީގޮތުން ޤާބިލް، ފަންނީގޮތުން ހުނަރުވެރި، ޞިއްޙީގޮތުން ދުޅަހެޔޮ އަދި އިޖްތިމާއީ ގޮތުން އުޅުންހުރި ދަރިވަރުންތަކަކަށް ހެދުމެވެ.
އެހެންނަމަވެސް މިއަދު، ރިހިޔޫބީލްގެ އުފާލިބިގަނެ، ރަންޔޫބީލްގެ ދުވަސްތަކަށް ފައިނަގަމުންދާއިރު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިމިވަނީ ވަރަށްވެސް ތަފާތު މާހައުލަކާއެވެ. އެހެންކަމުން މިއަދު ކަލާފާނު ސްކޫލްގެ އެންމެ ބޮޑު އަމާޒަކަށްވެފައި މިވަނީ ގޮންޖެހުންތައް ގިނަ، އަދުގެ މި މުޖުތަމަޢުއާ ކުރިމަތިލާން ދަންނަ ޒުވާނުންތަކެއް ބިނާކުރުމެވެ. ޤައުމުގެ މިސްރާބު ހެޔޮކޮށްދޭނޭ މުވާޠިނުންތަކެއް ވުޖޫދުކުރުމެވެ. މިކަންކުރުމަށްޓަކައި ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި، ކިޔަވުމުގެ ޝައުޤުވެރިކަން އިތުރުކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބައްޓަންކުރެވިފައިވާ އަދި މިހާރަށްވުރެ އެކަމަށް ހިތްވަރުދޭ މާހައުލަކަށް ހެދުމަކީ ސްކޫލްގެ އެއް ލަނޑުދަނޑި އެވެ. އަދި ޢިލްމާއި ހުނަރު ލިބިގަތުމާއެކު ތިމާގެ ނަފްސަށާއި އެހެން މީސްތަކުންނަށްވެސް އިޙްތިރާމްކުރަން ދަންނަ، މުޖުތަމަޢުގެ އިޖްތިމާއީ މިންގަނޑުތައް ހިފަހައްޓަން އެނގޭ، އިސްލާމްދީނަށް ލޯބިކުރާ ދަރިންތަކެއް ބިނާކުރުމަށް ހުރި ގޮންޖެހުންތައް ނައްތައިލުމަކީވެސް ސްކޫލްގެ މިއަދުގެ ވަރަށްބޮޑު އަމާޒެކެވެ. މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީއާ ރައްޓެހި މާހައުލެއް ޤާއިމްކޮށް، އޭގެ އެހީގައި އުގަންނައިދިނުން އިތުރަށް ތަރައްޤިކުރުމަކީވެސް މިއަދުގެ މުހިންމު ލަނޑުދަނޑިއެކެވެ. އެގޮތުން، މާތްﷲގެ އިރާދަފުޅާއެކު ރިހިޔޫބީލްގެ އިހްތިފާލުތައް ނިމިގެންދާނީ ސްކޫލްގެ ހުރިހައި ކުލާސްރޫމްތަކެއް، މަލްޓިމީޑިޔާ ބޭނުންކުރެވޭ ކުލާސްރޫމްތަކެއްގެގޮތުގައި ބައްޓަންކުރެވިގެންނެވެ.
މިއުފާވެރި މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިހާތަނަށް އައިއިރު ސްކޫލްގެ ފަރާތުން ވަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ތަފާތު އެކިއެކި ކަންތައްތަކުގެ ތެރެއިން "ފަންރައިޒް" ކުރުމުގެ ހަރަކާތްތަކެއް ހިންގައި އެއިން ޖަމާކުރެވުނު ފައިސާއާއި، ސްކޫލަށް ހެ ޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކު މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ސްކޫލް ރިހިޔޫބީލްގެ އެންމެ ބޮޑު ލަނޑުދަނޑިކަމަށްވާ ކުލާސްރޫމްތަކުގައި މަލްޓިމީޑިއާ ޕްރޮޖެކްޓަރ ހަރުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން، ސެޕްޓެމްބަރ 20 ވަނަ ދުވަހު ވަނީ ރިހިޔޫބީލް "ބޮޑު ހިނގާލުން" ބޭއްވިފައެވެ. އަދި އޮކްޓޫބަރ 16 ވާ ހުކުރު ވިލޭރޭ ރާޅުގަނޑު ސަރަހައްދުގައި ހަވާ އެރުވުމައި އެރުވުމުގެ ޚާއްޞަ ހަރަކާތެއް ވެސް ބޭއްވޭނެއެވެ. މީގެ އިތުރުންވެސް ސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުންނަށް އަމާޒުކުރެވިގެން ތަފާތު ހަރަކާތްތައް ހިންގިފައިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ