ބިލަތްދޫއާއި ވޭމަންޑޫ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުކޮށްފި

ފ. އަތޮޅު ބިލަތްދޫއާއި، ތ. އަތޮޅު ވޭމަންޑޫ އިންޖީނުގެ ފެނަކަ ކޯޕަރޭޝަންގެ ދަށަށް ބަދަލުކޮށްފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ބިލަތްދޫއާއި ވޭމަންޑޫ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުކުރީ އެ ދެ ރަށުގެ ރައްޔިތުން އެކަމަށް އެދެމުންދާތީ އެ ދެ ރަށުގެ ކައުންސިލުން އެދިގެން ކަމަށެވެ.
"މިބަދަލު ގެނައުމަށްޓަކައި ލިޔެކިޔުންތަކުގެ މަސައްކަތްތައް ނިންމުމަށް ދުވަސްކޮޅެއް ހޭދަވެގެން މިދިޔައީ. އިރާދަކުރެއްވީތީ މިއަދު މިވަނީ ބިލަތްދޫއާ ވޭމަންޑޫގެ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުވެ ރަސްމީކޮށް ލިޔެކިޔުންތައް ވެސް ހަމަޖެހިފައި،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނަކައިގެ ދަށަށް ބަދަލުވާ އިންޖީނުގެތައް ހުންނަ ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ނުވަތަ ފަސޭހައަކީ ކުރިން ރައްޔިތުންނަށް ހިދުމަތް ލިބެމުންދިޔަ އަގަށްވުރެ ހެޔޮ އަގުގައި ހިދުމަތް ލިބުން ކަމަށެވެ. އަދި ފެނަކައިގެ ދަށަށް ބަދަލުވުމަކީ އިތުބާރާއެކު ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބޭނެ ކަމެއްކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލަތްދޫއާއި ވޭމަންޑޫގެ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުކުރެވުމާއެކު މި ދެ ރަށުގެ ތެރެއިން ކޮންމެ ރަށަކަށް ވެސް ރޯދައިގެ ކުރިން އާ އިންޖީނެއް ލިބި ހިދުމަތްތައް ރަގަޅުވެގެންދާނެ ކަމަށެވެ.
ފެނަކައިގެ ދަށަށް މިއަދު ބައްދަލުކުރެވުނު ދެ އިންޖީނު ގެއާއިއެކު ޖުމްލަ 148 އިންޖީނުގެ މިހާރު ވަނީ ފެނަކައިގެ ދަށަށް ބަދަލުކުރެވިފަ އެވެ.
ނިމާލް ވިދާޅުވީ ފެނަކައިގެ ދަށަށް ދެން އެންމެ އަވަހަށް ބަދަލުކުރެވޭނީ ގއ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެރަށުގެ ރައްޔިތުންނާ ކައުންސިލްގެ ހުށަހެޅުން ވަނީ ލިބިފައި. އެހެންކަމުން އެބަދަލު ގެނައުމަށްޓަކައި ލިޔެކިޔުންތައް ނިންމާލުމުގެ މަސައްކަތް ކުރަމުން މިދަނީ. ހީވަނީ މަހެއްގެ ތެރޭގައި ހަމަޖެހޭނެހެން،" ނިމާލް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ އިންޖީނުގެތައް ފެނަކައިގެ ދަށަށް ބަދަލުކޮށް ހިދުމަތް ދިނުމުގެ ގާބިލްކަން ފެނަކައަށް މިވަގުތު ލިބިފައިވޭތޯ ދެންނެވުމުން ނިމާލް ވިދާޅުވީ ފެނަކައިގެ މަސްއޫލިއްޔަތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާ ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދިނުން ކަމަށްވާތީ އެމަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ