ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓު ދިނުމަށް ދާއިރާތަކުގައި ބާއްވާ ޕްރައިމަރީތަކުގެ ތެރެއިން ފޭދޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި އަހުމަދު މަރްޒޫގް ވާދަކުރައްވަން ނިންމަވައި ކެމްޕެއިން ފައްޓަވައިފި އެވެ.
މަރްޒޫގް އެމްވީޔޫތަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ފޭދޫ ދާއިރާއަށް ކުރިމަތިލެއްވީ ފޭދޫ ދާއިރާގެ ގޮނޑި ސަރުކާރުގެ ކޯލިޝަނަށް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށާއި މީގެކުރިން މިދާއިރާގެ މެންބަރަށް އެ ދާއިރާ ތަމްސީލްކުރެވިފައިނުވާކަން ދާއިރާގެ ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
އެހެންކަމުން މި ދާއިރާ ރަނގަޅަށް ތަމްސީލްކޮށްދޭނެ މީހަކު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރްޒޫގް ވިދާޅުވީ އައްޑޫ ސިޓީއަށް ރައީސް ޔާމީން ސަރުކާރުން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވައުދުވެފައިވާއިރު އެކަންތައްތައް ސަރުކާރާއި ގުޅިގެން ކުރެވޭނެ ބޭފުޅު މަޖިލިސް ގޮނޑިތަކަށް އަންނަން ޖެހޭ ކަމަށެވެ.
"ފޭދޫގެ މެޖޯރިޓީއަކީ އަސްލު އެމްޑީޕީ މިވަގުތު، އެމްޑީޕީއަށް ވެސް މެޖޯރިޓީ އޮތް ކަމުގައިވިޔަސް ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ހިދުމަތްކޮށްދޭނެ މީހަކު މިކޮޅަށް (ފޭދޫ ދާއިރާއަށް) ނެރެވިއްޖެއްޔާމުން ތަންކޮޅެއް ފަސޭހަވާނެ ކަންނޭންގެ (ކާމިޔާބުކުރަން) ހާއްސަކޮށް ޒުވާނުންނާއި ގުޅޭ ކެންޑިޑޭޓަކަށް ލިބިއްޖެއްޔާ." މަރްޒޫގް ވިދާޅުވި އެވެ.
މަރްޒޫގް އިތުރަށް ވިދާޅުވީ ޕީޕީއެމް ޕްރައިމަރީ ކާމިޔާބުކުރެވޭނެ ކަމާއި މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި އޭނާގެ ފަހަތުގައި އެ ދާއިރާގެ ގިނަ ޒުވާނުންނާއި އެކި އެކި އުމުރުފުރައިގެ މީހުން އެބަތިބި ކަމަށެވެ. އަދި ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަކީ ވެސް ރަނގަޅު، ޕާޓީއަށް ހިދުމަތްކޮށްދީފައި ތިބި ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ޕްރައިމަރީން ނުހޮވުނު ކަމުގައިވިޔަސް، ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުގެ ފަހަތްޕުޅަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް މަރްޒޫގް ވިދާޅުވި އެވެ. ނަމަވެސް އޭނާއަކީ ޒުވާނަކަށްވުމުގެ އިތުރުން ތައުލީމީ ގާބިލް ބޭފުޅަކަށްވުމުން ޓިކެޓު ލިބުމުގެ ފުރުސަތު ބޮޑު ކަމަށް މަރްޒޫގް ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި މަރްޒޫގް ވާދަކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ