އޮފީހަކުން ލެޕްޓޮޕަކާއި ކަރަންޓު ނަރު ރޯލުތަކެއް ވަގަށްނެގި ދެ މީހަކު ޖަލަށް ލުމަށް ޙުކުމްކޮށްފި

އޮފީހަކުން ލެޕްޓޮޕަކާއި ކަރަންޓު ނަރު ރޯލުތަކެއް ވަގަށްނެގި ދެ މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ޙުކުމްކޮށްފައިވަނީ ސ. ފޭދޫ، ނަލަރީތިގެ، މުޙައްމަދު އައިމަން (27އ) އާއި ސ. ހުޅުދޫ، ރައިހާނުގެ، ޝިމްޠާން ޢަލީ (28އ) ގެ މައްޗަށެވެ. އެގޮތުން، މުޙައްމަދު އައިމަންގެ މައްޗަށް ޙުކުމްކޮށްފައިވަނީ 6 އަހަރާއި 3 މަސްދުވަހަށް ޖަލަށް ލުމަށެވެ. އަދި ޝިމްޠާން އަލީގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 03 އަހަރާއި 09 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.
މި މައްސަލައާ ގުޅިިގެން އެ މީހުންގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ ވައްކަންކުރުމުގެ ކުށުގެ ދަޢުވާއެވެ. ދަޢުލަތުން އެމީހުންގެ މައްޗަށް މި ދަޢުވާ އުފުލާފައިވަނީ، އެ ދެ މީހުން 2013 އޯގަސްޓް 02 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ހ. ލަންޗްމީޑްގޭގެ 5 ފަންގިފިލާގައި ހުންނަ ޔޫމެޓް ޕްރައިވެޓް ލިމިޓެޑް، އަދި ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެތް ލިމިޓެޑްގެ އޮފީހަށްވަދެ، މުޙައްމަދު އައިމަން، އެ އޮފީހުން 18000 ރުފިޔާގެ އަގުހުރި އެސަރ ބްރޭންޑްގެ ލެޕްޓޮޕެއް، އެއިގެ ދަބަހާއެކު ވަގަށްނަގާފައިވާ މައްސަލައާއި، ޝިމްޠާން ޢަލީ، އެ އޮފީހުގައިހުރި ކަރަންޓް ވައިރުކުރުމަށް ބޭނުންކުރާ، 3500 ރުފިޔާގެ އަގުހުރި 7 ކަރަންޓް ނަރު ރޯލު ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.
ދަޢުލަތުން އެ ދެމީހުންގެ މައްޗަށް އުފުލި ދަޢުވާ ކްރިމިނަލް ކޯޓުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި ބުނަނީ، ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރީޢަތަށް މި ދަޢުވާ ސާބިތުވާކަމަށެވެ.
އެހެންކަމުން، 10000 ރުފިޔާއަށް ވުރެ މަތީ އަގުހުރި މުދަލަކުން ވައްކަންކުރުމުގެ ކުށުން އެ ދެމީހުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެދެ މީހުންގެ ތެރެއިން މުޙައްމަދު އައިމަންގެ މައްޗަށް ވައްކަން ކުރުމުގެ ކުށެއް ޝަރީއަތަށް ސާބިތުވި މިއީ 3 ވަނަ ފަހަރު  ކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު އައިމަން 03 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، އޭނާ ވައްކަން ކޮށްފައި ވަނީ ދިހަހާސް ރުފިޔާއަށް ވުރެ މަތީ އަގެއް ހުރި މުދަލަކުން ކަމަށްވާތީ، ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 01 އަހަރާއި 09 މަސްދުވަހަށް ޖަލަށްލުމަށާއި އަދި އޭނާ އެވައްކަން ކޮށްފައިވަނީ ޖަމާޢަތް ހަދައިގެން ކަމަށްވާތީ ގާނޫނުލްއުގޫބާތުގެ 136 ވަނަ މާއްދާގެ ދަށުން 06 މަސްދުވަހަށް ޖަލަށްލުމަށާއި އަދި އެވައްކަން ކޮށްފައިވަނީ ތަނެއް ހަލާކު ކޮށްލައިގެން ކަމަށްވާތީ، ގާނޫނުލްއުގޫބާތުގެ 137 ވަނަ މާއްދާގެ ދަށުން 01 އަހަރަށް ޖަލަށްލުމަށާއި، އެކުޖުމްލަ 06 އަހަރާއި 03 މަސްދުވަހަށް އައިމަން ޖަލަށްލުމަށް ހުކުމް ކުރާ ކަމަށް ކްރިމިނަލް ކޯޓުން އައިމަންގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، ޝިމްޠާންގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އެއީ ޝިމްތާންގެ މައްޗަށް ވައްކަމުގެ ކުށެއް ޝަރީއަތަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 06 މަސްދުވަހަށް ޖަލަށްލުމަށާއި، އެ ވައްކަންކޮށްފައިވަނީ 10،000 ރުފިޔާއަށް ވުރެ މަތީ އަގެއް ހުރި މުދަލަކުން ކަމަށްވާތީ 01 އަހަރާއި 09 މަސް ދުވަހަށް ޖަލަށްލުމަށާއި، އަދި އެވައްކަން ކޮށްފައިވަނީ ޖަމާއަތް ހަދައިގެންކަމަށް ވާތީ 06 މަސްދުވަހަށް ޖަލަށްލުމަށާއި އަދި އެވައްކަން ކޮށްފައިވަނީ ތަނެއް ހަލާކު ކޮށްލައިގެން ކަމަށްވާތީ 01 އަހަރަށް ޖަލަށްލުމަށާ، އެކު ޖުމްލަ 03 އަހަރާއި 09 މަސް ދުވަހުގެ މުއްދަތަށް ޝިމްޠާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ