ރ. ފައިނުގައި އެއާޕޯޓު އަޅަން އެރަށު ރައްޔިތުންގެ ތާއީދު ކުރާ ކަމަށް އެރަށު ކައުންސިން އިދާރާއިން ބުނެފިއެވެ.
ވީއެފްޕީއަށް މައުލޫމާތު ދެމުން ފައިނު ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް އުމަރު މަނިކު ވިދާޅުވީ ފައިނުގައި އެއާޕޯޓު އަޅަން އެރަށުގެ ރައްޔިތުން ދެކޮޅު ހަދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެނީ ދޮގު ވާހަކަތަކެއް ކަަމަށެވެ.
"އަޅުގަނޑުމެން އަސްލު ކަން ބޮޑުވުމަށް ވުރެ ވަނީ އުފާ. ކަންބޮޑުވުން ފާޅުކުރީ އެންމެ ތިން ކުއްޖަކު. އެއީ އެވެސް އެމަޝްރޫޢު ރާވައިފައިވާގޮތް ދައްކުވައިދޭ ކުރެހުން އޮތްގޮތުގެ ސަބަބުން. ރަށުގެ މެޖޯރިޓީ އޮތީ އެއާޕޯޓު ހެދުމަށް،" އިބްރާހީމް އުމަރު މަނިކު ވިދާޅުވިއެވެ.
އެއާޕޯޓް ހަދަން ރަށުގެ 85 އިންތައްސަ ބޭނުންވާއިރު ރައްޔިތުންގެ ތެރެއިން އެކަމާ ދެކޮޅުވެރިކަން ފާޅުކޮށްފައިވަނީ މަޝްރޫޢު ރާވައިފައިވާގޮތް ދައްކުވައިދޭ ކުރެހުން އޮތްގޮތުގެ ސަބަބުންކަމަށް އިބްރާހީމް އުމަރު މަނިކު ވިދާޅުވިއެވެ. ނަމަވެސް އެއީ އަދި އަސްލު ކުރެހުމެއް ނޫންކަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވަނީ ފައިނަށް ވަޑައިގެން، ރަށުގެ އާއްމުންނާ ބައްދަލު ކުރައްވާ ވިދާޅުވެފައެވެ.
މީގެ ދެ އަހަރު ކުރިން އެއާޕޯޓު އެޅުމުގެ މަޝްވަރާ ކޮށްފައިވާއިރު އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ތިވީ ވަރަށް ބޮޑަށް އުފާވެފައި ކަމަށް ވީއެފްޕީއަށް މައުލޫމާތު ދެމުން އިބްރާހިމް އުމަރު މަނިކު ވިދާޅުވިއެވެ.
ޑޮމެސްޓިކް އެއާޕޯޓު އަދި ސިޓީ ހޮޓަލެއް ސަރުކާރުން ހަދަން ނިންމާފައިވާ އެރަށުގެ ދަނޑުތަކުގައި 228000 އަކަފޫޓު ހުރެއެވެ.
ފައިނުގެ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އެއާޕޯޓް އެޅުމުގެ ސަބަބުން ރަށަށް ނޭދެވޭ އަސަރު ކުރި ނަމަވެސް ބޮޑަށް އޮތީ ފައިދާއެވެ.
"އަސްލު ބޮޑަށް ކުރާނީ ފައިދާ ދޯ. އޭގެ ސަބަބުން ވަޒީފާތައް އިތުރު ވެގެން ދާނެ. ރަށުގައި ހުރެގެން ގިނަ ބަޔަކަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރެވޭނެ." ވީއެފްޕީ އާ ވާހަކަ ދައްކަމުން އެރަށަށް ނިސްބަތްވާ މީހަކު ބުންޏެވެ.
ފައިނު ކައުންސިލުން ބުނި ގޮތުގައި 454 މީހުންގެ އާބާދީ އޮންނަ އެ ރަށުގެ ޒުވާނުންގެ ގިނަ ބަޔަކު އާއްމުދަނީ ހޯދުމަށްޓަކައި ދަނީ ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރަމުންނެވެ. ފައިނުގައި އެއާޕޯޓު އެޅުމާމެދު ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިޔާލު ފާޅުކޮށްފައެވެ. އެގޮތުން ގިނަ ބަޔަކު ދެކޭގޮތުގައި ފައިނަކީ ރ. އަތޮޅުގައި އޮންނަ އެންމެ ރީތި ރަށެވެ. ނަމަވެސް އެމަޝްރޫއުގެ ދަށުން އެހުރިހާ ރީތިކަމެއް އުމުރަށް ނެތިދާނެ ކަމަށް ބުނެއެވެ.
ފައިނުގައި އެއާޕޯޓު އަޅަން ހަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނާއެވެ. ފައިނުގައި ތަރައްގީ ކުރާ އެއާޕޯޓަކީ ރ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓެވެ.
ފައިނުގައި އެއާޕޯޓް އަޅަން ރައްޔިތުން ތާއީދު ކުރޭ: ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ