ރިޝްވަތުގެ ފައިސާ ނުދެއްވާ ކަމަށް ގާސިމް ހުވާކުރައްވައިފި

ރިޝްވަތުގެ އެއްވެސް ފައިސާއެއް އެއްވެސް މީހަކަށް ދެއްވާފައިނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ސަރުކާރުގެ ބޭފުޅުން އޭނާއަށް އަމާޒުކުރަމުންދާތީ އެވެ. ޝަރުއީ ދާއިރާގެ ތެރެއިން ބަޣާވާތެއް ގެނައުމުގައި އިންޑިއާއިން ގާސިމް އެހީ ހޯދާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެ މައްސަލާގައި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ.
އެކަމާ ގުޅިގެން މިއަދު ރާއްޖެޓީވީއަށް ގާސިމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރިޝްވަތުގެ އެއްވެސް ފައިސާއެއް ދެއްވާފައިނުވާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަނީ އިދިކޮޅުގެ ބޭފުޅުން ފްރޭމް ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ. މި ސަރުކާރަކީ މީހުން ފްރޭމް ކުރާ ސަރުކާރެއްކަން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލައިން ސާފުވާ ކަމަށެވެ.
ގާސިމް ވިދާޅުވީ، އޭނާގެ ދަރި ސިޔާދު ހައްޔަރުކޮށްފައިވީ ނަމަވެސް އެއީ ރިޝްވަތު ދިނުން ފަދަ އެއްވެސް ކަމެއް ކުރައްވާނެ ކުއްޖެއް ނޫން ކަމަށާއި އާއިލާގެ އެހެން މެންބަރަކު ވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.
"އެއްވެސް ލާރިއެއް ނުދޭ ކަމަށް މާތްﷲ ގަންދީ ހުވާކޮށްފަ އަޅުގަނޑު މި ދަންނަވަނީ،" ގާސިމް ވިދާޅުވި އެވެ.
ރައީސް މައުމޫން މެދުވެރިކޮށް ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށް ވެސް ވާހަކަތައް ދެކެވޭއިރު އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް 40 މިނެޓްގެ ދިގު އިންޓަވިއުގައި ގާސިމް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ. އޭނާ އާއި ރިޝްވަތުގެ ވާހަކަތައް އަޅުވަނީ ބަދުނާމުކުރުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
"ރިޝްވަތު ދިން ވާހަކަ މި ކޮންތާކުން ކިހިނެއް ހޯދައިގެން އުޅޭ ވާހަކައެއްތޯ، އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން އެއީ، ﷲ ގަންދީ ބުވާކޮށްފަ މި ބުނަނީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ގާސިމްގެ ދަރިކަލުން ސިޔާދަށް ކުރާއިރު ގާސިމް މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް ގާސިމް މިހާރު އުޅުއްވަނީ ބޭސްފަރުވާއަށް ވަޑައިގެންނެވި ގޮތަށް ޖަރުމަންވިލާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ