ޕާކިސްތާނުން ކަރަންޓް ކަނޑައިގެން ދިއުން ބޮޑުކަމަކަށްވީ ކީއްވެ؟

ކޮރޯނާވައިރަހާ ހެދި ގައުމުތައް ނިކަމެތިވެފައި އޮތް މި ހާލަތުގައި، ޕާކިސްތާނުން ކަރަންޓް ކަނޑައިގެން ދިއުމުން ގިނަ ބަޔަކު ހާސް ވެގެން ތެޅިގަތީ ހޮސްޕިޓަލްތަކުގައި ތިބި ގާތް ތިމާގެ މީހުންނަށް ވެދާނެ ގޮތަކާ މެދު އެވެ.
ބަލި މީހުންގެ ތެރޭގައި ދިރި އޮތުމަށް މެޝިނަށް އިތުބާރު ކުރަން ޖެހިފައި ތިބި މީހުން ވެސް ތިބޭނެތީ އެވެ. އެހެން ނަމަވެސް، ހުރިހާ ހޮސްޕިޓަލެއްގައިހެން ބެކަޕް ޖެނަރޭޓަރު ހުންނާތީ ކުއްލި ނުރައްކަލެއް މެދުވެރިއެއް ނުވި އެވެ.
ޕާކިސްތާނުން ކަރަންޓް ކަނޑައިގެން ދިއުން ބޮޑު ކަމަކަށްވީ ޕާކިސްތާންގެ ވަަރަށް ބޮޑު ބަޔަކުން ކަރަންޓް ކަނޑައިގެން ދިއުމުންނެވެ. ނޫސްތަކުގެ ފަލަ ސުރުހީއަށް ވެސް މި ވާހަކަތައް އެރި އެވެ. އިސްލާމްއަބާދާއި ކަރާޗީ، ލާހޫރު، ރާވަލްޕިންޑީ، މުލްތާން، ފައިސަލްއާބާދު، ހައިދަރުއާބާދު އަދި ކަޝްމީރަށް ވެސް ބޮޑު ތަކުލީފަކަށްވި އެވެ.
ޕާކިސްތާނުން ކަރަންޓް ކަނޑައިގެން ދިއުމުން ނިވުނީ ހަމައެކަނި ހޮޅިބުރިތަކެއް ނޫނެވެ. ވަރަށް ބޮޑު ސަރަހައްދަކުން އިންޓަނެޓް ވެސް ކަނޑައިގެން ދިއަ އެވެ. ކަރަންޓަށް ބަރޯސާކޮށް އާންމު ގޭގޭގައި ބޭނުންކުރާ މެޝިންތައް ހުއްޓުމަކަށް އައެވެ
ޕާކިސްތާން އެނާޖީ މިނިސްޓަރުގެ ޓްވީޓް
ޕާކިސްތާނުން ކަރަންޓް ކަނޑައިގެން ދިޔައީ "ޕަވާ ގްރިޑް" މާބޮޑަށް މުސްކުޅިވެ އަޅާލުން ކުޑަވުމުން ކަމަށް މި މަސައްކަތް ދަންނަ މީހުން ބުނެ އެވެ. އެހެން ނަމަވެސް، ޕާކިސްތާންގެ ވޯޓާ އެންޑް ޕަވާ މިނިސްޓަރު، އުމަރު އައްޔޫބު ވިދާޅުވީ ދިމާވީ "ޓެކްނިކަލް މައްސަލައެއް" ކަމަށެވެ. ޕާކިސްތާނުން ކަރަންޓް ކަނޑައިގެން ދިޔައީ ހަމަ ހަގީގތުގައި ވެސް ޕަވާ ގްރިޑް ބާވުމުގެ ސަބަބުން މެދުވެރިވި ކަމަކުން ނަމަ، އެއީ ޓެކްނިކަލް މައްސަލައެއް ނޫނެވެ.
މަގުތަކަށް ނިކުމެ އުޅުނު މީހުން ކިޔައިދިން ގޮތުގައި ޕެޓްރޯލް ސްޓޭޝަންތަކުގައި ދިގު ކިޔޫތައް އޮތެވެ. އެއީ ޖެނަރޭޓަރު ގެންގުޅޭ މީހުން ބެކަޕް ޖެނަރޭޓަރު ހިންގުމަށް، ޕެޓްރޯލް ހޯދަން ދަމާލާފައި އޮތް ކިޔޫތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ