ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ނިންމި ގޮތެއް ނޭނގޭ: ދައުލަތް

ދީބާޖާ އިންވެސްޓުމެންޓު ކުންފުންޏާއެކު ދައުލަތުން ހެދި އެއްބަސްވުން އުވައިލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރީ ކޮން ހިސާބުތަކެއްގެ މައްޗަށް ބިނާކޮށްގެންކަން ނޭނގޭ ކަމުގައި މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން ބުނެފިއެވެ. ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ރައީސް ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުން އުވައިލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުންފުނިން ދައުވާކުރުމުން، ބަދަލު ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ. ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް އެ ކޯޓުން ކުރި ހުކުމް ހައިކޯޓުން ފަހުންވަނީ ބާޠިލުކޮށްފައެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ހައިކޯޓުން މައްސަލަ ބަލައިގަނެފައިވަނީ އިޖުރާއާތާ ޚިލާފަށް އިސްތިއުނާފުގެ މުއްދަތު ފަހަނައެޅިފަހުން ކަމުގައި ކަނޑައަޅައި ސުޕްރީމް ކޯޓުންވަނީ ހައިކޯޓުގެ ހުކުމް ބާޠިލުކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ. ދައުލަތުން އެ މައްސަލަ މުރާޖަޢާކުރުމަށް އެދުމުން އެއީ މުރާޖަޢާކުރެވިދާނެ މައްސަލައެއްތޯ ކަނޑައެޅުމަށް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ދައުލަތުން ބަދަލު ދިނުމަށް ދީބާޖާއިން ހުކުމްކުރީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގެ އުޞޫލުތަކާ ޚިލާފަށް ކަމުގައެވެ. އަދި ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައެޅި ޢަދަދު ދިނުމަށް ކަނޑައެޅީ ކޮން މިންގަނޑަކުން ކަމެއްވެސް ނޭނގޭ ކަމުގައި ދައުލަތުން ފާހަގަކުރިއެވެ. މި މައްސަލާގައި ދައުލަތުން ބުނެފައިވަނީ އިސްތިއުނާފުކުރި މައްސަލަ އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތު ފަހަނައެޅުމަށްފަހު ހުށަހެޅުމާ ގުޅޭ ގޮތުން ދީބާޖާ މައްސަލައިގެ ކުރިން ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އަދި އެ ކޯޓުން ނިންމި އިޖުރާއީ ނިންމުމަކީ މާޒީއަށް ޤާނޫނު ނުހިންގުމުގެ އުޞޫލާ ޚިލާފު ނިންމުމެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ. އެ މައްސަލާގައި ދީބާޖާގެ ވަކީލުން ފާހަގަކުރައްވާފައިވަނީ މި ބާވަތުގެ އެހެން މައްސަލަތަކުގައި މި މައްސަލައިގެ ކުރިންވެސް ސުޕްރީމް ކޯޓުން ހަމަ މިގޮތަށް ނިންމާފައިވާ ކަމުގައެވެ. އަދި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިހާއީ ހުކުމެއް އެ ކޯޓަށް އަލުން މުރާޖަޢާ ބެލޭނެ ހަމައަކީ ކޮބައިކަން ބަޔާންކުރަން ޖެހޭނެ ކަމުގައިވެސް ކޯޓުތަކުން ބުނެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ