ވިމްބަލްޑަންގެ ކާމިޔާބަށް ފަހު މަނާބޭހާ ގުޅޭ ފާޑުކިޔުންތަކަށް ސިނާ ޖަވާބުދީފި ވިމްބަލްޑަންގެ ކާމިޔާބަށް ފަހު މަނާބޭހާ ގުޅޭ ފާޑުކިޔުންތަކަށް ސިނާ ޖަވާބުދީފި

ރޯމް، އިޓަލީ (ޖުލައި 16) - ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން، އިޓަލީގެ ޖަނިކް ސިނާ، ފުރަތަމަ ފަަހަރަށް ހޯދިއިރު، ދާދި ފަހުން އޭނާ އަށް މަނާބޭހުގެ މައްސަލައެއްގައި އަަދަބު ލިބިފައިވާތީ، އެކަމާ އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބުދީފި އެވެ.
އެންމެ ފަހުން ދެ އަހަރު ވިމްބަލްޑަން ކާމިޔާބުކުރި، ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިކޮށް، ސިނާ ވަނީ ވިމްބަލްޑަން ތަށި އުފުލާލައިފަ އެވެ. ވިމްބަލްޑަން އަންހެން ސިންގަލްސް ތަށި ހޯދީ ޕޮލެންޑްގެ އީގާ ސްވިއަޓެކް އެވެ. މަނާބޭހުގެ މައްސަލައިގައި ސްވިއަޓެކަށް މިދިޔަ ނޮވެމްބަރު މަހު، އެއް މަހުގެ ސަސްޕެންޝަނެއް އައިއިރު، ސިނާ އަށް ވަނީ، ތިން މަހުގެ ސަސްޕެންޝަނެއް އަތުވެފަ އެވެ.
އޮސްޓްރޭލިއާގެ ޓެނިސް ކުޅުންތެރިޔާ، ނިކް ކިރްގިއޯސް ވަނީ މަނާބޭހުގެ މައްސަލައެއްގައި، އަދަބު ލިބުނު ދެ ކުޅުންތެރިން، އެހާ އަވަހަށް ތަށި ހޯދުމަކީ، ޓެނިހަށް ރަނގަޅު ކަމެއްގެ ގޮތުގައި ބުނެވެން ނެތް ކަމަށެވެ. އަދި، ވިމްބަލްޑަންގެ ކާމިޔާބީ އަށް ފަހު، ކިރްގިއޯސް ސޯޝަލް މީޑިއާގައި ލިޔެފައިވަނީ، ސްވިއަޓެކާއި ސިނާ ޕޮޒިޓިވް ވި ބޭހުގެ ނަންތަކެވެ.
އެކަމާ ގުޅޭގޮތުން، ސުވާލުކުރުމުން ސިނާ ބުނީ، އޭނާ އާއި ސްވިއަޓެކް އެހާ ބޮޑަށް އުފާފާޅުކުރީ ޓެނިހުގައި އެ މީހުން ހިތި ތަޖުރިބާތަކެއް ކޮށްފައިވާތީ ކަމަށެވެ.
"އަހަރެމެން އުފާފާޅުކުރީ ވަކި ކަންތައްތަކެއް ހަނދާނުގައިހުރީމަ، އަހަރެމެންނާއި އަހަރެމެން ގާތް މީހުންނަށް ހާއްސަކޮށް އަހަންނަށް އެނގޭނީ މެންޓަލީ އަހަރެން މި ކަމުގައި އުޅެން ޖެހުނު ގޮތް،" ސިނާ ބުންޏެވެ.
ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސިނާ ބުނީ، ޓެނިސް ކެރިއަރުގައި އަބަދުވެސް މަނާބޭހުގެ ވާހަކަތަކާ ކުރިމަތިލާން ޖެހޭނެކަން އެނގޭ ކަމަށެވެ. އެހެންކަމުން، ކާމިޔާބީތަކަށް ފަހު އަބަދުވެސް ޕޮޒިޓިވް އާއި ނެގެޓިވް ކަންކަން އަންނާނެ ކަމަށް ތައްޔާރުވެގެން ހުންނާނެ ކަމަށް ވެސް ސިނާ ވަނީ ބުނެފަ އެވެ.
ސިނާ،، މަނާބޭހަށް ޕޮޒިޓިވްވީ 2024 ވަނަ ފަހަރު ތަފާތު ދެ ފަހަރެއްގެ މަތިންނެވެ. ސިނާ ބުނަމުން އައީ، އޭނާ އަށް އެ ބޭސް ބޭނުންކުރެވުނީ އެހެން ކަމަކަށް ކަމަށާއި އެ ބޭނުންކުރިއިރު، އެއީ މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ކަމެއް ނޭނގޭ ކަމަށެވެ.
ސިނާގެ މަނާބޭހުގެ މައްސަލައިގައި އެކަމަށް އިންޓަނޭޝަނަލް ޓެނިސް އިންޓަގްރިޓީ އެޖެންސީ (އައިޓީއައިއޭ) އިން އެކުލަވާލި ޕެނަލުން ނިންމާފައިވަނީ، ގަސްދުގައި ކުރި ކަމެއް ކަމަށް ނުވާތީވެ، ސިނާ ސަސްޕެންޑް ކުރެވެން ނެތް ކަމަށެވެ.
އެކަމަކު، ފަހުން ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައި، ސިނާ ދެ އަހަރަށް ސަސްޕެންޑް ކުރަން އެދުނެވެ. ކާސްގައި މި މައްސަލަ ތާވަލުކުރި ފަހުން، ސިނާ ވަނީ، ވާޑާއާ އެކު، އެއްބަސްވުމެއް ހަދައި، ކުށަށް އިއުތިރާފްވެފަ އެވެ. އެ ހުރިހާ ކަމަކަށް ބަލައި، ވާޑާ އިން ނިންމީ، ސިނާ ތިން މަހަށް ސަސްޕެންޑް ކުރުމަށެވެ. އެއީ، ސިނާގެ ސާމްޕަލުން މަނާބޭސް ފެނުނީ އޭނާ އަށް ފަރުވާ ދިނުމުގައި، ފިޒިއޯތެރަޕިސްޓު ބޭނުންކުރި ބޭހެއްގެ ސަަބަބުން ކަމަށް ވާޑާ އިން ހޯދި ހޯދުމުން އެނގިފައިވާތީ އެވެ.
ސިނާ އަށް ދީފައިވާ ސަސްޕެންޝަން ހަމަވީ މި މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން، ސިނާ ވަނީ ފްރެންޗް އޯޕަން ފައިނަލުގައި ބަލިވެފަ އެވެ، އެކަމަކު، ވިމްބަލްޑަން މި ވަނީ ކާމިޔާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ