އިސްރާއީލާ ދެކޮޅަށް އަޑުއުފުލި ނިއުޔޯކް ޔުނިވާސިޓީގެ 4 ޕްރޮފެސަރަކު ވަކިކޮށްފި

ނިޔުޔޯކް (16 ޖުލައި 2025): އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް އަޑުއުފުލައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަދައްކާތީ އެމެރިކާގެ ނިއުޔޯކް ޔުނިވާސިޓީގެ ހަތަރު ޕްރޮފެސަރަކު މަގާމުން ވަކިކޮށްފިއެވެ. މި ހަތަރު ޕްރޮފެސަރުން މަގާމުން ވަކިކުރުމާ ގުޅިގެން ނިއުޔޯކް ޔުނިވާސިޓީގެ އެކަޑަމިކް ޔުނިޔަން ނުވަތަ ޕްރޮފެޝަނަލް ސްޓާފް ކޮންގްރެސްއިން ބުނެފައިވަނީ މިއީ ޔުނިވާސިޓީގެ އެކަޑަމިކް މިނިވަންކަން ނިގުޅައިގަތުމުގެ ހަރުކަށި ނިންމުމެއް ކަމުގައެވެ. އަދި، މިއީ އިންސާނީ ހައްގުތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގުމުގެ އަމަލެއްގެ އިތުރުން މިއީ ޑިއުޕްރޮސެސްގެ ހައްގުތަކާ ޚިލާފު ނިންމުމެއް ކަމުގައެވެ. އިސްރާއީލުގެ ހަރުކަށިކަމާއި އިސްރާއީލުގެ ޓެރަރިޒަމާއި ލާއިންސާނީ ޖަރީމާތަކުގެ ދިފާއުގައި އެމެރިކާ ގެންދަނީ އެމެރިކާގައި ޒަމާނުއްސުރެ އޮތް އެކަޑަމިކް މިނިވަންކަމާ އަދި އިންސާނީ ހައްގުތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ނިގުޅައިގަންނަމުންނެވެ. މިގޮތުން، އެމެރިކާގެ ޔުނިވާސިޓީތަކުގައި އިސްރާއީލަށް ފާޑުކިޔައި ފަލަސްތީނުގެ ހައްގުތަކަށް ގޮވާލައި ހިންގާ ސުލްހަވެރި ހަރަކާތްތައް ހުއްޓުވުމަށް އެމެރިކާގެ ފުލުހުން ގެންދަނީ ބާރުގެ ބޭނުންކުރަމުންނެވެ. އަދި، އެމެރިކާގެ ފުލުހުން ޔުނިވާސިޓީތަކުގެ ކެންޕަސްތަކަށް އަރައިގަނެ އިސްރާއީލަށް ފާޑުކިޔާ ދަރިވަރުން ހައްޔަރުކުރުމުގެ އޮޕަރޭޝަންތައް ވެސް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެއެވެ. މީގެ އިތުރުން، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާ އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ވެސް ގެންދަނީ އެ ޔުނިވާސިޓީތަކުން ވަކި ކުރަމުންނެވެ. ދާދި ފަހުން ކޮލަންބިއާ ޔުނިވާސިޓީގެ މި ބާވަތުގެ އެތައް ދަރިވަރަކުވަނީ އެމެރިކާ ސަރުކާރުގެ ޕްރެޝަރަށް އެ ޔުނިވާސިޓީން ވަކިކޮށްފައެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލި ނިއުޔޯކް ޔުނިވާސިޓީގެ ހަތަރު ޕްރޮފެސަރަކު މަގާމުން ވަކިކުރުމުން މި މައްސަލަ އެ ޔުނިވާސިޓީގެ ތެރޭގައި ވަރަށް ބޮޑަށް ހޫނުވެފައިވާއިރު އިސްރާއީލާ ޖެހުމުން ދުލާއި ގަލަމުގެ މިނިވަންކަން އެމެރިކާގައި ނޯންނަކަން މިވަނީ ވަރަށް ބޮޑަށް ސާފުވެފައެވެ. މި ހަތަރު ޕްރޮފެސަރުން ވަކިކުރި މައްސަލައިގައި ވަރަށް ކޯފާވެގެން ނިއުޔޯކް ޔުނިވާސިޓީގެ އެކަޑަމިކް ޔޫނިއަންގެ ރައީސް ޖޭމްސް ޑިވީސް ވަނީ އެ ޔުނިވަސިޓީގެ ޗާންސެލާ ފިލިކްސް މެޓޫސްއަށް ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގައި ޖޭމްސް ޑިވީސް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާ މިހާރު މި ވެއްޓެނީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެކަޑަމިކް މިނިވަންކަން ނެތް ބޯދާ ޒަމާނަކަށެވެ. މިއީ އެމެރިކާގެ ގާނޫނުތަކާ އަދި ޔުނިވާސިޓީގެ އުސޫލުތަކާއި ޕްރިންސިޕަލްސްތަކާ ވެސް ޚިލާފު އަމަލެއްކަމާއި މިކަމުގެ ސަބަބުން ދުނިޔޭގައި އެމެރިކާގެ އަގު ވެއްޓޭނެ ކަމަށް ވެސް ޖޭމްސް ޑިވީސް ވިދާޅުވިއެވެ. ނިއުޔޯކް ޔުނިވާސިޓީގެ 100 އަށް ވުރެގިނަ ޕްރޮފެސަރުން ވަނީ އެ ޔުނިވާސިޓީގެ މި ނިންމުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ