ހިޖުރީ އާ އަހަރަށް ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި
ހިޖުރައިން 1447 ވަނަ އަހަރުގެ އިސްލާމީ އަހަރު ފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިފިއެވެ. ގާތްގަނޑަކަށް 11 މަސް ދުވަހުގެ މަސައްކަތް ހިމެނޭ އުރަކޮޅު އުފެއްދީ މައްކާގެ އުއްމު އަލް ޖޫދު ޑިސްޓްރިކްޓްގެ ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސްގައެވެ. އާ ކިސްވާ އުފެއްދީ ގުދުރަތީ ކަޅު ކުލަ ޖަހާފައިވާ ސިލްކް ބޭނުންކޮށްގެން ރަނާއި ރިހީގެ ރޮދިންނެވެ. އާ އުރަކޮޅު ބަދަލުކުރުމުގެ ރަސްމިއްޔާތު ފެށެނީ ކުރީގެ އުރަކޮޅު ނަގާ ހިސާބުންނެވެ. އެގޮތުން، ހަރަމްފުޅުގެ އޮފިޝަލުންނާއި މުވައްޒަފުން އިއްޔެ ވަނީ ދިގުމިނުގައި 6.35 މީޓަރު އަދި ފުޅާމިނުގައި 3.33 މީޓަރު ހުންނަ ކައުބާގެ ކުރީގެ އުރަކޮޅު ނަގާފައެވެ. އުރަކޮޅު އާ ކުރުމުގެ ކަންތައްތައް ބަލަހައްޓަން ތަމުރީން ލިބިފައިވާ ކުޅަދާނަ 154 ފަންނުވެރިން މަސައްކަތްކުރިއެވެ. އެ މީހުން ޒިންމާތަކުގެ ތެރޭގައި ކުރީގެ ކިސްވާ އުފުލުމާއި، ރަނުން ޖަރީކޮށްފައިވާ އުފެއްދުންތައް ވަކިކުރުމާއި، އާ އުރަކޮޅު އެޅުވުން ހިމެނެއެވެ. މުޅި އުރަކޮޅުގެ ބަރުދަނުގައި ގާތްގަނޑަކަށް 1،415 ކިލޯ ހުރެއެވެ. https://x.com/sunbrk/status/1929181882513813987 އާ އުރަކޮޅުގައި އެމްބްރޮއިޑަރީއާ އެކު 47 ކަޅު ސިލްކް ޕެނަލްއާއި 24 ކެރެޓްގެ ރަނުން ގިރިޓީކޮށްފައިވާ ރިހި ރޮދި ބޭނުންކޮށްގެން ކީރިތި ގުރުއާންގެ 68 އާޔަތް ލިޔެފައިވެއެވެ. މި ފަހަރުގެ އުރަކޮޅު އުފެއްދުމަށް ބޭނުންކުރީ 120 ކިލޯގެ ރަނުން ގިރިޓީކޮށްފައިވާ ރިހި ރޮއްޖާއި، 60 ކިލޯގެ ސާފު ރިއްސާއި، 825 ކިލޯގެ ސިލްކް، އަދި 410 ކިލޯގެ ރޯ ކޮޓަންއެވެ. ގެފުޅުގެ އުރަކޮޅު ތައްޔާރުކުރަނީ ހަތަރު ބިތުގެ އުރަކޮޅު ވެސް ވަކީންނެވެ. ގެފުޅުގެ އުރަކޮޅު ބަދަލުކުރަން، އަލަށް ތައްޔާރުކުރާ އުރަކޮޅުގެ ހަތަރު ބިތް ގެފުޅުގެ މައްޗަށް އަރުވައެވެ. އެއަށް ފަހު، ގެފުޅުގައި ކުރިން އޮތް އުރަކޮޅު އޮޅަމުން މައްޗަށް ނަގައި ނިމުމުން، އާ އުރަކޮޅު ހަތަރު ފަރާތުން ތިރިއަށް ފަތުރައިލައެވެ. ދެން އުރަކޮޅުގެ ހަތަރު ފަރާތް، އެއް ފަރާތް އަނެއް ފަރާތާ އެކު ގުޅައިލައެވެ. އަދި، ދޮރުކޮޅުގެ ފަރުދާ ވެސް އުރަކޮޅާ ގުޅައިލައެވެ. ގެފުޅުގެ އުރަކޮޅު ވިޔަނީ އެ ކަމަށް ހަދާފައިވާ ފެކްޓްރީއެއްގައި އެ ކަމަށް، ޚާއްޞަކޮށް އުފައްދާފައިވާ މެޝިނަކުންނެވެ. ދިގުމިނުގައި 16 މީޓަރު ހުންނަ މި މެޝިނަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ވިޔާ މެޝިނެވެ. މި މެޝިނަކީ މުސްލިމުން އުފައްދާފައިވާ މެޝިނެކެވެ. ގެފުޅުގެ އުރަކޮޅު ކޮންމެ އަހަރަކު ވެސް ޙައްޖު މޫސުމަށް ބަދަލުކުރުމަކީ މީގެ އެތައް ގަރުނެއް ކުރިން ވެސް އޮންނަ އާދައެކެވެ. ނަމަވެސް، ހިޖުރީ އާ އަހަރާ ގުޅުވައި އުރަކޮޅު ބަދަލުކުރަން ފެށީ 2022 ވަނަ އަހަރެވެ. އެގޮތަށް ނިންމާފައިވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ގަރާރަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ