ހަލާލް ޓޫރިޒަމް ތަރައްގީކުރާ ރަށެއްގެ ގޮތުގައި އައްޑޫ ސިޓީ ހަންކެޑެ ކަނޑައަޅައިފި

ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީކުރާ ހަ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެއްގެ ގޮތުގައި، އިންޓްގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރި އައްޑޫ ސިޓީ ހަންކެޑެ ކަނޑައަޅައިފިއެވެ. ފަތުރުވެރިކަން ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ހަންކެޑެއިގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމާ ގުޅިގެން އެ މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. ހަލާލު ޓޫރިޒަމަކީ ޚާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހެމާނުންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. މި ކޮންސެޕްޓު ތަންފީޒު ކުރާނީ ރިޒޯޓު ތަރައްގީ ކުރެވޭ މަރުހަލާގެ ތެރެއިންނާއި ރިޒޯޓު އޮޕަރޭޝަންސްގެ މަރުހަލާގައެވެ. އައްޑޫ ސިޓީ ހަންކެޑެއިގައި ތަރައްގީކުރާ ހަލާލް ޓޫރިޒަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މިފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން، މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިސާދީ ދުވެލި ހަލުވިވާނެ ކަމަށް ވެސް ބުނެފައިވެއެވެ. https://sun.mv/207950 ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ޓަކައި، އެ ސަރަހައްދުތަކުގައި ރިޒޯޓު ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސައިދިނުމަށް ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ. އޭގެ ތެރޭގައި ކުއްޔަށް ދޫކުރާ ރަށްތަކުގެ "ލީސް އެކުއިޒިޝަން ޕާ ހެކްޓަރު" ރޭޓުތައް ވަނީ ކުޑަކޮށްފައެވެ. އެ ރަށްތައް ތަރައްގީ ކުރުމަށްދޭ ގްރޭސް ޕީރިއަޑުގެ ކުރިން އެ ތަނެއް ތަރައްގީކޮށް ހުޅުވުމުން، ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި މި އުސޫލުގެ ތެރެއިން ފަސްކޮށްދޭނެއެވެ. އަދި މި ފަދައިން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފުކުރެވޭ ޕަސަންޓު 15އަށް އިތުރުކުރުމާއި، ޑިއުޓީ މައާފުކުރެވޭ ކެޓަގަރީތައް އިތުރު ކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފަރުނީޗަރާއި، ބަދިގޭ ސާމާނާއި، އިކުއިޕްމަންޓު، އިލެކްޓްރޯނިކްސް އަދި އެމްނިޓީސްއެވެ. ސަރުކާރުން މިފަދައިން ނިންމުމެއް ނިންމާފައިވާއިރު، ހަންކެޑެ ތަރައްގީކުރުން ލަސްވާކަމުގެ ކަންބޮޑުވުން ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން ވަނީ މި މަޝްރޫއު ލަސްވާ ސަަބަބު އޮޅުންފިލުވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ. https://sun.mv/204608 ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާއެވެ. އެގޮތުން 2023ވަނަ އަހަރު އެމްއެފްއެމްސީއާއި ހަންކެޑެގެ މަސައްކަތް ހަވާލުކުރުމަށްފަހު، މި ސަރުކާރުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15ގައި ބަޑިބޭހުގެ ކުޅިވަރުތަކާއެކު އެ މަޝްރޫއު އިފުތިތާހު ކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. ނަމަވެސް އެ ރަސްމިއްޔާތު ބޭއްވިތާ އަހަރެއްހާ ދުވަސް ފާއިތުވެ ދިޔައިރު ހަންކެޑެ ސަރަހައްދުގައި ހުރި ބައެއް ރުއްގަސްތައް ނެގުން ފިޔަވާ މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށް އަޒާންގެ ސިޓީގައި ވެއެވެ. ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ