ކުންފުނިތަކަށް އައްޔަން ކުރާ މީހުންގެ ތަޢުލީމާއި ތަޖުރިބާއަށް ބަލާ ގޮތަށް އުސޫލް އިސްލާހް ކޮށްފި

ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް، ސަރުކާރު ތަމްސީލުކުރާ ފަރާތްތައް ޢައްޔަންކުރުމާއި، ވަކިކުރުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލު އިސްލާހުކޮށްފިއެވެ. 
ޕީސީބީން ބުނީ، އެ އިސްލާހު ގެނެވުނި، އުސޫލު އިތުރަށް ހަރުދަނާކޮށް ބޯޑުތަކަށް ޢައްޔަނުކުރެވޭ ފަރާތްތަކަކީ އެންމެ އެކަށީގެންވާ ޤާބިލު ފަރާތްތައްކަން ކަށަވަރުކުރުމަށްޓަކައިކަމަށެވެ. 
އެގޮތުން، ކުންފުނި ތަކުގެ ބޯޑަށް އައްޔަން ކުރެވޭ މީހުންނަކީ، އެ މީހާގެ ޤާބިލުކަން ކަށަވަރު ކުރުމަށް ޕީސީބީން ކުރިއަށް ގެންދާ އިންޓަވިޔުއިން %60 ލިބިފައިވާ މީހެއް ކަމަށް ވުމަށް މީގެ ކުރިން އުސޫލުގައި ހިމަނާފައިވާއިރު، އެކަމުގެ އިތުރުން އެ މީހާގެ ތަޢުލީމާއި ތަޖުރިބާއަށް އިސްކަން ދިނުމަށްވެސް އައު އިސްލާހުގައި ހިމަނާފައިވެއެވެ.
އިސްލާހުގައި ކުންފުނިތަކުގެ ޗެއާޕާސަން އައްޔަނުކުރުމުގައި ބަލާނެ މިންގަނޑުގެ ގޮތުގައި އަލަށް ހިމަނާފައިވާ ދެކަމަކީ:
1) ޤައުމީ ސަނަދުގެ އޮނިގަނޑުގެ "ލެވެލް 7" އަށް ފެތޭ ސަނަދަކާއި އެކު ވިޔަފާރިއާއި ގުޅުން ހުރި ދާއިރާއަކުން 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ
2) ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ދާއިރާއިން ނުވަތަ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.
މި ދެ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިސްކަން ދިން ނަމަވެސް، އެ ދެ ޝަރުތު ހަމަ ނުވި ކަމުގައި ވިޔަސް، އިންޓަވިޔުއިން %60 ލިބޭ ނަމަ މަގާމަށް އައްޔަނު ކުރޭވެނެ ކަން އުސޫލުން އެނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ