ކަނޑައެޅިގެން ދޮގުހަދާކަން ޔަޤީންކުރެވޭ މީހަކާ ކައިވެނިކުރަން ހެޔޮވެދާނެތަ؟

ކަނޑައެޅިގެން ދޮގުހަދާކަން ޔަޤީންކުރެވޭ މީހަކާ ކައިވެނިކުރަން ހެޔޮވެދާނެތަ؟
މިސުވާލުގެ ޖަވާބަކީ ދޮގުހެދުމަކީ ތެދުވެރިކަމުގެ ދިމާ އިދިކޮޅެވެ. ވީމާ ދޮގުހަދާ މީހަކަށް ތެދުވެރިއެއް ނުވެވޭނެއެވެ. އެއްވެސް ކަމެއްގައި ދޮގުހަދާނަމަ އެމީހަކު ހުރިހާ ކަމެއްގައިވެސް ދޮގުހަދާނެއެވެ. ތެދެއް ބުނިނަމަވެސް އެއީ ތެދެއްކަމަށް ޤަބޫލުކުރަންވެސް އުނދަގޫވާނެއެވެ. 
އެހެންވެ ޢިލްމީ މާހިރުން ވިދާޅުވާ ގޮތުގައި ދޮގުހަދާކަން ޘާބިތުވާ ހިސާބުން އިތުބާރުގެއްލޭނެއެވެ. އެއިރުން ދެން ކުރިމަތިވާ ކޮންމެ ކަމެއްވެސް ބޮޑުކަމަކަށްވެ އެކުގައި އުޅެން ހުރަސްއެޅިގެންދާނެއެވެ. އެހެންކަމުން ދޮގުހަދާ މީހުންނާއި އެކުވެރިވެގެން ނުއުޅުމަށްވެސް އިލްތިމާސްކުރައްވައެވެ. 
ތިރީގައިވާ ލިޔުމުން ވަރަށް ތަފްޞީލީ ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ 
ތެދުވެރިކަމަކީ މާތްވެގެންވާ ސިފައެކެވެ. އެއީ އީމާންކަމުގެ ހެކިތަކުގެތެރެއިން އެންމެ ސާފުކަންބޮޑު ހެއްކެވެ. އަދި އިޙްސާންތެރިކަން ލިއްބައިދޭ ކަމެކެވެ. އަދި އެއީ މާތް ﷲ ދެއްވާ އެންމެ މަތިވެރި އެއް ނިޢުމަތެވެ. ނަފްސުގެ ޠާހިރުކަމާއި، ހިއްމަތުގެ މަތިވެރިކަމާއި، ރިވެތި އަޚްލާޤު އަށަގެންފައިވާކަމުގެ ޢަލާމާތެކެވެ. ތެދުވެރިކަމަކީ އިންސާނާގެ އުނިސިފަތައް ފޮރުވައިދީ ހެޔޮކަންތައްތައް އިތުރަށް ފާޅުކޮށްދޭކަމެކެވެ. އަދި އެއީ ދީނީ އަދި ދުނިޔަވީ ހުރިހާ ޙާލަތެއްގައިމެ ރިވެތިވެގެންވާ ސިފައެއްކަމުގައިވެއެވެ.   ތެދުވެރިކަމަކީ އަޚްލާޤީ ސިފަތަކުގެތެރެއިން އެންމެ މަތިވެރި އެއް ސިފައެވެ. ކީރިތިވަންތަ ﷲ ވަނީ އެކަލާނގެ ޒާތުފުޅަށް އެ ސިފަ ޘާބިތުކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. 
"وِإِنَّا لَصَادِقُونَ" (الأنعام 146)
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތެދު وحىކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ." 
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. 
"وَمَنْ أَصْدَقُ مِنَ اللّهِ حَدِيثاً" (النساء 87) 
މާނައީ: "ބަސްބުނުމުގައި ﷲ އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟" 
"وَمَنْ أَصْدَقُ مِنَ اللّهِ قِيلاً" (النساء 122) 
މާނައީ: "ބަސްބުނުމުގައި ﷲ އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟" "قُلْ صَدَقَ اللّهُ فَاتَّبِعُواْ مِلَّةَ إِبْرَاهِيمَ حَنِيفاً" (آل عمران 95) 
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ވަޙީކުރެއްވީ ތެދުބަސްފުޅެވެ. ފަހެ، ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް  ތަބާވެގެންވާ އިބްރާހީމްގެފާނުންގެ ދީނަށް ތިޔަބައިމީހުން ތަބާވާށެވެ!"
ތެދުވެރިކަމަކީ ނަބީބޭކަލުންގެ ސިފަފުޅެކެވެ. އިސްމާޢީލް عليه السلام އާއި ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ 
"إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَبِيًّا" (مريم 54)
މާނައީ: "ކަލޭގެފާނު މި ފޮތުން އިސްމާޢީލުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ވަޢުދުފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ."
އަދި މުޙައްމަދު صلى الله عليه وسلم ތެދުވެރިކަމުގެސިފައިން ސިފަކުރައްވާފައިވެއެވެ.  
"وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ أُوْلَئِكَ هُمْ الْمُتَّقُونَ" (الزمر 33)
މާނައި: "ތެދާއިގެން އަންނަމީހާއާއި އަދި އެތެދު ޤަބޫލުކުރާމީހާ (ދަންނާށެވެ!) އެއުރެންނީ، ހަމަ ތަޤްވާވެރިންނެވެ." އަދި ތެދުވެރިކަމަކީ ރަސޫލު ﷲ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންގެ ސިފަފުޅެއްކަމުގައިވެސްވަނީ އަންގަވާފައެވެ. 
"مِنْ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُمْ مَنْ قَضَى نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ وَمَا بَدَّلُوا تَبْدِيلًا " (الأحزاب 23) 
މާނައީ: "ﷲ އަށް އެއުރެން ޢަހްދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނުންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (ޝަހީދުވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (ޝަހީދުވުމަށް) އިންތިޒާރުކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ ޢަހުދަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ."
މުއުމިނުތަކުން ތެދުވެރިވުމަށްވެސް މާތް ﷲ ވަނީ އަމުރުކުރައްވާފައެވެ. 
"يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ " (التوبة 119 ) 
މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!"
އާޚިރަތުގެ ފަލާޙާއި ކާމިޔާބު ގުޅިފައިވަނީ ތެދުވެރިކަމާއެވެ. 
"وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ" (العنكبوت 3) 
މާނައީ: "އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަންރަސްކަލާނގެ އިމްތިޙާނުކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ."
އަދި ކިއެއްތޯއެވެ!  ތެދުވެރިކަމުގެ މާތްކަމާއި، ޤިޔާމަތް ދުވަހުގައި ތެދުވެރިންގެ ދަރަޖަ މަތިވެރިވެގެންވާކަމާއި، އަދި އެދުވަހުގައި ފައިދާއެއް ކުރާނީ ތެދުވެރިންގެ ތެދުވެރިކަމުންކަމުގަވެސްވަނީ އަންގަވާފައެވެ. 
"قَالَ اللَّهُ هَذَا يَوْمُ يَنفَعُ الصَّادِقِينَ صِدْقُهُمْ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنهَارُ خَالِدِينَ فِيهَا أَبَدًا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ذَلِكَ الْفَوْزُ الْعَظِيمُ " (المائدة 119) 
މާނައީ: "ﷲ ވަޙީކުރައްވާނެތެވެ. މިއީ، ތެދުވެރިންނަށް، އެއުރެންގެ ތެދުވެރިކަން، މަންފާކޮށްދޭނޭ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް،  އެއުރެންނަށް ހުއްޓެވެ. އެ ސުވަރުގެތަކުގައި، އެއުރެން އަބަދަށް ދެމިތިބޭ ގޮތުގައެވެ. ﷲ، އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެންވެސް، އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަޞީބުލިބުމަކީ އެއީއެވެ."
ހަމައެފަދައިން ކީރިތި ރަސޫލާ صلى الله عليه وسلم ވެސްވަނީ ތެދުވެރިކަމުގެ މައްޗަށް ނުހަނު ބާރުއަޅުއްވާފައެވެ. އަދި ދޮގުވެރިކަމުގެ ނުބައިކަން ހާމަކޮށްދެއްވާފައެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. 
« عَلَيْكُمْ بِالصِّدْقِ فَإِنَّ الصِّدْقَ يَهْدِى إِلَى الْبِرِّ وَإِنَّ الْبِرَّ يَهْدِى إِلَى الْجَنَّةِ وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللَّهِ صِدِّيقًا وَإِيَّاكُمْ وَالْكَذِبَ فَإِنَّ الْكَذِبَ يَهْدِى إِلَى الْفُجُورِ وَإِنَّ الْفُجُورَ يَهْدِى إِلَى النَّارِ وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا » رواه مسلم މާނައީ: "ތިޔަބައިމީހުން ތެދުބުނުމަށް ސަމާލުވާށެވެ. ފަހެ ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮކަމަށެވެ. އަދި ހެޔޮކަން މަގުދައްކަނީ ސުވަރުގެއަށެވެ. އަދި މާތް ﷲ ގެ ޙަޟުރަތުގައި ޞިއްދީޤަކު (ތެދުވެރިއަކު) ކަމުގައި ލިޔުއްވެންދެން މީހަކު ތެދުބުނުމަށް މަސައްކަތްކޮށް ތެދުބުނުމުގައި ދެމިހުރެއެވެ. އަދި ތިޔަބައިމީހުން ދޮގުހެދުމުން އެއްކިބާވެ ރައްކާތެރިވާށެވެ! ދޮގުވެރިކަން މަގުދައްކަނީ ފާޖިރުކަމަށެވެ. ފާޖިރުކަން މަގުދައްކަނީ ނަރަކައިގެ އަލިފާނަށެވެ. އަދި މާތް ﷲ ގެ ޙަޟުރަތުގައި ކައްޒާބަކު (ދޮގުވެރިއަކު) ކަމުގައި ލިޔުއްވެންދެން މީހަކު ދޮގު ހަދައި ދޮގުހެދުމަށް މަސައްކަތްކުރެތެވެ."
މިހެންކަމުން، ކޮންމެ ކަމެއްގައިވެސް ތެދުވެރިވާން ޢާދަކުރަންވާނެއެވެ. 
މީހެއްގެ ކިބައިގާ ދޮގުވެރިކަން ހުރުމުގެ ސަބަބުން އޭނާގެ ކައިވެނީގައި ބައްޖެވެރިކަން ނުވާނެޔޭ ބުނާކަށް ނުކެރޭނެއެވެ. އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. والله أعلم 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 
- ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ކަނޑައެޅިގެން ދޮގު ހަދާކަން އެނގޭ މީހަކާ ކައިވެނިކޮށްފިނަމަ އެކައިވެނި ބާއްޖަވެރިވާނެތޯ؟ މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ