ޝަކުވާތައް ބޮޑުވުމުން، ޖީޕީޓީގެ ކުރީގެ ވާޝަންތައް އަލުން ދީފި
އޯޕަންއޭއައިގެ މަގުބޫލު ޖީޕީޓީ-4އޯ މޮޑެލް ނުލިބޭތީ ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމުން، އެ މޮޑެލް ޗެޓްޖީޕީޓީއަށް ގެނައުމަށް ނިންމައިފިއެވެ. ކުންފުނީގެ ސީއީއޯ ސޭމް އޯލްޓްމަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، ޖީޕީޓީ-5އަށް ގެނައި މުހިންމު ބަދަލުތަކާއެކު މި މޮޑެލް މިހާރު ޗެޓްޖީޕީޓީއަށް ފައިސާ ދައްކާ ހުރިހާ ކަސްޓަމަރުންނަށް (ޕްލަސް، ޓީމް، އަދި ޕްރޯ) ލިބެން ހުންނާނެ ކަމަށެވެ. މިއީ ޖީޕީޓީ-5 ތައާރަފުކުރުމަށްފަހު، 4އޯ އުނިކުރުމުން އެތައް ބައެއްގެ ހުރި ހިތްހަމަނުޖެހުންތަކަށް ފަހު އެޅި ފިޔަވަޅެކެވެ. ޖީޕީޓީ-4އޯ އަލުން ގެންނަން ނިންމި މައިގަނޑު ސަބަބަކީ، އަލަށް ނެރުނު ޖީޕީޓީ-5 މޮޑެލްގެ ޖަވާބުތަކަށްވުރެ ކުރީގެ މޮޑެލްގެ ޖަވާބުތައް މާ ރަނގަޅު ކަމަށް ގިނަ ބަޔަކަށް ފާހަގަވުމެވެ. ސޯޝަލް މީޑިއާގައި ބައެއް ޔޫޒަރުން ވަނީ ޖީޕީޓީ-5އިން ޖަވާބުދޭ ގޮތް "ހަރުކަށި" ކަމަށް ސިފަކޮށްފައެވެ. މި ޝަކުވާތައް ގަބޫލުކުރައްވަމުން އޯލްޓްމަން ވިދާޅުވީ، މޮޑެލްގެ ޖަވާބުތައް އިހުސާސްތަކާ އެއްގޮތަށް، ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަކު ދުރު ރާސްތާގެ ހައްލަކީ ކޮންމެ ޔޫޒަރަކަށްވެސް އަމިއްލައަށް މޮޑެލްގެ "ޕާސަނަލިޓީ" ބަދަލުކުރެވޭނެ ގޮތް ހެދުން ކަމަށެވެ. ޕާސަނަލިޓީއަށް ގެންނަ ބަދަލުތަކުގެ އިތުރުން، ޖީޕީޓީ-5ގެ މައި މޮޑެލްއަށް މިހާރު ތިން މޯޑެއް ވަނީ ތައާރަފުކޮށްފައެވެ. އެއީ "އޮޓޯ"، "ފާސްޓް" އަދި "ތިންކިން" މޯޑެވެ. މި މޯޑުތައް ބޭނުންކޮށްގެން ޔޫޒަރުންނަށް ބޭނުންވާ ގޮތަކަށް ޖަވާބު ހޯދޭނެއެވެ. އޮޓޯ މޯޑުން ސުވާލަށް އެންމެ އެކަށީގެންވާ މޮޑެލް އޮޓޮމެޓިކުން އިޚްތިޔާރުކުރާނެއެވެ. މީގެ އިތުރުން، އުނދަގޫ މައްސަލަތައް ހައްލުކުރުމާއި ފުންކޮށް ވިސްނުމަށް ޚާއްސަ "ޖީޕީޓީ-5 ތިންކިން" މޮޑެލް ބޭނުންކުރެވޭ މިންވަރު ވަނީ އިތުރުކޮށްފައެވެ. ފައިސާ ދައްކާ ޔޫޒަރުންނަށް މިހާރު ހަފުތާއަކު 3,000 މެސެޖު މި މޮޑެލްގައި ބޭނުންކުރެވޭނެއެވެ. އެ އަދަދު ހަމަވުމުން ސުވާލުތައް "ތިންކިން މިނީ" މޮޑެލްއަށް ބަދަލުވާނެއެވެ. ޖީޕީޓީ-5 ތިންކްއަކީ 196,000 ޓޯކަންގެ ބޮޑު ކޮންޓެކްސްޓް ވިންޑޯއެއް ލިބިފައިވާ މޮޑެލްއެކެވެ. އަލުން ގެނައީ ހަމައެކަނި ޖީޕީޓީ-4އޯ އެކަންޏެއް ނޫނެވެ. އޯޕަންއޭއައިން ވަނީ ކުރީގެ އެހެން ބައެއް މޮޑެލްތައް ވެސް އަލުން ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި 3އޯ، ޖީޕީޓީ-4.1، އަދި ޖީޕީޓީ-4.5 ހިމެނެއެވެ. މީގެ ތެރެއިން ގިނަ މޮޑެލްތައް، ފައިސާ ދައްކާ ހުރިހާ ޔޫޒަރުންނަށް ލިބުނު ނަމަވެސް، ހިންގުމަށް ވަރަށް ބޮޑަސް ހަކަތަ ބޭނުންވާ ޖީޕީޓީ-4.5 ލިބޭނީ ހަމައެކަނި "ޕްރޯ" ޔޫޒަރުންނަށެވެ. މި ހުރިހާ މޮޑެލްއެއް ޗެޓްޖީޕީޓީގެ ވެބް ސެޓިންސްއަށް ގޮސް އެކްޓިވޭޓް ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ