ވޯލްޑްކަޕް ފައިނަލުގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޗު އޮންނަ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.
މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.
ބަޔާނުގައި ބުނެފައި ވަނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެ ކަމަށެވެ.
މުބާރާތުގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލު ކުރި މެޗާއި ގުޅިގެން ވެސް އަމާންކަން ނަގާނުލުމަށް އިލްތިމާސްކޮށް ފުލުހުން ބަޔާނެއް ނެރުނެވެ.
ވޯލްޑްކަޕް ފޯރީގެ އެކި ހަރަކާތްތައް މާލޭގެ ސަރަހައްދުތަކުގައި ކޮންމެ ރެއަކު ވެސް ކުރިޔަށް ގެންދެ އެވެ. އެގޮތުން ބޮޑު ސްކްރީނު ބަހައްޓައި، އެ ސަރަހައްދުތަކަށް އެއްވެ މީހުން މެޗުތައް ބަލަ އެވެ.
މީގެއިތުރުން އާންމު ގޮތެއްގައި މެޗުތައް ނިންމައި، އުފާ ފާޅުކުރުމުގެ ގޮތުން މަގުތަކަށް ނިކުމެ އަޑުގަދަކޮށް ސައިކަލު ބުރުތައް ކުރިޔަށް ގެންގޮސްފައިވެއެވެ.
މިރޭ އޮތީ ވޯލްޑްކަޕްގެ ފައިނަލް މެޗުކަމަށްވުމާއި އެކު، ގިނަ ބަޔަކު މަގުތަކަށް އެއްވާނެކަމަށް ބެލެވެ އެވެ.
މިރޭގެ މެޗު އޮތީ ރާއްޖެ ގަޑިން ރޭގަނޑުގެ 12:00 ގައެވެ.
އާޖެންޓީނާ – ސްޕެއިން ވޯލްޑް ކަޕް ފައިނަލް: އުފާ ފާޅުކުރުމުގައި އަމާންކަން ގެއްލިދާނެ ކަމެއް ނުކުރަން ފުލުހުންގެ އިލްތިމާސް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ