ވޯލްޑްކަޕް ނިމިގެންދިޔައިރު، އަޅުގަނޑުމެންގެ އުސްއަލިތައް

ވޯލްކަޕްގެ މެޗުތައް މިހާރު ނިމިއްޖެއެވެ. އަނެއްކާ ވެސް ޙަޔާތައިގެން ކުރިޔަށް ދާންވީއެވެ. އޭގެ ކުރިން މުބާރާތުގެ ތެރޭގައި ހުރި އަޅުގަނޑުމެންގެ އުސްލައިތަކަށް ބަލައިލަމާ ހިނގާށެވެ! އެއީ އައި ފޯރިއެކެވެ. އުފާގެނުވި ޢީދެކެވެ. ބަލަން އިންނަ މެޗު ނިމުނަސް، މެޗުތަކުގެ ފޯރިން ނުކުންނަން ވަރަށް އުނދަގޫވިއެވެ. މިއީ ވަރަށް ގިނަ މީހުންނަށް ދިމާވި ކަމެކެވެ. މި ފަހަރުގެ މުބާރާތުގައި ހުރި ބައެއް މެޗުތައް ދިމާވީ، ނަމާދު ވަގުތާއެވެ. އެ ވަގުތު ވަނުމުން ނަމާދަށް ދިޔުން އިސްކުރެވުނީ މަދު ބަޔަކަށެވެ. ބައެއް މެޗުތައް ނަމާދު ގަޑިއަށް ނިމުނަސް، އެ މެޗުތަކުގައި ކުޅުންތެރިންގެ ހަރަކާތްތައް ހުރި ގޮތުގެ، މޮޅުދެރަ ކިޔަން ޖަމާޢަތް ނިމުނުއިރު ވެސް ބައެއް މީހުން ކޮފީ މޭޒުމަތީ ތިއްބެވެ. އެހެން ތިބޭތިބުމުގައި ކޯޗުގެ ބަދަލުތަކަށް ހިތްހަމަ ނުޖެހުނު މީހުން އެ ވާހަކަ ދައްކަދައްކައި ތިއްބާ، ފަތިސް ނަމާދުފަދަ، އަވަހަށް ވަގުތު ނިމޭ ނަމާދުތަކުގެ ވަގުތު ނުކުމެގެން ވެސް ގޮސްފައި އެބަހުށްޓެވެ. ދެން އަންނަ މެޗެއްގައި އެ ކަން ވިޔަނުދޭން ނިޔަތްގަނެ، ބައިކޮޅަށް ގޯލެއް ވަނަ ނުދޭން ގަސްތުކުރި އެތައް ބަޔަކަށް މި މުބާރަތުގައި ވަނީ ނަމާދުތައް ދޫކޮށްލެވި ބައިކޮޅަށް އެތައް ގޯލެއް ޖެހިފައެވެ. އޮފްސައިޑު ދައްކައިގެން ރަނގަޅު ގޯލުތައް ނުބައި ކަމުގައި ކަނޑައެޅި ރެފުރީންނާއި، ދައްކަން ނުޖެހޭ ކާޑު ދެއްކި ރެފްރީންގެ ވާހަކަ ދައްކައި އެ މީހުންގެ އިންސާފެއް ނެތް ކަމުގެ ޙުކުމްކުރެވުނު އިރު، އިންސާފުވެރި ޙާކިމު ރެފްރީކަމުގައި ޙުކުމް ކުރައްވާނޭ ޤިޔާމަތްދުވަހަށް ބިރުވެތިވެ، މެޗުތަކަށްވުރެ ކުރިޔަށް ނަމާދުކުރުން އިސްކޮށް ޖަމާޢަތަށް ހާޒުރުވި ކޮންމެ މީހަކީ މޭން އޮފް ދަ މެޗްކަން ހޯދާފައި ވާ މީހެކެވެ. އެ ނޫން އެންމެންނަށް ރީނދޫ ކާޑު ޙައްޤު ކަމުގައި ޤަބޫލުކުރަން ޖެހެއެވެ. އަލުން ދެވަނަ ރީދޫ ކާޑެއް ނުލިބޭ ގޮތަށް އުޅެން މިއަދު ނިޔަތް ގަންނާށެވެ! އެހެން ނޫނީ ދެ ރީނދޫ ކާޑު ހަމަވެގެން ދަނޑުން ވެސް ބޭރުވެދާނެއެވެ. އަޅުގަނޑުމެންގެ ހިތުގެ ލޯބި މޮޅެތި ކުޅުންތެރިންނަށް އޮއްސައިލެވުނުއިރު، އޭގެ އެކަކަށް ވެސް އެ ކަން އެނގޭބާއެވެ. އެއިން ކޮންމެ ކުޅުންތެރިއެއް އެ ހޭދަކުރި ކޮންމެ ވަގުތަކާއި ހަކަތައަކީ އޭނާ އާމްދަނީ ހޯދަން ކުރި މަސައްކަތެވެ. އޭނާގެ މަޝްހޫރުކަން ދަމަހައްޓަން ކުރި ހިތްވަރެވެ. އޭނާގެ ސަޕޯޓަރުންގެ ހިތްތަކުގެ ލޯބި މިލްކުކުރަން ދިން ޤުރުބާނީއެވެ. އަޅުގަނޑުމެންގެ މިއްލަތަށް ވެސް ނިސްބަތް ނުވާ އެ މީހާއަށް ލޯބި ދިނުމުގައި އަޅުގަނޑުމެންގެ އެތައް މުސްލިމުންނެއް ވަނީ ރަޙިމުގެ ގުޅުންތައް ކަނޑައިފައެވެ. ދޭދޭ ފަރުދުންގެ މެދުގައި ރުޅިވެރިކަމާއި ޢަދާވަތްތެރިކަމުގެ ވިހަ ފަތުރާފައެވެ. ނަފުރަތުގެ ހުޅު ރޯކޮށްފައެވެ. މިއަދު ފުޓުބޯޅަ ނިމިއްޖެއެވެ. އެހެނަސް ތިމާގެކަން ދެމި އެބަ އޮތެވެ. ދެން އެއިން އެއްވެސް ކުޅުންތެރިއެއް ޓީވީއިންވެސް ނުފެންނާނެއެވެ. އެ ކަމަކު، އެއްބަނޑު ތިމާގެ މީހުން ކޮންމެ ދުވަހަކު ތިބޭނީ ލޯމަތީގައެވެ. މުބާރާތުގެ ފޯރީގައި ކުރި ހޭދަތައް މަދެއް ނޫނެވެ. އެ ދުވަސްތަކުގައި ގޭގޭގައި ތިބި އަނބިދަރިންނަށް ކުރަންޖެހޭ ހޭދަތައް މަދުވެ، ބައެއް ފަހަރަށް ހުއްޓިފައި ވެސް އެބަހުށްޓެވެ. އެއްޗެއް ބޭނުންވެގެން އަނބިމީހާ ގުޅުމުން، "މިދަނީމިދަނީ"ގައި އިނދެވެނީ ވަރަށް ބޮޑު ފައުލެއް ކޮށްގެންކަން ބެލުންތެރިޔާއަށް އިހުސާސް ވެސް ނުކުރެވެއެވެ. އަނބިދަރިންނަށް އަދާކޮށްދޭން ޖެހޭ މި ޙައްޤަށްވުރެ، އޭނާގެ އަމިއްލަ އެދުން ކުރިއަރައިގެން ގޮސް، ގިނަ މީހުން ތިބީ އޮފްސައިޑުވެފައެވެ. ބެންޗުން ކިތަންމެ ވަރަކަށް ގޮވިޔަސް އޭނޭގެ ކަހާތަން ހިރުވައި ވެސް ނުލައެވެ. މުބާރާތް ނިމިގެން އިނާމުތައް ބެހިއިރު އަޅުގަނޑަށާއި ތިޔަ ކިޔުންތެރިޔާއަށް ލިބުނު ހަމަ އެކައްޗެއް ވެސް އެބަ އޮތްތޯއެވެ؟ ވޯލްޑް ކަޕް ނިމިއްޖެއެވެ. ގޯލްޑު ކަޕް ހިފައިގެން އެ މީހުން ހިނގައްޖެއެވެ. އެ ތަށި އުފުލައިލަން ވެސް، އޭގައި އަތްޖައްސައިލަން ވެސް ނުލިބުނެވެ. އެ މީހުންގެ ދިދަތައް އަޅުގަނޑުމެންގެ ގޯތިގެދޮރުގެ ފުރާޅުތަކާއި ގަސްތަކު މައްޗަށް އުފުލީ އަޅުގަނޑުމެންނެވެ. މެޑައްޔެއް ނުލިބުނެވެ. އެއިން އެއްޗަކާ އެކު ފޮޓޯގަނޑެއް ވެސް ނުނެގުނެވެ. އެ ޤައުމުތަކުގެ ޖަރޒީތައް ގަނެގެން ލީ ވެސް އަޅުގަނޑުމެންނެވެ. ރުފިޔާއެއް ވެސް ނުލިބުނެވެ. އަޅުގަނޑުމެން ވޯލްޑުކަޕް ބަލަން ކުރި ހުރިހާ ޚަރަދެއްގެ ރުފިޔާ ކޮޅު ހިފައިގެން ގެޔަށް އެދިޔައީ ހަމަ އެ މީހުންނެވެ. ވޯލްޑްކަޕް ނިމިގެން ދިޔައިރު، އަޅުގަނޑުމެންގެ އުސްއަލިތަކާ މެދު ފުންކޮށް ވިސްނައިލުން ބުއްދިވެރި ނޫންތޯއެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ