ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ޑިޖިޓަލް އައިޑެންޓިޓީ ބިލު މަޖިލީހުން ބަލައިގެންފި

ސަރުކާރުން ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ" ބިލާއި "ޑިޖިޓަލް އައިޑެންޓިޓީ" ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
މި ދެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. މި ބިލުތައް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ މެންބަރުންގެ މެދުގައި ފުޅާދާއިރާއެއްގައި ބަހުސްކުރެވި، ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.
"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ" ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ކަންކަމާއި ޑިޖިޓަލް ގަވަރނަންސްގެ ނިޒާމާގުޅޭ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާނެއެވެ. މި ބިލުގެ ސަބަބުން އިންޓައޮޕަރަބަލް ޑިޖިޓަލް އިކޯސިސްޓަމެއް ޤާއިމުކުރުމަށް މަގުފަހިކޮށްދޭ އަދި އިންފޮމޭޝަން ސިސްޓަމްތަކުގެ މެދުގައި ޕްރޮސެސްކުރެވޭ ޑޭޓާގެ އަސާސީ އަސްލު ކަނޑައެޅުމަށް ދައުލަތުގެ އިދާރާތަކުނުް ބަރޯސާވެވޭނެ ދަފުތަރުތައް ގާއިމުކުރުމާއި ރައްކާތެރިކަމާއެކު ޑޭޓާ ހިއްސާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީއާ ގުޅުންހުރި ހުރިހާ ޚިދުމަތެއް ފޯރުކޮށްދީ، ދައުލަތުގެ ކޮމްޕިއުޓަރ ނެޓްވަރކާއި އިންފްރާސްޓްރަކްޗަރ ބަލަހައްޓަންޖެހޭނީ މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިންނެވެ.
މި ބިލު ޤާނޫނަކަށްވުމާއެކު ރާއްޖޭގެ ޑިޖިޓަލް ގަވަރނަންސް ނިޒާމު ހަރުދަނާ ކުރުމަށްޓަކައި "މޯލްޑިވްސް 2.0"ގެނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް ގާއިމުވެގެންދާނެއެވެ. މިއީ ޑިޖިޓަލް ފަސްޓް ސިޔާސަތެއްގެ ދަށުން ދައުލަތުގެ ހުރިހާ ޚިދުމަތްތަކާއި އިދާރީ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަންކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދީ، ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމާއި ރައްޔިތުންގެ އިތުބާރު ލިބިގެންވާ ވަށައިޖެހޭ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމަށް އެކުލަވާލާ ޕްރޮގްރާމެކެވެ.
ޑިޖިޓަލް އައިޑެންޓިޓީގެ ބިލުން ދައުލަތުގެ އިދާރާތަކާއި، ޤާނޫނީ ޝަޙްސުތަކާއި އެނޫންވެސް ފަރާތްތަކާއެކު، އެކި ފަރާތްތަކުން އޮންލައިންކޮށް ކުރާ މުޢާމަލާތުތަކުގައި، ޚިދުމަތް ހޯދުމުގައި އައިޑެންޓިޓީ ކަށަވަރު ކުރުމަށް ބޭނުންކުރާ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގެ މަތިން އެ ނިޒާމް ފަރުމާކޮށް ހިންގުމަށް ބޭނުންވާ އުސޫލުތައް ކަނޑައަޅާނެއެވެ. މި ޤާނޫނުގެ ދަށުން އެކުލަވާލާ ނިޒާމް ހިންގުމަށާއި، އެ ނިޒާމް ތަރައްޤީކުރުމަށްޓަކާ "ޑިޖިޓަލް އައިޑެންޓިޓީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލަން ވާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން މި ބިލުގައި ޑިޖިޓަލް އައިޑެންޓިޓީއާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކާއި، މި ނިޒާމުގައި ހިމެނޭ ފަރާތްތަކާއި، އައިޑެންޓިޓީ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަން ވަނީ ތަފްސީލްކޮށްދީފައެވެ. އަދި، އައިޑެންޓިޓީ ބޭނުން ކުރުން މަނާ ހާލަތްތަކާއި، ޒާތީ މައުލޫމާތު ބޭނުން ކުރުން މަނާ ހާލަތްތައް ބިލުގައި ތަފްސީލްކޮށް ބުނެދީފައިވެއެވެ.
މި ދެ ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު ދިރާސާކުރުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ