ކުޑައިރު ހަކުރު އެކުލެވޭ ބުއިންތައް ބޭނުންކުރާނަމަ ލޭމައްޗަށް ދިއުމުގެ ނުރައްކާ ބޮޑުކަން ހާމަކޮށްފި
ކުޑައިރުން ފެށިގެން ބޮޑުވަންދެން ހަކުރު އެކުލެވޭ ބުއިންތަކާއި މޭވާގެ ޖޫސް ގިނައިން ބޯ މީހުންނަށް، ލޭމައްޗަށް ދިއުމުގެ ނުރައްކާ ބޮޑުކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. މިދިޔަ ހުކުރު ދުވަހު, "ސާކިއުލޭޝަން" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ހާމަވާ ގޮތުގައި، ކުޑައިރުއްސުރެ މިފަދަ ބުއިންތަކަށް އާދަވެފައިވާ މީހުންނަށް މި ބަލީގެ ނުރައްކާ އެހެން މީހުންނާ އަޅައި ބަލާއިރު ބޮޑެވެ. މި ދިރާސާގައި އުމުރުން ނުވަ އަހަރާއި 16 އަހަރާ ދެމެދުގެ 26،000 އާ ގާތްކުރާ އަދަދެއްގެ ކުދިން ބައިވެރިކޮށްފައިވެއެވެ. ދިރާސާގެ ބައިވެރިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ސިއްހީ ހާލަތާއި، ކެއިންބުއިމުގެ އާދަތައް ދެނެގަތުމަށްޓަކައި ކޮންމެ އެއް އަހަރަކާއި ހަތަރު އަހަރަކާ ދެމެދުގެ މުއްދަތެއްގައި ސުވާލުކަރުދާސް ފުރިހަމަކޮށްފައިވެއެވެ. މީގެ ތެރޭގައި ސޮޑާ، ލެމަނޭޑް، ސައި، ޕަންޗް އަދި ސްޕޯޓްސް ޑްރިންކްސް ފަދަ ހަކުރު އަޅާފައި ހުންނަ ބުއިންތައް ބޭނުންކުރާ މިންވަރު ބަލާފައިވެއެވެ. ހެލްތް ސްކްރީން ޕްރޮގްރާމެއްގެ ތެރެއިން: -- ފޮޓޯ: ދަމާސް ގާތްގަނޑަކަށް 25 އަހަރު ދުވަހުގެ މުއްދަތަކަށް ބައިވެރިންގެ މައުލޫމާތު އެއްކޮށްފައިވާއިރު، އޭގެ ތެރެއިން ހަ އިންސައްތަ މީހުންނަށް ލޭމައްޗަށް ދިއުމުގެ މައްސަލަ ދިމާވެފައިވާކަން ދިރާސާކުރި ފަރާތްތަކުން ފާހަގަކުރިއެވެ. އެހެން ކަންކަމާ ނުލައިވެސް، އެންމެ ގިނައިން ހަކުރު އެކުލެވޭ ބުއިންތަކާއި މޭވާގެ ޖޫސް ބޭނުންކުރި މީހުންނަށް ލޭމައްޗަށް ދިއުމުގެ ނުރައްކާ އެންމެ ބޮޑުކަމަށް ވަނީ ހާމަވެފައެވެ. ނަމަވެސް، ފްރަކްޓޯސް އަދި ތާޒާ މޭވާ އެކަނި ބޭނުންކުރާ މިންވަރާއި ލޭމައްޗަށް ދިއުމާ ގުޅުމެއް ނެތްކަމަށް ދިރާސާއިން ދައްކައެވެ. ދިރާސާކުރި ފަރާތްތަކުން ބުނި ގޮތުގައި، ދުވާލެއްގެ މައްޗަށް ބޯ, ހަކުރު އެކުލެވޭ ބުއިންތަކުގެ ތެރެއިން އެއްތަށި މަދުކޮށް، އޭގެ ބަދަލުގައި ކިރު، ފެން ނުވަތަ ތާޒާ މޭވާ ބޭނުންކުރާ މީހުންނަށް ލޭމައްޗަށް ދިއުމުގެ ނުރައްކާ ކުޑަވެއެވެ. މި ހޯދުންތަކުން ދައްކައިދެނީ، ކުޑައިރުއްސުރެ ހަކުރު އެކުލެވޭ ބުއިންތަކާއި މޭވާގެ ޖޫސް ގިނައިން ބޭނުންކުރުން މަދުކުރުމަށް އާންމު ސިއްހަތާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކުގެ މުހިންމުކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ