އައިއެމްއެފްގެ ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވާކަށް ނުޖެހޭ: ނަޝީދު

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގައި ހިމެނޭ ގައުމުތަކުން ދަރަނީގެ ދަތިކަމުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޕްރޮގްރާމްތަކުގެ ތެރެއަށް ވަންނަން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖެއިން އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖެއް ނަގަން ޖެހޭ ވަރަށް އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވާހަކަދައްކަަމުންދާ ދަނޑިވަޅެއްގައެވެ. ރާއްޖެއަކީ ސީވީއެފްގެ މެންބަރު ގައުމެކެވެ.
ނަޝީދު ވިދާޅުވީ ސީވީއެފް ގައުމުތަކަށް ސީވީއެފް-ވީ20 ސެކްރެޓޭރިއޭޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އޭގެ ތެރޭގައި ކާބަން ޓްރޭޑިން ފަދަ ދަރަނި ކުޑަކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުން ހިމެނޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖެއިން އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާ ތިބެ ބަޔަކު މަސައްކަތްކުރަމުންދާ ކަމަށާއި އެކަން ކުރަމުންދަނީ އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން ކަމަށެވެ.
ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭ ކަން ފާހަގަކޮށް ސައީދު އިތުރަށް ވިދާޅުވީ އިގްތިސޯދީ ހާލަތު އައްނަނީ ކުރިން ލަފާކުރި ވަރަށްވުރެން ވެސް ބާރަށް ރަނގަޅުވަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ