ފްލެޓާއި ގޯތި ދިނުން ލަސްވާތީ އެމްޑީޕީއިން އިހްތިޖާޖުކޮށްފި

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ހުރި ޓަވަރުތަކުން ދޫކުރި ފްލެޓުތައް ހަވާލުކުރުން ލަސްވާތީ، އެމްޑީޕީއިން މިއަދު އިހުތިޖާޖު ކޮށްފިއެވެ.
ފްލެޓާއި ގޯތި ހަވާލު ކުރުމަށް ގޮވާލައި މިއަދު ކުރި އިހްތިޖާޖުގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައްޔިތުންގެ މަޖިލިސް ކައިރީގައި މި އިހްތިޖާޖު ކުރިއަށް ގެންގޮސްފައި ވާއިރު، މަޖިލިސް ހިމެނޭ ސަރަހައްދަކީ "ގްރީން ޒޯނެއް" އެއް ކަމަށް ބުނެ ފުލުހުން ވަނީ އިހްތިޖާޖުގެ ބައިވެރިން މަޖިލީހާ ދުރަށް ގެންގޮސްފައެވެ. މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ މީގެކުރިން މަޖިލިސް ކުރިމަތީ އެކި މައްސަލަ ތަކުގައި އިހްތިޖާޖު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ ނިޔަލަށް ލިސްޓް އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެފައި ވާކަން ފާހަގަކުރައްވާ މީކާއީލް ވިދާޅުވީ މިހާރު އޮކްޓޯބަރު މަސް ނިމުމަކާ ގާތްވެފައި ވާއިރު ލިސްޓު ރީ-އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން އެއްވެސް ގެއެއްގެ ބަލާފައިވާކަން އަދި އެނގިނުލައްވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4000 ފްލެޓް ތަރައްގީ ކުރަމުން އަންނައިރު، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޖިނާއީ ތަހުގީގެއް ކޮށްފައެވެ. ނަމަވެސް އެކަންކަން ނިންމުމަށްފަހު އޮކްޓޯބަރު ފްލެޓުތައް ދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މިފަހުން ވަނީ ބުނެފައެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމާފައިވެއެވެ. ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ