މޫޑީސްއިން ފާހަގަކުރި ހިރާސްތައް ކުޑަކުރަން އިސްލާހުތައް ތަންފީޒުކުރާނަން: ސަރުކާރު

ފިނޭންސް މިނިސްޓްރީންވަނީ މޫޑީސްއިން ފާހަގަކުރި ހިރާސްތައް ބަލައިގަންނަކަން ހާމަކޮށް އެ ހިރާސްތަކުން އަރައިގަތުމަށް މާލީ އިސްލާހުތައް ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ހިފަހެއްޓުމަށް ނިންމިއިރު މުސްތަގުބަލުގެ އަންދާޒާއާ ގުޅިގެން ފާހަގަކުރި ހިރާސްތައް ކުޑަކުރުމަށްޓަކައި ރާވާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފި އެވެ. 
ކްރެޑިޓް ރޭޓިން ބަދަލުކުރުމާ ގުޅިގެން މިރޭ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫޑީސްގެ ނިންމުމުން ރިވެލިވަނީ ދޭދޭ ގައުމުތަކުން ފައިސާ ހޯދުމުގައި ލިބުނު ކާމިޔާބީއާއި އެމްއެމްއޭއިން ތައާރަފުކުރި ބޭރު ފައިސާގެ ގަވާއިދާއި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުގެ ހެޔޮ އަސަރު ކަމަށެވެ. 
އެގޮތުން މޫޑީސްގެ ފިޔަވަޅަށް ބާރު ލިބުނީ އެމްއެމްއޭއިން ރިޒާވް ބޭންކު އޮފް އިންޑިޔާއާއެކު ހެދި ކަރަންސީ ސްވޮޕުގެ ސަބަބުން ބޭރު ފައިސާއަށް އޮތް ޕްރެޝަރު ކުޑަވުމާއި، ފޮރިން ކަރަންސީ ގަވާއިދަށް ގެނައި ބަދަލުން ޓޫރިޒަމް ވިޔަފާރިތަކުގެ އާމްދަނީ ބޭންކުތަކަށް ޖަމާކޮށް މިންވަރެއް މާރުކުރުމުން ބޭންކިން ނިޒާމުގައި ދައުރުކުރާ ޑޮލަރު އިތުރުވާނެކަމަށް ބެލެވޭ ބެލެވުމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.  
އިތުރަށް އެ ބަޔާނުގައި ބުނީ ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލުތަކުގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު އިތުރުވުމުގެ އިތުރަށް ޖުމްލަ ރިޒާވްވެސް މަތިވާނެކަމަށް ބެލެވޭ ކަމަށެވެ. ޑޮލަރުން ނަގާ ޓެކުހާއި ފީގެ ރޭޓުތަކަށް ގެނައި ބަދަލުގެ ސަބަބުން ބޭރު ފައިސާގެ ލިކުއިޑިޓީ ހާލަތު ރަނގަޅުވާނެ ކަމުގައިވެސް އަންދާޒާކޮށްފައިވާކަން އެ މިނިސްޓްރީން ފާހަގަކުރި އެވެ. 
އިމްޕޯޓު އެކްސްޕޯޓު ޑެފިސިޓާއި ބަޖެޓު ޑެފިސިޓު ބޮޑުވުމާމެދު އޮތް ކަންބޮޑުވުމަށް އަލިއަޅުވައިލާ ފިނޭންސްއިން ބުނީ އަންނަ އަހަރު ބަޖެޓުގައި ހިމަނާފައިވާ، ސަބްސިޑީ ނިޒާމު ރަނގަޅުކުރުމާއި އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުން ފަދަ މާލީ އިސްލާހުތަކާއެކު އެ ކަންބޮޑުވުމަށްވެސް ހައްލުތަކެއް ލިބޭނެ ކަމަށެވެ. 
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ގެދޮރުވެރިކަމާއި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުުގެ މަޝްރޫއުތަކަށް ފައިނޭންސްކުރުމަށް އީޖާދީ ގޮތްތަކެއް ހޯދުމަށް ޕްރައިވެޓް ސެކްޓާއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. 
އަދި ތެލުގެ އަގު ހެޖްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމާއެކު އިއާދަކުރަނަވި ހަކަތައިގެ ދާއިރާއިން ފުޅާކޮށް އިންވެސްޓުކުރުމުގެ ތެރެއިން ބޭރުގެ ދާއިރާއިން އޮތް ޕްރެޝަރު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. 
މޫޑީސްއިން ފާހަގަކުރި ހިރާސްތައް ހުރިކަން ގަބޫލުކުރުމާއެކު ސަރުކާރުން ބުނެފައިވަނީ އެ ހިރާސްތަކުން އަރައިގަތުމަށް މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކޮށް ބޭރުގެ ދަރަނީގެ އަދި މާލީ ގޮތުން ހުރި ހިރާސްތަކުން އަރައިގަންނަން މަސައްކަތްކުރާނެ ކަމަށެވެ. 
"ދިވެހިރާއްޖޭގެ އިގުތިސާދީ އިސްލާހީ އެޖެންޑާ" ތަންފީޒުކުރެވުމުން ރާއްޖޭގެ އިގުތިސާދީ ތަރައްގީ ފުޅާވެ ދަރަންޏާއި މާލިއްޔަތު ދެމެހެއްޓެނެވި މިންގަނޑަށް އިއާދަކުރެވޭނެ ކަމުގައި ޔަގީންކަން ސަރުކާރުން ދީފައިވެ އެވެ.  
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ