ޢާއިޝަތު ރަފާޙް ޢަލީ
މީހެއްގެ ހިތާމައެއް އަދި ކުށްތައް ފަރުދާކޮށްދީފިނަމަ ﷲ ތަޢާލާ އެމީހެއްގެ ކުށްތައް ފޮރުވައިދެއްވާ ހިތާމަތައް ފިއްލަވާ ދެއްވާނެކަން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ: «مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا؛ نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ القِيَامَةِ. وَمَنْ يَسَّرَ عَلَى مُعْسِرٍ؛ يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالآخِرَةِ. وَمَنْ سَتَرَ مُسْلِماً؛ سَتَرَهُ اللَّهُ فِي الدُّنْيَا وَالآخِرَةِ. وَاللَّهُ فِي عَوْنِ العَبْدِ مَا كَانَ العَبْدُ فِي عَوْنِ أَخِيهِ. وَمَنْ سَلَكَ طَرِيقاً يَلْتَمِسُ فِيهِ عِلْماً؛ سَهَّلَ اللَّهُ لَهُ بِهِ طَرِيقاً إِلَى الجَنَّةِ. وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ، وَيَتَدَارَسُونَهُ بَيْنَهُمْ؛ إِلَّا نَزَلَتْ عَلَيْهِمُ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَحَفَّتْهُمُ المَلَائِكَةُ، وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ. وَمَنْ بَطَّأَ بِهِ عَمَلُهُ؛ لَمْ يُسْرِعْ بِهِ نَسَبُهُ» رَوَاهُ مُسْلِمٌ بِهَذَا اللَّفْظِ. ⁽¹⁾
އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ، ނަބިއްޔާ ﷺ ގެ އަރިހުން ރިވާ ކުރެއްވިއެވެ: ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”މުއުމިނެއްގެ ކިބައިން ދުނިޔޭގެ ހިތާމަތަކުން ހިތާމައެއް ފިލުވައިދީފި މީހަކަށް، ގިޔާމަތް ދުވަހުގެ ހިތާމަތަކުން ހިތާމައެއް ﷲ އޭނާގެ ކިބައިން ފިއްލަވައި ދެއްވާނެއެވެ. އަދި ދަތި ހާލުގައި ޖެހިފައިވާ ފަރާތަކަށް ފަސޭހަ ކޮށްދީފި މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް ﷲ އޭނާއަށް ފަސޭހަ ކޮށްދެއްވާނެއެވެ. އަދި މުސްލިމަކު ފަރުދާކޮށް (އޭނާގެ ކުށްތައް ފޮރުވައިދީފި) މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ﷲ އޭނާ ފަރުދާކޮށްދެއްވައި (އޭނާގެ ކުށްތައް ފޮރުއްވައި ދެއްވާނެއެވެ.) އަދި (ﷲގެ) އަޅަކު، އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހައި ހިނދަކު، ﷲ އޭނާއަށް އެހީތެރިވުމުގައި ވޮޑިގެންވާނެއެވެ. އަދި އިލްމު (އެބަހީ: ޝަރުޢީ އިލްމު) ހޯދުމަށް ޓަކައި މަގަކުން ހިނގައިފި މީހަކަށް، އެ ކަމުގެ ސަބަބުން ސުވަރުގެއަށް ދާނެ މަގެއް ﷲ އޭނާއަށް ފަސޭހަ ކޮށްދެއްވާނެއެވެ. އަދި ﷲގެ ގެކޮޅުތަކުން ކުރެ ގެކޮޅެއްގައި (އެބަހީ: މިސްކިތެއްގައި) ބަޔަކު އެއްވެ، ﷲގެ ފޮތް އެބައިމީހުންގެ މެދުގައި ކިޔަވައި އުނގެނި ދަސްކުރާ ނަމަ، އެބައިމީހުންގެ މައްޗަށް ސަކީނާ (އެބަހީ: މަޑުމޮޅިކަމާއި ހިތްހަމަޖެހުން) ބާވައިނުލައްވާ ނުދާނެއެވެ. އަދި ރަހުމަތުން އެބައިމީހުން ވަށާލެވޭނެއެވެ. އަދި މަލާއިކަތުން ވެސް އެބައިމީހުން ވަށާލައްވާނެއެވެ. އަދި ﷲގެ ހަޒުރަތުގައިވާ ހަޒުރަތުގައިވާ (މަލާއިކަތުންނަށް) އެ އިލާހު އެބައިމީހުންގެ (ވާހަކަ) ޒިކުރު ކުރައްވާނެއެވެ. އަދި އެ މީހެއްގެ (ހެޔޮ) އަމަލު ލަސްކޮށް (ފަރުވާ ކުޑަކޮށްފި) މީހަކު، އެ މީހެއްގެ ނަސަބުގެ މޮޅުކަމުން އޭނާއަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެއެވެ.“
މިޙަދީޘްގެ ސަބަބުން މީހުންނަށް އެހީތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ މިންވަރު އަންގައިދެއެވެ. އަދި މުސްލިމުންގެ ސިފައަކީވެސް އެއްބައިވަންތަވެ އެއްބައެއްގެ ގޮތުގައި ދެމިތިބުމެވެ. ނަމަވެސް މިހާރުގެ މުޖުތަމަޢުން ފެންނަނީ މީހުންގެ ޢައިބެއް ފެނިއްޖެނަމަ އެވާހަކަ މަޖަލަކަށް މީހުން ކައިރި ދެއްކުމާއި، ޣީބަ ބުނުމާއި ނެތިމޮށުމެވެ. މިކަންކަން ރަނގަޅުވާނީ އަމިއްލަ ފަރުދުން މިކަންކަން އިޞްލާޙްކޮށްގެންނެވެ.
މީގެ އިތުރުން ޢިލްމު ހޯދުމުގެ މުހިއްމުކަން ވެސް މި ޙަދީޘުން އެނގިގެންދެއެވެ. އަދި ކީރިތި ޤުރްއާނާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތައް ތަބަޢަވުމަށްވެސް މި ހަދީޘުން އަންގައިދެއެވެ.
ޤިޔާމަތް ދުވަހު ތިބާގެ ޢައިބުތައް ފޮރުވިގެންވުމަށް އެދެމުހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ