ހިނގާފައި އުޅޭ ސަރަހައްދުގައި ދުއްވާފައި އެ ދިޔައީ ބުޅަލެއްގެ ފުރާނަ ދުއްވާލާފައި!

ހިނގާފައި އުޅޭ ސަރަހައްދުގައި ދުއްވާފައި އެ ދިޔައީ ބުޅަލެއްގެ ފުރާނަ ދުއްވާލާފައެވެ. މިއީ މާލޭ ސަރަހައްދުގައި ވަރަށް އާންމު މަންޒަރެކެވެ. ހާއްސަކޮށް ހުޅުމާލޭގައި ޕޭވްމަންޓާއި ވޯކްވޭތައް މަތީ އުޅަނދު ދުއްވުމަކީ ހިނގަމުންދާ ކަމެކެވެ. އާންމުންގެ ކަންބޮޑުވުން ހުރި މިމައްސަަލައަށް ހައްލު ހޯދުމަށް ބެލެނިވެރި ފަރާތްތަކާއި ޤާނޫނު ތަންފީޛުކުރާ ފަރާތްތައް ވަނީ ނުކުޅެދިފައެވެ.
މިކަމަކީ 2017 ވަނަ އަހަރު އެޗްޑީސީއާއި މިއާންޒް އިންޓަނޭޝަނަލް ކޮލެޖް ގުޅިގެން ކުރިއަށް ގެންދިޔަ ހުޅުމާލޭ ސާވޭގައި ވެސް އާންމުން ފާހަގަކުރި އެއް ކަމެވެ. ހާއްސަކޮށް ޗައިނާ ފްލްޓްތައް (ނެއިބަރހޫޑް އެކެއް) ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ މީހުން މިކަން ފަހަގަކުރިއެވެ.
ދެ ފްލެޓް އިމާރާތުގެ ދޭތެރޭ އޮންނަ ޕެޑެސްޓްރިއަން އޭރިއާ ނުވަތަ ފައިމަގުގައި އުޅޭ ސަރަހައްދުގައި ސައިކަލު ފަދަ އުޅަނދު ދުއްވުމުން ނުރައްކަލަށް ހުށަހެޅެނީ ބުޅާ ފަދަ ޖަނަވާރުތައް އެކަންޏެއް ނޫނެވެ. ކުދިބޮޑު ރައްޔިތުންނެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ޒިޔާރަތްކުރާ މީހުންނެވެ. އެކިއެކި ބޭނުންތަކަށް ހިނގައިބިނގައިވެ އުޅޭ މީހުންނެވެ.
ޝޯޓްކަޓް ހަދާލަން ނޫނީ އަވަސްއަރުވާލަންވެސް ފައިމަގުގައި އުޅެން ހާއްސަ ސަރަހައްދަށް ވެހިކަލް ވަނުމަކީ މަރާ ގުޅިފައިވާ ކަމެކެވެ. އެއްފަހަރަކު ބުޅަލެކެވެ، ދެން ފެންނާނީ މައުސޫމް ކުޑަކުއްޖެއްގެ ފުރާނަދާ މަންޒަރެވެ.
ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރުބާރު ބޮޑުވުމާ ގުޅިގެން އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުވެފައެވެ. ބެލެނިވެރި ކުންފުނި އެޗްޑީސީން މިކަން ފާހަގަކުރެއެވެ. އެހެންވެ އާންމުންގެ ރައްކާތެރި ކަމަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. ހިނގާފައި އުޅޭ ސަރަހައްދުތަކުގައި އެކަން އެނގޭނެހެން ބޯޑުތައް ނުވަތަ ނިޝާންތައް ހަރުކޮށްފައި އެބަ ހުއްޓެވެ. ބައެއް ތަންތަނުގައި ފެންސުވެސް ޖަހާފައި އެބަ ހުއްޓެވެ.
އެކްސިޑެންޓް ނުވަތަ ހެޑް އޮން ކޯލިޝަން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކޮށްފިއެވެ. މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނަގައި ފަރާތްތައް ގަވާއިދާއި އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުމެވެ. އަދި މިކަން އަންގައިދޭ ބޯޑުތައް ވެސް މަގުމަތީގައި ހަރުކޮށްފައިވެއެވެ.
ޑިވައިޑަރު ހަރުކުރުމުގެ އިތުރުން ހިނގާފައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓުތައް ހަރުކޮށްފައިވެއެވެ. އެގޮތުން މި މަސައްކަތުގެ ދަށުން، ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ލައިޓް ހަރުކޮށްފައިވެއެވެ މި ލައިޓްތައް ހުޅުމާލޭގެ ކާރު ބާރު ބޮޑު ޖުމްލަ އަށް ސަރަހައްދެއްގައި ހަރުކުރާނެއެވެ.
މީގެ އިތުރުން ހުޅުމާލޭގެ މަގުތަކުގެ ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުންގެ އިދާރާއާއެކު މަޝްވަރާކޮށް އެކަމުގެ މަސައްކަތްތައް ވެސް ކުރަމުން ދެއެވެ. އެގޮތުން ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ ބަދަލުކޮށް ވީހާވެސް ރައްކާތެރި ގޮތްތަކެއް އަދި އާއްމުންނަށް ފަސޭހަ ވާނެ ގޮތްތަކެއް މި މަސައްކަތްތަކުގެ ތެރެއިން ބަލައި އެ ބަދަލުތައް ގެނެވޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެޗްޑީސީ އިން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލެ އަކީ ރައްކާތެރި މާހައުލަކަށް ހެދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ