މިއަދުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓު އޮފީހުން ވިދާޅުވީ މިއަދާއި މާދަމާ ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރިނަމަވެސް ބޯކޮށް ވާރޭވެހި ވިއްސާރަކުރާނެކަމަށް ނުބެލެވޭކަމަށެވެ.
ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މިއަދުން ފެށިގެން މަޑު މަޑުން އަލިކުރަން ފަށާފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ހޯމަ އަދި އަންގާރަ ދުވަހުވެސް މުޅި ރާއްޖެއަށްވެސް ކެރީގެ އަސަރު ކުރިނަމަވެސް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާނުކުރެވޭނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ކެރީގެ އަސަރުވެސް ކުރާނެކަމަށް ބޮޑަށް ބެލެވެނީ އިރުއޮއްސޭ ގަޑީގައާއި ދަންވަރުގެ ގަޑިތަކުގައިކަމަށް ވިދާޅުވިއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އާދަޔާ ޚިލަފަށް ބާރަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައި ޖެހުންކަމަށްވަނީ ރިކޯޑުކުރެވިފައެވެ. މެޓު އޮފީހުން ވިދާޅުވީ މުޅި ރާއްޖެއަށް ބަލާއިރުވެސް ވައިޖެހޭނީ 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.
މިހާރު ރާއްޖެއަށް ވިއްސާރަ އަލިކުރަމުންދިޔަ ނަމަވެސް މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދާއި ދިމާކޮށް ދެކުނުގެ އަތޮޅުތަކަށް ވައި ބާރުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެހެންނަމަވެސް ޢާއްމުގޮތެއްގައި މުޅި ރާއްޖޭގެ މޫސުންވެސް މިހަފްތާއިން ފެށިގެން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.
މިއަދުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ