ކުނިވެފައި ހުރި ލޭ އެޅުނު މައްސަލަ ތަހުގީގުކުރަން ތެލެސީމިއާ ސޮސައިޓީން ގޮވާލައިފި

ތެލެސީމިއާ ކުދިންތަކަކަށް ކުނިވެފައި ހުރި ލޭ އެޅުނު މައްސަލަ ތަހުގީގުކޮށް، ހާމަކަން ބޮޑު ގޮތެއްގައި އެކަމާ ގުޅޭ މައުލޫމާތު ތެލެސީމިއާ ކޮމިއުނިޓީއާ ހިއްސާ ކުރަމުން ދިއުމަށް މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީން އިއްޔެ ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ކުނިވެފައި ހުރި ލޭ ތެލެސީމިއާ ކުދިންތަކެއްގެ ގަޔަށް ތެލެސީމިއާ ސެންޓަރަށް އެޅުނު މައްސަލައެއް ފެންމަތިވެފައިވާއިރު، އެކަމާ ގުޅިގެން ތެލެސީމިއާ ސޮސައިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ލެޔަކީ ތެލެސީމިއާ ހުންނަ ކޮންމެ މީހެއްގެ ފުރާނައާ ގުޅިފައިވާ ކަމެއް ކަމަށާއި މިފަދަ ކަންކަމަކީ ހިނގައިގެން ނުވާނެ އަދި ހާއްސަކޮށް ތަކުރާރުވެގެންވާނެ ކަމެއް ނޫން ކަމަށެވެ.
ތަފްސީލް - ތެލެސީމިއާ ހުންނަ ކޮންމެ ކުއްޖެއްގެ ގަޔަށް އަޅާ ލެޔަކީ ވެސް ރައްކާތެރި ލެޔެއްކަން ކަށަވަރު ކުރުމަކީ އެ ހިދުމަތްދޭ ފަރާތަށް އޮންނަ އެންމެ އިސް އަދި އެންމެ ފުރަތަމަ ވާޖިބު ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ތެލެސީމިއާ ސޮސައިޓީން ވަނީ ކުނިވެފައި ހުރި ލޭ އެޅުނު ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބަލާ، މިފަދަ ލެޔެއް އެންމެ ކުއްޖެއްގެ ގަޔަށް ވެސް އެޅިގެން ނުވާނެ ހާލަތުގައި، އެ ލޭ އެޅުނު ސަބަބު ތަހުގީގުކޮށް، ހާމަކަން ބޮޑު ގޮތެއްގައި އެކަން ތެލެސީމިއާ ކޮމިއުނިޓީއާ ހިއްސާކުރަމުން ދިއުމަށް ގޮވާލައިފަ އެވެ.
މިއީ ތެލެސީމިއާ ކުދިންނަށާއި ބެލެނިވެރިންނަށް ވެސް ނުތަނަވަސް ވަގުތަކަށް ވާތީ، މިވަގުތު އެ ކޮމިއުނިޓީ އިތުރަށް ނުތަނަވަސް ވާނެ ފަދަ ނުރަނގަޅު މައުލޫމާތު ނުފެތުރުމަށް ވެސް އެ ޖަމްއިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.
"އަދި ކަމާ ބެހޭ ފަރާތްތަކުން މިކަން ތަހުގީގުކޮށް، އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށާއި މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް" ވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
އެނގުން މުހިއްމު - މޯލްޑިވްސް ބްލަޑް ސާވިސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ލޭ ރައްކާކުރާ އައިސް އަލަމާރިއަކަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަން ފާހަގަވި ކަމަށާއި އޭގައި ބަހައްޓާފައި ހުރި ލޭ ޕެކެޓުތަކެއް ތިން މީހެއްގެ ގަޔަށް އެޅިފައި ވިޔަސް އެއީ ކުނިވެފައިވާ ނުވަތަ ތަގައްޔަރުވެފައި ހުރި ލޭ ނޫންކަމުގެ ޔަގީންކަން ސިއްހީ ގޮތުން ބަލާއިރު ލިބޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ