ލައިސެންސެއް ނެތި ދުންފަތުގެ ވިޔަފާރިކުރުން މަނާކުރަނީ

ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް ލައިސެންސެއް ނެގުން ލާޒިމުކޮށް، އެ ލައިސެންސް ނެތި އެއްވެސް ބާވަތެއްގެ ދުންފަތުގެ ވިޔަފާރިއެއް ރާއްޖޭގައި ހިންގުން މަނާކުރަން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކޮންމެ ފަރާތަކާއި، ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން، މި ގާނޫނުގެ ދަށުން މިނިސްޓްރީން ދޫކުރާ ސައްހަ ލައިސެންސެެއް އޮންނަން ވާނެ ކަމަށެވެ.
ނަމަވެސް ހަމައެކަނި ދުންފަތާ ގުޅޭ ވިޔަފާރިއެއް ހިންގުމަށް މި ލައިސެންސް ދުލެއް ނުކުރާނެ ކަމަށާއި މި ލައިސެންސް ހޯދުމަށް އެދި ހުށަހަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ހޯމް މިނިސްޓްރީ އަށް ކަމަށް އިސްލާހުގައިވެ އެވެ. އެ ގަވާއިދުގައި ލައިސެންސް ދޫކުރުމުގެ ޝަރުތުތަކާއި، ލައިސެންސް ފީ ފަދަ ކަންކަން ހިމަނަން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމުގެ ސައްހަ ލައިސެންސެއް ނެތި އެއްވެސް ބާވަތެއްގެ ދުންފަތުގެ ވިޔަފާރިއެއް ރާއްޖޭގައި ހިންގުމަކީ މަނާ ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ. މިކަމާ ހިލާފުވެއްޖެނަމަ 1،000ރ އާއި 1،000،000ރ. އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އަދި އެތަނެއްގެ ވިޔަފާރިކުރުމުގެ ލައިސެންސް ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހުތިޔާރު މިނިސްޓްރީ އަށް ލިބިގެންވެ އެވެ.
ގާނޫނުގައި ބުނާ ކަންކަން ތަންފީޒުކުރުމަށްޓަކާ ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ އަމަލުތަކާއި މެދު ފާރަވެރިވުމަށާއި، ގާނޫނުގެ މާއްދާތައް ތަންފީޒު ކުރަން ޖެހޭ އިދާރާތަކުން، އެ އިދާރާއެއްގައި އެންމެ އިސްފަރާތުގެ ދަށުން އެ މަސައްކަތް ކުރާނެ ވެރިޔަކު އައްޔަންކޮށް އެމީހަކަށް ފުރިހަމަ އިހުތިޔާރާއި ބާރުދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ