މޫސުން ގޯސްވެ ކުދި އުޅަނދުފަހަރުގައި ދަތުރުކުރުން މަނާކޮށްފި

ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ވަރަށް ގޯސްވެ، މޫސުމީ ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) "ވީނިއުސް"އާ ވާހަދެއްކި މީޓްރޮލިޖިސްޓަކު ވިދާޅުވީ، ރެއިން ފެށިގެން މިއަދުގެ މިހާތަނަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ކަމަށެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް މޫސުން އެންމެ ގޯސްވާނެ ކަމަށް ބެލެވެނީ ރާއްގެ ދެކުނުގެ އަތޮޅުތަކަށް ކަމަށް މެތް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކަނޑުތައް ގަދަ ކަމަށް މެޓުން ބުނެއެވެ. މުޅި ރާއްޖެއަށް ވައިޖެހޭ ބާރުމިނަށް ބަލާއިރު ވައިޖެހެނީ ހުލަނގާ ހުޅަނގު އުތުރުން ގަޑިޔަކު 13 މޭލާއި 23 މޭލާ ދެމެދުގައެވެ. ނަމަވެސް ރީނދޫ ސަމާލު ނެރެފައިވާ ދެކުނުގެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައިޖެހުމަކީ ވެދާނެ ކަމެކެވެ.
ރީނދޫ ސަމާލު ނެރެފި ނަމަ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި 9 މީޓަރުން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމާއި އެނޫން ބޭނުމެއްގައި ވެސް ދަތުރުކުރުން މަނާ ވާނެއެވެ. އެހެންކަމުން، މިހާރު ރީނދޫ ސަމާލު ނެރެފައިވާ ދެކުނުގެ ސަރަހައްދުގައި 9 މީޓަރުން ދަށުގެ އުޅަނދުފަހަރު ކަނދުދަތުރުކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް، މިކަމުގައި ސަލާމަތީ ބާރުތަކުގެ އުލަނދުފަހަރު އިސްތިސްނާވާނެއެވެ.
"ވީނިއުސް"އަށް މައުލޫމާތު ދެއްވަމުން، އެ އޮފީހުގެ މީޓްރޮލިޖިސްޓަކު ވިދާޅުވީ ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް ވައިގަދަ ވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމީ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ