ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.ރައީސް އޮފީހުން މިއަދު ބުނީ އެ ކޮމިޝަނަށް އާ މެމްބަރަކު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިވަގުތު ކޮމިޝަންގެ މެމްބަރު ކަން ކުރައްވަމުން ގެންދަވާ އެއް މެމްބަރެއްގެ ދައުރު ހަމަވާން ގާތްވެފައިވާތީ ކަމަށެވެ.ބްރޯޑްކޮމްގެ މެންބަރުންގެ ތެރެއިން މަގާމުގެ މުއްދަތު ހަމަވަނީ މެންބަރު އަމްޖަދު ވަހީދުގެ އެވެ.މެމްބަރުކަމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށުގެ ރިކޯޑާއި ދަރަނީގެ ރިކޯޑު ފޯމު އަންނަ މަހުގެ ފަހެއް އަދި ހައެއްގައި ބަލައިގަންނާނެކަމަށް އިއުލާންގައިވެއެވެ. އެ ދެ ދުވަހު ވެސް ރައީސް އޮފީހުން ފޯމު ބަލައިގަންނާނީ ހެނދުނު 09:30 އިން މެންދުރު 12:30 އާއި ދެމެދުއެވެ.މި މަހުގެ 12 ގައިވެސް ރައީސް އޮފީހުން ވަނީ ބްރޯޑްކޮމްއަށް އައު މެމްބަރަކު އައްޔަންކުރުމަށްޓަކައި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިއެވެ. އެއީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމް އަދާކުރައްވަމުންދިޔަ އަހްމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.ބްރޯޑްކޮމްއަކީ ހަތް މެމްބަރުން ތިއްބަވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ރައީސްއަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސްއަކީ މުހައްމަދު ފަޒީން އެވެ. އެ ކޮމިޝަންގެ މެންބަރުންނަކީ އަމްޖަދު ވަހީދު، އަލީ ޔޫސުފް އަދި އާމިނަތު އަމީނާގެ އިތުރުން ޝިފްލާ އިބްރާހީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ