ނަޝީދު، ރައީސަށް: އިއްތިހާދު ހެދޭ މީހާއަކީ ތިމަންނާއޭ ބުނަން ލަދުވެތި

އެމްޑީޕީގައި ކޯލިޝަނެއް ހެދުމުގެ ގާބިލްކަން ހުރި ހަމައެކަނި މީހަކަށް ހުންނެވީ ތިމަންނާއޭ ބުނުމަކީ ލަދުވެތިކަމެއްކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނާ ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރައްދު ދެއްވައިފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވަމުން ނަޝީދު ވިދާޅުވީ، ސިޔާސީ ނިޒާމުގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަނެއް ހެދުމަކީ އޮންނަ ގޮތެއް ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި އެންމެ ފުރަތަމަ ބުރުގައި ރައްޔިތުން ބޭނުންވާ ގޮތް ހާމަކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. "އެމްޑީޕީއަށް ކިހާ ބައެއްތޯ ތާއީދުކުރަނީ. ޖުމްހޫރީ ޕާޓީއަށް ކިހާ ބައެއްތޯ. އަދާލަތު ޕާޓީއަށް ކިހާ ބައެއްތޯ. ދެން އެހެން ވެސް ޕާޓީއަށް ކިހާ ބައެއްތޯ. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންގެ ފުރުސަތުތަކެއް ނަގައިލުން އެއީ ފުރަތަމަ ބުރުގައި ޓްރާންސެކްޝަނަލް ގޮތަކަށް، ޕާޓީތަކާ މުއާމަލާތްކޮގެން، އެއީ ޓްރާންސެކްޝަނަލް ގޮތަކަށޭ އަޅުގަނޑު މި ދަންނަވަނީ ގަނެ ވިއްކުމުގެ އުސޫލުން ސިޔާސީ ހަރަކާތް ހިންގުން،" ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ސިޔާސީ ގޮތުން ވަކި މަންފާތަކެއް ސީދާ ހޯދައިދޭން އެއްބަސްވެ، ވަކި މަންފާތަކަކަށް ކޯލިޝަނެއް ހަދައި ރައްޔިތުންނަށް ފުރުސަތު ގެއްލުވާލުމަކީ ޑިމަކުރަސީއަށް އެޅޭ ހުރަހެއްކަމަށެވެ. "ތަރައްގީގެ ވަޔަރިންއަކީ ޑިމަކުރަސީ. ވަޔަރިން ޝޯޓު ސާކިޓު ކުރާކަހަލަ ކަމެއް އަޅުގަނޑުމެން ކޮށްފިއްޔާ ތަރައްގީއަށް ހުރަސް އެޅޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ކޯލިޝަނެއް ނުހައްދަވާނެކަމަށް އެ މަނިކުފާނު ސީދާ ގޮތެއްގައި ވިދާޅުނުވެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ އެ މަނިކުފާނަށް އަދާލާތު ޕާޓީގެ ސިޔާސަތުތައް ކަމުދާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޕީޕީއެމާއެކު ރައީސް ނަޝީދަށް މަސައްކަތްކުރުމަށް އޮތް ހަމައެކަނި ހުރަހަކީ އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ކަމަށް ވެސް ވިދާޅުވިއެވެ. ރައީސަށް އޮތް ބުއްދިވެރި ގޮތަކީ އަލުން ކުޅިބައި އެތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ރައީސް ކުރެއްވި ދަތުރުފުޅަށް ފާޑު ވިދާޅުވަމުން ނަޝީދުވަނީ، އައްޑޫއިން މާ ބޮޑު ތާއީދެއް އެމަނިކުފާނަށް ނުލިބޭކަމަށް ވިދާޅުވެފައެވެ. "އަޅުގަނޑެއް ނުޖެހޭ ރައީސް ޞާލިޙަށް ރައްދު ދޭކަށް. އަޅުގަނޑަށް ހީވަނީ އައްޑޫ ރައްޔިތުން އަންނަނީ އެ ކަން ކުރަމުންހެން. ދެން ވަރަށް މަދު ދެއްތޯ. އަޅުގަނޑު ކައިރީގައި ހުޅުދޫ މީހަކު ބުނި ހުޅުދޫއިން އެ ތަނަށް ނެތޭ ދިހަވަރަކަށް މީހުން ވެސް އެއްވެފައި. ދެން މީދޫ މީހުން ވެސް އަޅުގަނޑު ކައިރީ ބުނި، މީދޫއިން މީހަކު ގުޅައިފައި އަޅުގަނޑު ކައިރީ ބުނި، މީދޫއިން ވެސް މީހަކު އެ ކަމަކަށް ނުނިކުތޭ. ދެން ހިތަދޫގައި ވެސް މިގޮތަށް މި ދިޔައީ. މަރަދޫގައި ވެސް، ފޭދޫގައި ވެސް، މަރަދޫފޭދޫގައި ވެސް ދިޔައީ މި ގޮތަށް،" އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ޕްރައިމަރީގައި ނަތީޖާ ނިކުންނާނެ ގޮތް މިހާރު ރައީސް ޞާލިޙަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އަދި ބުއްދިވެރި ގޮތަކަށް ވާނީ ބަލި ގަބޫލުފުޅު ކުރެއްވުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. "ރީތިކޮށް ކުޅޭ މީހުން އަމިއްލައަށް ކުރިއަށް ހުރި ތިން ކުޅި ފެނުނީމާ، ހަތަރު ކުޅި ފެނުނީމާ ދެން ހުސް ބޮނދަށް ވާތަން ފެނުނީމާ އަމިއްލައަށް ބޮނދު ވައްޓާލާނެ. އެއީ އަބަދު ވެސް ރިވެތި އުސޫލު. އަދި އެއީ ޑިމަކުރަޓިކް އުސޫލަކީ ވެސް،" އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް އެންމެ ހެޔޮ ގޮތަކަށްވާނީ، އެ މަނިކުފާނާއެކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނިކުތުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ