މެމްބަރު ގާތް ނޫނަސް، ތޮއްޑޫ ދާއިރާގެ ރައްޔިތުން ބާކީކޮށް ނުލާނަން: ރައީސް

އއ. ތޮއްޑޫ ދާއިރާގެ މެމްބަރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލީޙާ ދެމެދު ގާތް ގުޅުމެއް ނެތްކަމުގައިވީ ނަމަވެސް، އެ ދާއިރާގެ ރައްޔިތުން ބާކީކޮށްނުލައްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން، ތޮއްޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ކަންތައްތައް ކުރަނީ، ރައްޔިތުންގެ އަޑުއަހައިގެން، އެ ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަޝްވަރާއާއެކުގައި ކަމަށެވެ. އަދި، ތޮއްޑޫ ދާއރިާގެ މެމްބަރު، ހަސަން ޝިޔާން އަކީ އެމަނިކުފާނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެއް ނޫން ނަމަވެސް، ދާއިރާގެ ރައްޔިތުން ބާކީކޮށްނުލައްވާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙް ދެއްވިއެވެ.
ތޮއްޑޫގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި އެ ދާއިރާއިން ވެސް އެމަނިކުފާނަށް ފުރިހަމަ ކާމިޔާބީއެއް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި އެ ދާއިރާއަށް ވެސް ބޮޑު ތަރައްގީއެއް ގެނެސްދެއްވުނުކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މެމްބަރު ހަސަން ޝިޔާން، ރައީސް ޞާލިޙާ ގާތުން މަސައްކަތް ނުކުރެއްވި ނަމަވެސް، އެ ދާއިރާގެ ރައްޔިތުން ބާކީކޮށް ނުލައްވާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙް ދެއްވާފައިވާއިރު، މެމްބަރު ޝިޔާން އަކީ އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަނުގެ ތެރެއިން، ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވަނީ، ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތަކާމެދު ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅާއި، އެކަމާމެދު އެ ޕާޓީގެ އިސް ލީޑަރު، ރައީސް ޞާލިޙް ދެކިވަޑައިގަންނަވާ ގޮތާމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.
ފޯރިގަދަވެފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ