ކިންގްސް ކަޕް: ކުލަބް މޯލްޑިވްސް ކަޕުގެ ފައިނަލުގައި ކުޅުނު އާރުއާރުސީއާއި އެސްޓީއޯ އެއް ގްރޫޕަކަށް
މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި ވާދަކުރި ދެ ބާރު ކަމަށްވާ، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާއި ރަނަރަޕް އެސްޓީއޯ ރެކްރިއޭޝަން ކްލަބް، މި އަހަރުގެ ކިންގްސް ކަޕްގެ އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ. ރާއްޖޭގެ ފުޓްސަލްގެ އެންމެ ދުވަސްވީ ހަރަކާތްތައް ހިންގާ ކްލަބް މޯލްޑިވްސްގެ 21 ވަނަ އަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ބާއްވާ މި މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އެޗްޑީސީ އެގްޒިބިޝަން ހޯލުގައެވެ. ކިންގްސް ކަޕުގެ ގުރުނެގުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖާއި ފައިނަލް މެޗުގައި ވެސް ވާދަވެރި ކުޅުމަކަށްފަހު އެސްޓީއޯގެ މައްޗަށް ކުރިހޯދައި، ތަށި އުފުލާލީ އާރުއާރުސީންނެވެ. އެހެންކަމުން، މި ފަހަރުގެ ކިންގްސް ކަޕްގެ ގްރޫޕް ސްޓޭޖު ވެގެންދާނީ އެސްޓީއޯއިން ބަދަލުހިފުމަށް މުޅިން އާ ރޫހެއްގައި ނިކުންނާނެއެވެ. އަދި އާރުއާރުސީން އެމީހުންގެ ރެކޯޑް ދަމަހައްޓަން ކުޅޭނެ ފޯރިގަދަ ކުރިމަތިލުމެއްގެ ގޮތުގައި ފެނިގެންދާނެއެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރާއިރު، ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލާފައެވެ. މުބާރާތުގެ ގުރުނަގާފައިވާ ގޮތް-- އެންމެ ފަހުގެ ދެ ފައިނަލިސްޓުން ހިމެނޭ ގްރޫޕް ބީ ގައި ދެން ހިމެނެނީ ސެކްޓަރ ލީގުގެ ރަނަރަޕް ކްލަބް ހޯކްސް އާއި، ފުވައްމުލަކު ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފީސްޑާ) އެވެ. މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ކްލަބް އެމްޓީސީސީ އާއި، ކްލަބް މޯލްޑިވްސް ކްލެސިކްގެ ޗެމްޕިއަން ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން) އާއި، ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގެ ޗެމްޕިއަން އުތީމު އެފްސީގެ އިތުރުން އޭދަފުށި ފުޓްސަލް ކަޕް 2026 ގެ ރަނަރަޕް އެއިޓީ ފޯ އެފްސީ އެވެ. ކިންގްސް ކަޕުގެ ގުރުނެގުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ގްރޫޕް ސީ ގައި ހިމެނެނީ ރާބަދި ޗެލެންޖުގެ މި އަހަރުގެ ޗެމްޕިއަން ކޯރާ ކޯރާ އާއި، ރިސޯޓް ސުޕަރ ލީގުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ކޮންރެޑް އާއި، އޮފީސް ލީގުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އިތުރުން ކްލަބް މޯލްޑިވްސް ކްލެސިކް 2025 ގެ ރަނަރަޕް ކްލަބް ބިނާރާ އެވެ. މި ފަހަރުގެ މުބާރާތް ރޭވިފައިވާ ގޮތުން، ގްރޫޕް ސްޓޭޖުން ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ އެންމެ ކުރިހޯދާ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން، ތިން ގްރޫޕުން ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެކެވެ. ކްލަބް މޯލްޑިވްސް އިން 2024 ވަނަ އަހަރު ބާއްވަން ފެށި ކިންގްސް ކަޕަކީ، އެ އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުން އެންމެ މަތީ ނަތީޖާ ހޯދާ ޓީމުތަކާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޓްސަލް މުބާރާތްތަކުގެ ތެރެއިން ކްލަބް މޯލްޑިވްސް އިން ކަނޑައަޅާ މުބާރާތްތަކެއްގެ ޗެމްޕިއަން ނުވަތަ ރަނަރަޕް ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ "ޗެމްޕިއަނުންގެ މުބާރާތެކެވެ". ކްލަބް ވެމްކޯ އިން މުބާރާތުގެ ފުރަތަމަ ތަށި ހާސިލްކުރިއިރު، މިދިޔަ އަހަރުގެ ދެވަނަ އެޑިޝަން ކާމިޔާބުކޮށް މިހާރުގެ ޗެމްޕިއަންގެ މަގާމުގައި އޮތީ އާރުއާރުސީ އެވެ. ރާއްޖޭގެ ފުޓްސަލްގެ ފޯރި އާ ހިސާބަކަށް ގެންގޮސްދޭނެ މި ފަހަރުގެ ކިންގްސް ކަޕްގެ ފޯރިގަދަ ކުޅުން ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ މި މެއި މަހުގެ 22 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ހުރިހާ މެޗެއް އެސްއެސްޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ކްލަބް މޯލްޑިވްސްގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ