ހުޅުމާލޭން ހިލޭ ގޯތި ދިނުމުން އެޗްޑީސީ އަށް 15 ބިލިއަން ރުފިޔާ ގެއްލުނު: އޮޑިޓް ރިޕޯޓް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ދެއަކާއި ހުޅުމާލެ ތިނަކުން ހިލޭ ގޯތި ދޫކުރުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 14.85 ބިލިއަން ރުފިޔާ އާއި 15.93 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ގެއްލުން ވެފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުގައި ބުނެފި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ގޯތިތައް ދޫކުރުމުގެ ސަބަބުން އެޗްޑީސީ އަށް ލިބުނު މާލީ ގެއްލުން ވަޒަން ކުރަން ހެދި ހާއްސަ އޮޑިޓަށް ފަހު އިއްޔެ އާއްމުުރި ރިޕޯޓުގައިވާ ގޮތުން ބިން ވެރިޔާ ސްކީމްގެ ދަށުން، އެ ކުންފުނީގެ މިލްކިއްޔާތުގައިވާ 2،841،400 އަކަފޫޓުގެ ބިން ވަކިކުރި އެވެ. އޭގެ ގެއްލުން ވަޒަން ކުރަން ޖެހޭނީ އޮޑިޓް ރިޕޯޓްގައި ބުނި ގޮތުގައި މާކެޓް ރޭޓްގައި އެ ބިންތައް ވިއްކާނެ އަގަށް ބަލައިގެންނެވެ. 
"...ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭއް އަދި ތިނަކުން ބަންޑާރަގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ބިންތައް މާކެޓް ރޭޓް އުސޫލުން ކުންފުންޏަށް އާމްދަނީ ހޯދުމުގެ ގޮތުން ވާދަވެރި ބީލަމެއްގައި ވިއްކައިފި ނަމަ، 14،847،279،200 ރުފިޔާ އާއި 15،932،847،200 ރުފިޔާއާ ދެމެދުގެ އަގެއް ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ"، އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
ރިޕޯޓުގައިވާ ގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެއަކުން 473 މީހަކަށް ދޫކުރި 188 ގޯއްޗަކީ "ބީޗްސައިޑް ގޯތި" ތަކާ އެއްގޮތް، އެ ފަދަ ގޯތިތަކުގެ އަގުގައި ވިއްކޭނެ ތަންތަނެވެ. އެ ގޯތިތަކުގެ ޖުމްލަ ޖާގަ އަކީ 347،600 އަކަފޫޓް ކަމަށް ވާއިރު، މާކެޓް ރޭޓްގައި ވިއްކާ ނަމަ އެ ގޯތި ތަކަށް 2.5 ބިލިއަން ރުފިޔާ ލިބޭނެ އެވެ.
ހުޅުމާލެ ދެއަކުން އެހެނިހެން 1،166 މީހަކަށް 521 ގޯތި ދޫކޮށްފައިވެ އެވެ. އެއީ 909،250 އަކަފޫޓެވެ. އޮޑިޓު ރިޕޯޓްގައި އަންދާޒާ ކޮށްފައިވާ ގޮތުގައި މާކެޓް ރޭޓްގައި އެ ގޯތިތައް ވިއްކި ނަމަ އެޗްޑީސީ އަށް 4.9 ބިލިއަން ރުފިޔާ ލިބޭނެ އެވެ. 
ހުޅުމާލެ ތިނަކުން ޖުމްލަ 2،481 މީހަކަށް 699 ގޯތި ދޫކޮށްފައި ވާއިރު އެ ގޯތިތަކުގެ ޖުމުލަ ޖާގައަކީ 1،584،550 އަކަފޫޓެވެ. އޮޑިޓްރިޕޯޓްގައި ބުނި ގޮތުގައި މާކެޓް ރޭޓުން އެ ގޯތިތައް ވިއްކި ނަމަ އެޗްޑިސީ އަށް 8.4 ބިލިއަން ރުފިޔާ ލިބޭނެ އެވެ. 
ރިޕޯޓްގައި އޮޑިޓް އޮފީހުން ބުނި ގޮތުގައި އެ ބިންތަކުގެ އަގު އަންދާޒާކުރީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު އެޗްޑިސީން، ބިޑް އުސޫލުން ވިއްކި ބިންތަކުގެ ތެރެއިން ބިންވެރިޔާ ސްކީމްގައި ދޫކުރި ގޯތިތަކާ އެއްވަރުގެ ތަންތަނަށް ލިބުނު އަގަށް ބަލައިގެންނެވެ. 
ރިޕޯޓުގައިވާ ގޮތުން އެ ވަރުގެ އަގުހުރި ބިންތައް އެއްވެސް އަގަކާ ނުލައި 4،120 ފަރުދުންގެ މިލްކުވެރިކަމުގެ ދަށަށް ބަދަލުވުމަކީ ދައުލަތުގެ މާލިއްޔާއިން އެ ކުންފުންޏަށް ބޮޑު ހޭދައެއް ކުރަން ޖެހި، އޭގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
"...ބިންވެރިޔާ ސްކީމްގެ ދަށުން މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ދައުލަތުގެ މާލިއްޔަތަށް މީގެ ސަބަބުން ކުރާނެ އަސަރުތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަކާ ނުލައި ކަން ވެސް ފާހަގަކުރަމެވެ،" އޮޑިޓް ރިޕޯޓްގައި ބުންޏެވެ.
އޮޑިޓުން އެނގިފައިވާ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ކޮންމެ މީހަކަށް އެގޮތުން ބަލާއިރު ދައުަލަތުން 3.8 މިލިއަން ރުފިޔާ ހަރަދުވި އެވެ. އެއީ ހިޔާ މަޝްރޫއުގައި ފްލެޓް ލިބުނު މީހަކަށް ހަރަަދުވި ވަރަށް ވުރެ 70 ޕަސެންޓް އަދި ގެދޮރުވެރިޔާ މަޝްރޫއުގައި ފްލެޓް ލިބުނު މީހަކަށް ހަރަދުވި ވަރަށް ވުރެ 63 ޕަސެންޓް ބޮޑު ހަރަދެކެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ