މަޖިލީހުގެ ނައިބު ރައީސަށް ދޭ ކާރާއި ސެކިއުރިޓީ ބޭނުމެއް ނޫން: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް ދޭ ކާރާއި ސެކިއުރިޓީ ހިދުމަތް ހޯދަން އެ މަގާމަށް އަލަށް އިންތިހާބު ވެވަޑައިގަތް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ދެކޮޅު ހައްދަވައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބު ކުރީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކި ކުރަން މައްސަލަ ހުށަހެޅުމުން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ރޭ ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވި ގޮތުގައި އޭނާ އެ މަގާމެއް އެއްގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ.
ނަމަވެސް ހަވާލުވާން ނިންމެވީ ޕީއެންސީގެ ތެރޭގެ މަސްލަހަތާއި ޕާޓީގެ ގުޅުން ވަރުގަދަ ކުރުމަށް ކަމަށާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރި އަށް ވުރެ ގައުމު މުހިންމު ވާތީ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އަމިއްލަ މަސައްކަތުގައި ވަރަށް ބިޒީ މީހެއް. އެކަމަކު މި ގައުމު އަޅުގަނޑަށް މާ މުހިންމު." ސަލީމް ވިދާޅުވި އެވެ.
މަޖިލީހާ ހަވާލުވުމާއެކު ނައިބު ރައީސަށް ދޭ ކާރާއި ސެކިއުރިޓީ ދިނުމަށް މަޖިލީހުގެ އިދާރާ އިން ގުޅި ކަމަށާއި ނަމަވެސް ދެ ކަން ވެސް ބޭނުމެއް ނޫން ކަން އިދާރާ އަށް އެންގެވި ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެން ވެސް މަޖިލީހަށް ދާނީ މިހާރު ވެސް ދާ ގޮތަށް މީހެއްގެ ސައިކަލު ފަހަތުގައި ކަމަށާއި އަދި ސެކިއުރިޓީ ހެއްދެވި ފަރާތާ ހަވާލު ކޮށްފައިވާ ކަން މަޖިލީހުގެ އިދާރާ އަށް އަންގާފައިވާ ކަމަށެވެ.
ސަލީމަކީ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ