ޝަމްއާންގެ ފޯނުގައި ހުރިކަމަށް ބުނި ކޮރަޕްޝަންގެ ހެކީގެ މައުލޫމާތު ހިއްސާކޮށްފައެއް ނެތް: ފުލުހުން

މަގާމުގެ ނުފޫޒު ނަގަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު ކަމަށް ސާބިތުކޮށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދުގެ ފޯނުގައި ހުރި ކަމަށް ބުނާ ކޮރަޕްޝަންގެ ހެކީގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަކީ އޭނާ ފްރޭމް ކުރުމަށްޓަކައި އުފައްދާފައިވާ ކަންތައްތަކެއް ކަމަށް ބުނެ އޭނާ ކުރި ތުހުމަތުތަކަށް ރައްދު ދިނުމަށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ފުލުހުންގެ އަތުގައި އޮތް ޝަމްއާންގެ ފޯނުގެ ޕާސްވޯޑު ވެސް އެއްވެސް އިރެއްގައި ފުލުހުންނަށް އޭނާ ދީފައި ނުވާ ކަމަށެވެ.
"ޖޫން 9، 2026 ވަނަ ދުވަހު މުހައްމަދު ޝަމްއާން، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް މީޑިއާ މެދުވެރިކޮށް ބުނި ނަމަވަސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި ޑިސެމްބަރު 25، 2025 ވަނަ ދުވަހު މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލިފަހުން މިނިވަނެއްގެ ގޮތުގައި އުޅުނުއިރު ވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނާ ހިއްސާކޮށްފައެއް ނުވެ އެވެ،" ފުލުހުން ބަޔާނުގައި ބުންޏެވެ.
ބިދޭސީން ގެނައުމުގެ ކޯޓާ އާއި ވޯކް ޕާމިޓް ދޫކުރުމުގައި ހޯމް މިނިސްޓަރު އިހުސާން ކޮރަޕްޝަން ހިންގާ ކަމުގެ ހެކި ރައީސް މުއިއްޒަށް ހުށަހެޅުމުން، އެއީ ޒާތީ ކަމެއް ކަމަށް ރައީސް ވިދާޅުވި ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވިދާޅުވެއްޖެއެވެ. ޝަމްއާން މިހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ހުކުމް ކުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ބަޔާނުގައި ބުނީ ފުލުހުން ހިންގާ ތަހުގީގުތަކަކީ އެއްވެސް ފަރާތެއް ނުފޫޒެއް ނެތި ވަކި ފަރާތަކަށް ނުޖެހި ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށް ގެންދާ ތަހުގީގުތަކެއް ކަމަށެވެ.
އަދި، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުން ވެސް އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެ މުއައްސަސާއަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއް ތަހުގީގު ކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"ކޯޓަކުން ނިންމާފައިވާ ނިންމުމަކާމެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭނަމަ ނުވަތަ އެ ނިންމުނެއް މުރާޖައާ ކުރަންޖެހޭ ކަމަށް ދެކޭނަމަ، އެކަމަށް އޮންނަ ގާނޫނީ ހައްލަކީ ޝަރުއީ ނިޒާމުގެ ތެރެއިން ލިބިދޭ އިސްތިއުނާފު ކުރުމުގެ ހައްގުގެ ބޭނުން ކުރުން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދެކެމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ފްރޭމްކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އެ މައްސަލަ ތަހުގީގުކުރީ އެއްވެސް ނުފޫޒެއް ނެތި ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނީ، ޝަމްއާންގެ މައްޗަށް އެ މުއައްސަސާއިން ތަހުގީގު ހިންގާފައި ވާނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި ތަހުގީގުގައި ނިންމުންތައް ނިންމާފައި ވާނީ ވެސް ތަހުގީގަށް ލިބުނު މައުލޫމާތަށް ބިނާކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ