މިއަދު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިހާބުގައި ލިބުނު ކާމިޔާބީއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ބޮޑު މޮޅެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.
"އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި ބޮޑު ބަދަލު ކެމްޕޭން ޓީމަށް ނުހަނު ގިނަ ޝުކުރު. މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް. ކެންޑިޑޭޓު މީކާއިލް ނަސީމަށް ވެސް މަރުހަބާ،" ނަޝީދު ވިދާޅުވި އެވެ.
މި އިންތިހާބުގައި މިހާތަނަށް ގުނު ވޯޓަށް ބަލާއިރު ނަޝީދު ވަނީ 70 ޕަސެންޓާ ގާތްކުރާ އަދަދަކަށް ވޯޓު ކަށަވަރުކުރައްވާފަ އެވެ.
"އަޅުގަނޑުމެން އެކަުގައި މަސައްކަތް ކުރާނަން. އަޅުގަނޑު ރައީސް ސޯލިހަށް ވެސް ޓެކްސްޓެއް ކުރިން. އަޅުގަނޑުމެން އާދިއްތަ ދުވަހު އެ މަސައްކަތް ފަށާނަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިވަގުތު ހުންނެވީ އާޓިފިޝަލް ބީޗުގައި ސަޕޯޓަރުންނާއެކު އުފާ ފާޅުކުރެއްވުމަށެވެ.
"ޕާޓީ އަނބުރާ ދިރުވުމަށް އެ ބޭފުޅުން ކުރި މަސައްކަތެއް. ފައްޔާޒު ވެސް ފެށުނީއްސުރެ ފަށައިގެން އަޅުގަނޑާއެކު މަސައްކަތް ކުރައްވަމުން ގެންދެވީ. ހުރިހާ ބެފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ނަޝީދު ވިދާޅުވި އެވެ.
މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 50،176 މީހުންނަށް ލިބެ އެވެ. އޭގެ ތެރެއިން ވޯޓުލުމަށް ނުކުމެފައިވަނީ ކިހާ އަދަދެއް ކަމެއް ނޭނގެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ އެ ޕާޓީގެ އެންމެ ބާރުގަދަ މަގާމެވެ. މީގެކުރިން ވެސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ.
މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ