ޗައިނާއަށް ޖާސޫސްކޮށްދިން އިނގިރޭސި ދެ ރައްޔިތުން ޖަލަށް

އިނގިރޭސިވިލާތުގައި ތިބެގެން ޗައިނާގެ ޖާސޫސީ އިދާރާއަށް މަސައްކަތްކޮށްދިން ބޯޑާ ފޯސް އޮފިސަރަކާއި އޭނާގެ "ހޭންޑްލަރު" ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ނޭޝަނަލް ސެކިއުރިޓީ އެކްޓްގެ ދަށުން ބޭރުގެ ޖާސޫސީ އިދާރާއަކަށް އެހީތެރިވުމުގެ ކުށް ސާބިތުވެ، އުމުރުން 40 އަހަރުގެ ޗީ ލިއަންގް "ޕީޓަރ" ވާއީ 10 އަހަރަށް، އަދި އުމުރުން 65 އަހަރުގެ ޗަންގް ބިއު "ބިލް" ޔުއެން އަށް އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ވާއީގެ މައްޗަށް ދައުލަތުގެ މަގާމެއްގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ވެސް ވަނީ ސާބިތުވެފަ އެވެ. އޭނާ ވަނީ އިނގިރޭސި ހޯމް އޮފީހުގެ ކޮމްޕިއުޓަރު ސިސްޓަމް ބޭނުންކޮށްގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ހޮންކޮންގްގެ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ މައުލޫމާތު ހޯދައި އެމީހުންނަށް ފާރަލާފަ އެވެ.
ޗައިނާ އަދި އިނގިރޭސިވިލާތުގެ ރައްޔިތުކަން އޮންނަ މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވީ މިދިޔަ މަހު ކުރިއަށް ދިޔަ ޝަރީއަތަށް ފަހުގަ އެވެ.
ވާއީއަކީ ކުރިން އިނގިރޭސި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރި މީހެކެވެ. އޭނާ ހީތުރޯ އެއާޕޯޓުގެ ބޯޑާ ފޯސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
އޭނާގެ މަގާމުގެ ހައިސިއްޔަތުން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ މައުލޫމާތު ހިމެނޭ ބޮޑު ޑޭޓާބޭސްއަކަށް ވަނުމުގެ ހުއްދަ އޮވެ އެވެ. އޭނާ ވަނީ އެ ހުއްދައިގެ ބޭނުން ހިފައި، ހޮންކޮންގްގެ ޑިމޮކްރަސީއަށް ވަކާލާތު ކުރާ މީހުންނާ ދެކޮޅަށް ހިންގި ހަރަކާތްތަކުން ސަލާމަތްވުމަށް އިނގިރޭސިވިލާތަށް ހިޖުރަކުރި މީހުން ހޯދައި، އެމީހުންގެ މައުލޫމާތު ޗައިނާގެ އެޖެންޓުންނަށް ފޯރުކޮށްދީފަ އެވެ.
ބޭރުގެ ޖާސޫސީ އިދާރާއަކަށް އެހީތެރިވުމުގެ ކުށުގައި ވާއީއަށް ހަ އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި އިތުރު ހަތަރު އަހަރުގެ ހުކުމެއް ވަނީ އިއްވާފަ އެވެ.
ޔުއެންއަކީ ކުރިން ހޮންކޮންގް ފުލުހުންގެ ތެރޭގައި މަސައްކަތްކުރި މީހެކެވެ. އޭނާ ފަހުން ލަންޑަނުގައި ހުންނަ ހޮންކޮންގް އިކޮނޮމިކް އެންޑް ޓްރޭޑް އޮފީހުގެ އޮފީސް މެނޭޖަރަކަށް މަސައްކަތް ކުރިއިރު، އޭނާއަކީ ވާއީ އާއި ޗައިނާގެ ކަމާބެހޭ ފަރާތްތަކާ ދެމެދު މައުލޫމާތު ބަދަލުކުރުމުގައި މެދުވެރިއަކަށް ހުރި މީހާ އެވެ.
މި މައްސަލައާ ގުޅިގެން، ބޭރު ގައުމުތަކުން އިނގިރޭސިވިލާތުގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުމާއި، އިނގިރޭސިވިލާތުގައި ދިރިއުޅޭ ފަރުދުންގެ މައުލޫމާތު އެހެން ގައުމުތަކުން އެއްކުރާ މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ