މެކްސިކޯއިން ދެކުނު ކޮރެއާގެ މައްޗަށް ހަނި މޮޅެއް، ގަދަ 32 އަށް

ފީފާ ވޯލްޑްކަޕް 2026 ގެ ގަދަ 32 ގެ ބުރަށް ހަނި ތަފާތަކުން ކުރިހޯދާ މުބާރާތުގެ ކޯ ހޯސްޓް މެކްސިކޯ ކޮލިފައިވެއްޖެ އެވެ. ގަދަ 32 ގައި ވާދަކުރާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމާ މުޅި މުބާރާތުގައި ގްރޫޕްތަކުން 3 ވަނަ ހޯދާ އެންމެ ގަދަ 8 ޓީމެވެ.
މިއަދު ހެނދުނު މެކްސިކޯގެ ގުއަޑަލްޖަރާގައި ގްރޫޕް ބުރުގެ ދެވަނަ ބުރުގައި މެކްސިކޯއިން ވަނީ ދެކުނު ކޮރެއާގެ މައްޗަށް 1 - 0 ން ކުރިހޯދާ ނޮކްއައުޓް ބުރަށް ކޮލިފައިވެ އެވެ. މެކްސިކޯއަކީ މިފަހަރުގެ މުބާރާތުގައި ނޮކްއައުޓް ބުރަށް ކޮލިފައިވި ފުރަތަމަ ޓީމެވެ.
މިއަދުގެ މެޗުގައި މެކްސިކޯގެ ލަނޑު ފެނިގެންދިޔައީ 50 ވަނަ މިނެޓުގަ އެވެ. ކޮރެއާގެ ކީޕަރު ކިމް ސެންގްގިޔޫ އަމިއްލަ ޓީމުގެ ކުޅުންތެރިޔާ ލީ ގިހިއުކްގެ ގައިގައި ޖެހި ބޯޅަ އަތުން ދޫވި ވަގުތު ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލައިގެން މެކްސިކޯގެ މިޑްފީލްޑަރު ލުއިސް ރޯމޯ ވަނީ އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
މެކްސިކޯއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: ރޫޓާސް
މެޗުގައި ކޮރެއާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު އެޓީމުން އުފައްދާފައިވަނީ މެޗުގެ 87 ވަނަ މިނެޓުގަ އެވެ. ޗޯ ގުއެސަންގްގެ ކައިރިން ބޮލުން ފޮނުވާލި ބާރު ހަމަލާ މެކްސިކޯގެ ރައުލް ރެންގަލް ދިފާއުކުރި އިރު ޔަންގް ހިއުންޖުންގެ ހަމަލާ ވެސް މެކްސިކޯ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
އޭގެ އިރުކޮޅެއް ކުރިން ކޮރެއާ ކެޕްޓަން ސޮން ހުއެންގްމިން ކީޕަރު ރަންގެލްގެ ބޯމަތިން ހިއްލާލި ބޯޅަ ގޯލު ރޮނގު މަތިން އެޑްސަން އަލްވަރޭޒް ވަނީ ބްލޮކްކޮށްފަ އެވެ. އެހެންނަމަވެސް ކުރީގެ ޓޮޓެންހަމް ފޯވާޑް މި ބޯޅަ ހިއްލާލިއިރު އޭނާ އޮތީ އޮފްސައިޑްގަ އެވެ.
މި މޮޅާއެކު މެކްސިކޯ ސައްތައިން ސައްތަ ރެކޯޑަކާއެކު ވޯލްޑްކަޕްގައި އެއް ފިޔަވަޅު އަނެއްކާވެސް ކުރިއަށް ޖެހިލާއިރު ހަވިއާ އަގުއިރޭގެ މެކްސިކޯ ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި މިވަނީ ދެވަނަ ބުރަށް ދާނެކަން ޔަގީންވެފަ އެވެ.
އެހެންކަމުން ގަދަ 32 ގެ މެޗު އަދި ގަދަ 16 ބުރަށް ދަތުރުކޮށްފިނަމަ އެމެޗު ވެސް މެކްސިކޯއިން ކުޅޭނީ އަމިއްލަ ފަސްގަނޑުގަ އެވެ. އަދި ތޯމަސް ޓުޝެލްގެ އިންގްލެންޑުން އެޓީމު ހިމެނޭ ގްރޫޕް އެލްގެ އެއްވަނަ ހޯދާ ނޮކްއައުޓް ފުރަތަމަ މެޗުން މޮޅުވެއްޖެނަމަ މެކްސިކޯއާ ދެކޮޅަށް ގަދަ 16 ގައި ކުޅުމުގެ ފުރުސަތު އެބައޮތެވެ.
މިއަދުގެ މެޗުން ދެކުނު ކޮރެއާ ބަލިވި ނަމަވެސް އެޓީމު އޮތީ ގަދަ 32 ގެ ބުރަށް ދަތުރުކުރުމަށް ރަނގަޅު މަގާމެއްގަ އެވެ. އެއީ އެޓީމުން މުބާރާތުގެ ފުރަތަމަ މެޗުގައި ވަނީ ޗެކްރިޕަބްލިކްގެ މައްޗަށް ކުރިހޯދާފަ އެވެ. އަދި އަންނަ ބުުރާސްފަތި ދުވަހު މޮންޓްރޭގައި ކޮރެއާއިން ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ. އަދި މެކްސިކޯއިން ނުކުންނާނީ ޗެކްރިޕަބްލިކާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ