ފަސް ދުވަސް ތެރޭ ކަސްޓަމްސްއިން 22،000 ވޭޕް ކާޓްރިޖު އަތުލައިގެންފި

ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ހިންގުނު 3 އޮޕަރޭޝަނެއްގައި 22،309 ވޭޕް ކާޓްރިޖް އަތުލެވިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.
އެގޮތުން ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ބުރާސްފަތި ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި، ޚާއްސަ އޮޕަރޭޝަނެއް ހިންގައި ”ޖެނެރަލް ކާގޯ“ގެ ގޮތުގައި ޑިކްލެއަކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާކަމަށާއި ޖުމްލަ 15،601 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީޚް ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓު ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ހިންގުނު ތިން އޮޕަރޭޝަނެއްގައި 22،309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ.
އެގޮތުން މިމަހުގެ 18 ވަނަ ދުވަހު ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު ވެސް ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ. އެ ތަކެތި ފެނިފައިވަނީ ޝިޕްމެންޓެއްގައި ގާނޫނާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން “ޖެނެރަލް ކާގޯ”ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 14 15 އަދި 17 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ހޯދާފައިވެއެވެ.
ދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ރާއްޖެއަށް ވޭޕް އެެތެރެކުރުމާއި ބޭނުންކުރުން މަނާކޮށް އެފަދަ ތަކެތި އެތެރެކުރާ އަދި ބޭނުންކުރާ ފަރާތްތައް ޖޫރިމަނާކުރަން ފެށީ ޑިސެމްބަރު 15، 2024 ގައެވެ. އެ ފަހުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް އެކި ފަހަރު މަތިން ކަސްޓަމުން އަތުލައިގެންފައިވާއިރު، އެ ތަކެއްޗަށް ކުރި ޖޫރިމަނާގެ އަދަދު 600 މިލިއަން ރުފިޔާއަށް ވުރެ ގިނައެވެ.
ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފިނަމަ 50،000ރ. އިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ