އަފްގާނިސްތާން ބަލިކޮށް ޕާކިސްތާން ޑައިމަންޑް ޖުބިލީ މުބާރާތުގެ ފައިނަލަށް

އަފްގާނިސްތާން އަތުން 2-0 އިން މޮޅުވެ، ޕާކިސްތާނުން، ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ. 
މި މެޗަށް ނުކުތްއިރު، އަފްގާނިސްތާނާއި ޕާކިސްތާނަށް ވެސް އޮތީ މެޗުން މޮޅުވެގެން ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ހުޅުވިފަ އެވެ. ބަލިވި ކަމުގައި ވިޔަސް، މިރޭ ރާއްޖޭން ބަންގްލަދޭޝްގެ ޒުވާން ޓީމާ ކުޅޭ މެޗުން ނުކުންނަ ނަތީޖާއަކުން، ފައިނަލަށް ދިއުުމުގެ ފުރުސަތު އޮތީ ފަހިކޮށެވެ. 
މިއަދުގެ މެޗުން މޮޅުވެ، ޕާކިސްތާނުން ވަނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަަނައިގައި އޮތް އަފްގާނިސްތާނަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ވެސް ފައިނަލުގެ ފުރުސަތު އެބައޮތެވެ. އެއީ، މިރޭ ރާއްޖޭން ބަންގްލަދޭޝްގެ ޒުވާން ޓީމު މޮޅުވިޔަނުދީ ހިފަަހައްޓައިފިނަމަ އެވެ. އެ މެޗު އެއްވަރުވިޔަސް، އަފްގާނިސްތާން ފައިނަލަށްދާނެ އެވެ. ރާއްޖެ ބަލިކޮށްގެން، ބަންގްލަދޭޝް އަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތްއިރު، ރާއްޖެ ވަނީ ފުރަތަަމަ ދެ މެޗުން ބަލިވެ، ކަޓައިފަ އެވެ. 
އެންމެ ފަހުން ކުޅުނު މެޗުގައި، ރާއްޖެ އަތުން 3-0 އިން  މޮޅުވެ، ޕާކިސްތާނުން 962 ދުވަސް ފަހުން އިންޓަނޭޝަނަލް މެޗަކުން ފުރަަތަމަ މޮޅު ހޯދިއިރު، އަފްގާނިސްތާނާ މިއަދު ކުޅުނު މެޗަށް ނުކުންނަން ޖެހުނީ ޓީމުގެ ކެޕްޓަން، އަބްދުﷲ އިގުބާލް ނުލަ އެވެ. ސްވިޑެންގައި ކްލަބް ފުޓްބޯޅަ ކުޅެމުން އަންނަ އިގުބާލްގެ ބަދަލުގައި ޕާކިސްތާނުން ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ، އަޒަރުބައިޖާންގެ ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ އީސާ ސުލައިމާން އެވެ. އޭނާ ވަނީ ފަސް އުމުރުފުރާއެއްގައި އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެފަ އެވެ. 
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ހަތަރު ވަަނަ މިނިޓްގައި ޕާކިސްތާނުން ލީޑުޖެހި އެވެ. މި ލަނޑު ކާމިޔާބުކުރީ އިނގިރޭސި ކްލަބް، ވްރެކްސަމް އަށް ކުޅޭ ފޯވާޑް، އުމަރު ނަވާޒް އެވެ. ރާއްޖެ ކޮޅަށް ވެސް ޕާކިސްތާންގެ ގޯލު ޖެހި ނަވާޒް، އޭރިއާތެރެއިން ލިބުނު ބޯޅަ ވަނީ ތިރިތިރިން ގޯލަށް ވައްދާލައިފަ އެވެ. މިއީ، ޕާކިސްތާންގެ ހުނަރުވެރި ކުޅުންތެރިޔާ، އިނގިރޭސި ފުޓްބޯޅައިގައި ގިނަ އަހަރުތަކެއް ކުޅެފައިވާ އޯޓީޒް ހާން ދިން ބޯޅައަކަށް އަރައި، ޝާޔަކް ދޯސްތު ނަގައިން ހުރަހަކުން ނަވާޒް ޖެހި ލަނޑެކެވެ. 
ރާއްޖޭގެ ރެފްރީ ހުސެއިން ސިނާންގެ ނިންމުންތަކާ މެދު ދެ ޓީމުގެ ކުޅުންތެރިން ވެސް ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔައިރު، އަފްގާނިސްތާނަށް ވަނީ ރަނގަޅު ހިސާބުތަކުން ފުރަތަމަ ހާފުގައި ޖެހުން ފޮނުވާލަން ލިބިފަ އެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި އަފްގާނިސްތާނުން ލަނޑެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ ޓީމުގެ ކެޕްޓަން، އޮމިދު ޕޮޕޯލްޒޭ އެވެ. އިންޑޮނޭޝިއާ ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ޕޮޕޯލްޒޭ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. 
އަފްގާނިސްތާނުން ބަދަލުތަކެއް ގެނެސްގެން އެޓޭކަށް ޖެހިގެން ދެ ވަނަ ހާފުގައި ކުޅެން ފެށި އެވެ. އެކަމަކު، މި ހާފުގައި ވެސް ފުރަތަމަ ހުސް ފުރުސަތު ހޯދީ ޕާކިސްތާނުންނެވެ. އެ ގޮތުން، އެ ޓީމަށް ލީޑުފުޅާކޮށްދޭން މެޗުގެ 60 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން އެ ޓީމުގެ މިޑްފީލްޑަރު، އަލީ އާގާ، މުޅިން ހުސްކޮށް ވަދެފައި ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
މެޗުގެ 60 ވަނަ މިނިޓްގައި ހިލޭޖެހުމަކުން އަފްގާނިސްތާނުން ތަނަވަސްކުރި ފުރުސަތެއްގައި އެ ޓީމުގެ ޕޮޕޯލްޒޭ ބޮލުން ޖައްސާލި ބޯޅައެއް، އޮމިދު އޮސާވީ އަށް ގޯލާ ސީދާކޮށްނުލެވުނެވެ. އޭގެ ހަތް މިނިޓް ފަހުން، އޮމިދު އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ޕާކިސްތާންގެ ކީޕަރު، ޔޫސުފް އިޖާޒް ބަޓް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭ ޕާކިސްތާނުން ދެ ވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ޖެހީ، ހާރޫސް ރަޝީދު އެވެ. މިއީ، އާދިލް ނަބީ ދިން ބޯޅައަކުން ހާރޫން އަލް ރަޝީދު ޖެހި ގޯލެކެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަފްގާނިސްތާން ކީޕަރު، ފައިސަލް އަހުމަދު ހަމީދީ އަތުގައި ޖެހިފަ އެވެ. މި ލަނޑު ޖެހުމުގެ ކުރިން، ޕާކިސްތާންގެ އޯޓީޒް ފޮނުވާލި ޝޮޓެއް ކީޕަރު ހަމީދީ މަތަކުރި އެވެ. އެކަމަކު، ހާރޫން ޖެހި ބޯޅަ ހުއްޓުވޭގޮތެއްނުވި އެވެ. ހާރޫން ވަނީ ބަދަލަކަށް ކުޅެން އަރައި، ރާއްޖެ ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. 
އޭގެ ފަހުން، އަފްގާނިސްތާންގެ ކެޕްޓަން، ޕޮޕޯލްޒޭ، އަށް ގާތްގާތުގައި ދެ ރީނދޫ ކާޑު ދައްކައި ރަތެއް ދެއްކި އެވެ. އޭނާ އަށް ދެ ރީނދޫ ކާޑު ވެސް ދެއްކީ ރެފްރީ ސިނާންގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ނުރުހުން ފާޅުކުރި ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ