2028ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ އެކުގައި ގެންދެވޭނީ މީކާއީލަށް: ސޯލިހް

ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ޕާޓީގެ ޗެއާޕާސަން ކަމަށް މީކާއީލް އަހުމަދު ނަސީމް އިންތިހާބު ކޮށްގެން ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
"އިތުބާރު" ކެމްޕެއިން ޓީމުން ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ރައީސް ސޯލިހް ވިދާޅުވީ އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކޮންމެ ކެންޑިޑޭޓެއް ކުރިމަތިލީ ނަމަވެސް އެންމެން އެކުގައި މަސައްކަތް ކުރުން ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބު ތަކުރާރު ވިޔަނުދިނުމަށް 2028ގެ ރިޔާސީ އިންތިހާބުގައި އެންމެން އެކީގައި ކުރިއަށް ދެވޭނެ އުސޫލުތަކަކާ އެކީގައި ކުރިއަށްދާން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ އާންމު މެންބަރުން އެދެނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުންކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މީކާއީލްއަކީ ވާދަވެރިންނާމެދު ތަފާތު ކުރުމެއް ނެތި އެންމެންނާއެކު މަސައްކަތް ކުރާނެ ބޭފުޅެއް ކަމަށެވެ.
ޗެއާޕާސަން ހޮވުމަށްފަހު ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ މަޖިލީހުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އެއީ ޕާޓީ ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ