ކުރިއަށް އޮތީ މޫސުން ގޯސް 3 ދުވަސް، ދަތުރުކުރާއިރު ސަމާލުވާން އެދެފި

ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކަނޑުދަތުރުކުރާ އެންމެން ސަމާލުވާން މިއަދު އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފްއިން ބުނީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ޚާއްޞަކޮށް މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ. އެހެންވެ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ. ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އޮފީހުން އެދިފައިވެއެވެ. އަދި، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވެސް އެދިފައިވެއެވެ. https://sun.mv/214282 މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރުމަށާއި ދޯނީގައި ލައިސަން ބެހެއްޓުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ. އަދި، ރޭގަނޑު ދަތުރުކުރާނަމަ އިތުރަށް ސަމާލުވުމަށާއި ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އޮފީހުން އެދުނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. "ސަން"އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ، މިހާރު ރާއްޖެއަށް ތަޖުރިބާކުރަމުންދާ ހުޅަނގު މޫސުމުގެ އަސަރު ގަދަވާން ފަށާފައިވާ ކަމަށެވެ. އަދި، މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ. ނަމަވެސް، އަންނަ ހަފުތާގައި މޫސުން އަލިވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ