މާލޭ މޭޔަރަކަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުންނެވިއިރު، 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދޭތެރޭގައި، ސީއެސްއާރުގެ ނަމުގައި ގަނޑުކޮށް ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު، އަލިމަސް ކާނިވާ ސަރަހައްދުން 10 ބިމެއް އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކޮށްލާފައިވާކަން ހާމަވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު 9، 2023 ގައި ބޭއްވިއިރު، ދެ ވަނަ ބުރު ބޭއްވީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލޭ ސިޓީ ކައުންސިލުން އާންމުކުރި މާލެ އާއި ވިލިމާލެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުން ހާމަވި ގޮތުގައި ސީއެސްއާރުގެ ގޮތުގައި ގަނޑުކޮށް ފައިސާ ދައްކަންޖެހޭ ގޮތަށް އެއްވެސް ބިމެއް ސިޓީ ކައުންސިލުން ކުރިން ދޫކޮށްފައެއް ނުވެ އެވެ.
ނަމަވެސް، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ، ސީއެސްއާރުގެ ގޮތުގައި 300،000ރ. ނުވަތަ 500،000ރ. ނެގުމަށް ފަހު އެވެ. އެއީ ކޮން ކަމަކަށް ނެގި ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ. އަދި ބޭނުންކުރި ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ.
ވިޔަފާރީގެ އުސޫލުން މާލެއިން ބިމާއި އިމާރާތްތައް ކުއްޔަށް ދޫކުރާ އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށް ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ 20 އަހަރަށެވެ. އެ ބިންތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 އަދި 28 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އޮތީ ސެޕްޓެމްބަރު 30ގަ އެވެ.
އަލިމަސް ކާނިވާ ސަރަހައްދު -- ފޮޓޯ: އަދަދު
މި ބިންތަކުގެ އިތުރުން ކެފޭ ރެސްޓޯރެންޓު، ގުދަން ހިމެނޭ ގޮތަށް ވިއްސަށް ވުރެ ގިނަ ބިން ކާނިވާ ސަރަހައްދުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުން އާންމުކުރި ބިންތައް ދޫކޮށްފައިވާ ގޮތުގެ ތަފުސީލީ ލިސްޓުން އެނގޭ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި، މާލެ ސިޓީ ކައުންސިލުގެ 157 ބިމުގެ ތެރެއިން 63 ބިން ކުއްޔަށް ދީފައިވެ އެވެ. އެއީ ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ 40 ޕަސެންޓެވެ.
އޭގެތެރޭގައި ކާނިވާ ސަރަހައްދާއި އާޓިފިޝަލް ބީޗު އަދި ރަސްފަންނު ސަރަހައްދުގައި ޓަކްޝޮޕާއި ރެސްޓޯރެންޓު ހިންގަން ދޫކޮށްފައިވާ ބިންތަކާއި ދާރުލްއާސާރު ކުރިމަތީގައި އޮންނަ ހިއްތަން މައިޒާނުގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ލެޑް ޕެނަލްތައް ވެސް ހިމެނެ އެވެ.
އޭގެ އިތުރުން، ވިލިމާލެ ބޯޅަ ދަނޑާއި މާލެ ސިޓީ ނާސަރީ ބިމުގެ އިތުރުން ރޯމަސް މާރުކޭޓާއި އެ ނޫން ވެސް ބައެއް ސަރަހައްދުތަކުގައި ފިހާރަ އާއި ގުދަން ހިންގާ ބިންތައް ހިމެނެ އެވެ.
މާލޭގެ މޭޔަރުކަމަށް މުއިއްޒު އިންތިހާބުވީ އޭޕްރިލް 10، 2021، ގަ އެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މުއިއްޒު އިންތިހާބުވީ އޭގެ ދެ އަހަރާއި ފަސް މަސްދުވަސް ފަހުން ސެޕްޓެމްބަރު 30، 2023، ގަ އެވެ. ވެރިކަމުގެ ހުވާ މުއިއްޒު ކުރެއްވީ ނޮވެމްބަރު 17، 2023، ގަ އެވެ.
މާލެ އާއި ވިލިމާލެއިން އެތައް ބިމެއް މުއިއްޒުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފައިވާއިރު، މާލޭގެ މަގުތަކުން ޕާކިން ޖާގައިގެ ގޮތުގައި އެތައް ސަތޭކަ ޖާގައެއް ވެސް ވަނީ އެމަނިކުފާނުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފަ އެވެ. ނަމަވެސް އެއީ ގާނޫނާ ހިލާފު ކަމެއްކަމަށް، ކުރީގެ ބަންޑާރަ ނައިބު ލަފާ ދެއްވާފައި ވާތީ މިހާރު ވަނީ އެ ޖާގަތަކުގެ އެގްރީމެންޓު އައު ނުކުރަން ނިންމައިފަ އެވެ.
އިންތިހާބުގެ ދެ ބުރު ދޭތެރޭގައި ވެސް ކާނިވާ ސަރަހައްދުން 10 ބިމެއް 20 އަހަރަށް ކުއްޔަށް ދޫކޮށްލިކަން ހާމަވެއްޖެ އިންތިހާބުގެ ދެ ބުރު ދޭތެރޭގައި ވެސް ކާނިވާ ސަރަހައްދުން 10 ބިމެއް 20 އަހަރަށް ކުއްޔަށް ދޫކޮށްލިކަން ހާމަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ