ސިނގިރޭޓު ކާޓަންތައް ވަގަށް ނެގި ފުލުހުން ދެނެގަނެ ފިޔަވަޅު އަޅާނަން: ފުލުހުން ސިނގިރޭޓު ކާޓަންތައް ވަގަށް ނެގި ފުލުހުން ދެނެގަނެ ފިޔަވަޅު އަޅާނަން: ފުލުހުން

ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓަންތައް ވަގަށް ނެގި ފުލުހުން ދެނެގަނެ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ފުލުހުންގެ މުއައްސަސާއިން މިއަދު ދީފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު މިފަދަ ކޮންމެ ކަމަކީ، ބޮޑު އިސްކަމެއް ދީގެން ފިޔަވަޅު އަޅާނެ ކަންކަން ކަމަށެވެ.
"މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ހިދުމަތުން ކުރާނެ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަހުލާގާއި، ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއްކަން އެ މުއައްސަސާއިން ބުންޏެވެ.
މީގެއިތުރުން ފުލުހުންގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުންޏެވެ.
"ފުލުހުންގެ ހިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަން ހިފެހެއްޓިފައި ސާބިތުކަމާއެކު ދެމިތިބެ، އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، މި މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުން ގެންދާ މައިގަނޑު އަމާޒު،" ފުލުހުން ބުންޏެވެ.
ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓަންތަކެއް މަދުވެފައިވާ ދެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އޭގެ ތެރެއިން އެއް މައްސަލައަކީ މެއި 23، ގައި 32 ސިނގިރޭޓު ކާޓަން ބިދޭސީއެއްގެ އަތުން ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ގެނެސްފައި ވަނިކޮށް، އޭގެ ތެރެއިން ހަ ސިނގިރޭޓު ކާޓަން މަދުކަން އެނގުނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
މީގެއިތުރުން ދެ ބިދޭސީއެއްގެ އަތުން ޑިސެމްބަރު 23، 2024، ގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނައި 25 ސިނގިރޭޓު ކާޓަން ގެއްލިފައިވާކަން ވެސް މި މަހުގެ 12، ވަނަ ދުވަހު އެނގުނެވެ.
އެ ދެ މައްސަލަވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭގެއިތުރުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ވެސް އެ ދެ މައްސަލަ ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ